ފޯ ސީޒަނުން ބުނި ގޮތުގައި، މުބާރާތް އޮންނާނީ ހޯމަ ދުވަހުން ފެށިގެން ހަފްތާއަކަށެވެ. އެއީ މި މަހުގެ 22 އިން 29 އަށެވެ. މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު އަންގާރަ ދުވަހު މެންދުރު ފަހަށް ޝެޑިއުލް ކުރެވިފައިވާއިރު ހުޅުވުމުގެ ރަސްމިއްޔާތުގައި ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފު އަދި ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މި މުބާރާތުގައި ބައިވެރިވާ ދިވެހި އެތުލީޓު އިބޫ ބުނި ގޮތުގައި މިފަހަރުވެސް މި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބުމަކީ ހުވަފެނެއް ހަގީގަތަށްވުން ކަހަލަ ކަމެއް ކަމަށެވެ.
ރާޅާ އެޅުމުގެ ދުނިޔޭގެ ޗެމްޕިއަނުންނަށް ދައުވަތު ދީގެން ބާއްވާ މި މުބާރާތް ކުރިއަށްދާނީ ތިން ކެޓަގަރީއަކަށް ބަހާލައިގެން ނެވެ. އެ ތިން ކެޓަގަރީއަކީ ސިންގަލް ފިން، ޑަބަލް ފިން އަދި ތުރަސްޓާގެ ކެޓަގަރީ އެވެ. މުބާރާތް ކުރިއަށްދާނީ މާލެ އަތޮޅު ކުޑަހުރާ ރިސޯޓް ކާރީ އޮންނަ ރާޅާ އަޅާ ފޮއިންޓުގަ އެވެ.