ads
ރައީސް ސޯލިހު: ފޮޓޯ --- އެމްޑީޕީ
ޒަމާނާއި ވަގުތާއި އެކު ޑިމޮކްރަސީގެ ދަންމަރު ނިވިޔަ ދީގެން ނުވާނެ: ރައީސް
ދިވެހިންނަށް ދިވެހިންގެ ހައްގުތައް ހޯދައި ދިނުމަށް ރޯކުރެވުނު ދަންމަރަކީ އެމްޑީޕީ ކަމަށާއި، ޒަމާނާއި، ވަގުތުގެ ސަބަބުން މި ދަންމަރު ނިވިޔަ ދީގެން ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމްޑީޕީގެ ކޮންމެ މެމްބަރަކީ ތައުރީފް ހައްގުވާ މެމްބަރެއް ކަމަށެވެ. ސަބަބަކީ މީގެ ކުރިން ދިވެހިން އުޅެމުން ދިޔަ ބިރުވެރިކަން ނައްތާލާ، ދެމުން ދިޔަ ލާއިންސާނީ އަނިޔާތައް ހުއްޓުވާ އެކަން ބަދަލު ކުރީ އެމްޑީޕީގެ މެމްބަރުންގެ ހިތްވަރުން ކަމަށް ވުމުން ކަމަށެވެ. 

"ވަންނާކަށް ވަކިގެއެއް، ދައްކާކަށް ކޯޓުއަމުރެއް، ފުރިހަމަ ކުރާކަށް ގާނޫނީ އުޖުރާއަތެއް އޭރަކު ނޯވޭ. މިއީ އެދުވަހުގެ ހާލަތު އޮތްގޮތް. ނައްތާލަން ބޭނުންވީ މިދެންނެވި ބިރުވެރިކަން. ބޭއިންސާފާ ލާއިންސާނިއްޔަތާ އަނިޔާ. ހަމައެކަނި މިބަދަލަށް ބެލި ނަމަވެސް އެމްޑީޕީ އަށް، މިޕާޓީއަށް ނިސްބަތްވާ ކޮންމެ މެމްބަރަކަށް ހައްގުވާ ތައުރީފުގެ ކޮޅެއްނެތް." ރައީސް ވިދާޅުވި އެވެ. 

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމްޑީޕީއަކީ، ދިވެހިންނަށް އިންސާފާއި ހަމަހަމަކަމާއި، ހައްގުތައް ހޯދައިދިނުމަށް ރޯކުރެވުނު ދަންމަރު ކަމަށާއި، ޒަމާނާއި ވަގުތު ގެނެސްދޭ އޮޔާ ވައިގެ ސަބަބުން މިދަންމަރު ކަނިވެ، ނިވުނަ ދީގެން ނުވާނެ ކަމަށެވެ. 

ރައީސް ގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އެމްޑީޕީ އުފެދިގެން އައި ދިވެހިންނަށް އެތައް ހައްގެއް ހޯދައި ދިނުމަށް ކަމަށާއި، އެކަންކަން ކުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވިނަމަވެސް އެމްޑީޕީއިން ގިނަ ކަންކަން ހާސިލް ކޮށްފައި ވާކަމަށެވެ. އެހެން ނަމަވެސް އަދިވެސް ގިނަ ކަންކަން ނުކުރެވި ހުރި ކަމަށާއި، އެކަންކަންވެސް ކުރާނެ ކަމަށެވެ. 

"އަދިވެސް ބޭނުންވި ކިތަންމެކަމެއް ނުކުރެވި އެބަހުރި. އެއީ ޕާޓީގެ އެތެރޭގެ ހިންގުން ކަމަށް ވިޔަސް، ގައުމަށް ގެންނަށް ބޭނުންވާ ހެޔޮ ބަދަލުތައް ކަމަށް ވިޔަސް. އަދި ކުރަން އޮތް މަސައްކަތް ގިނަވެފާ ބޮޑު." ރައީސް ވިދާޅުވި އެވެ. 

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު އިސްމާއިލް ފައްޔާޒް އަށް ތައުރީފް ކުރައްވާފަ އެވެ. ރައީސް ވަނީ، އެތެރޭގެ ހިންގުން ލާމަރުކަޒުކޮށް، ރަށްރަށާ އަތޮޅުތަކުގައި ޕާޓީގެ ހަރަކާތްތައް ވަރުގަދަ ކުރުމަށް ފައްޔާޒް އެދެވޭ ބަދަލުތަކެއް ގެންނަވަން ފައްޓަވާފައި ވާކަމަށް ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް