ads
ނަޝީދު އަދި ރައީސް ރޭގެ ކޮންގްރެސްގައި
ނަޝީދު އާދޭސް ކުރެއްވީ އެމަނިކުފާނުގެ އަޑުވެސް އެއްސެވުމަށް ނޫނީ އެކީ ނުދެވޭނެ ކަމަށް
މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން 21ގެ ނިޔަލަށް ކުރިއަށްދާ އެމްޑީޕީގެ މިއަހަރުގެ ކޮންގްރެސްގައި އެ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ކޮންގްރެސްމަނުންނާއި މިއަދު ވާހަކަދައްކަވަން ފައްޓަވަމުން އެންމެ ފުރަތަމަވެސް އެދުނީ މާފަށެވެ. ވިދާޅުވީ، މިއަދުވެސް އަދި މާދަމާވެސް އެއީ ޕާޓީއަށް ފަސޭހަ ދުވަސްތަކަކަށް ނުވާނެ ކަމަށެވެ.
Advertisement

ދެން ވިދާޅުވީ، މިއަދު މިތިބި ގޮތަށް ޕާޓީގައި ތިބެގެން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ޕާޓީގެ ގިނަ ބަޔަކު އެދޭކަން ފާހަގަކުރައްވަމުން ނަޝީދު އެކަން ސިފަކުރެއްވީ އެއީ ޕާޓީން ކުރާ ހަމައެކަނި "އުންމީދެއް" ގެ ގޮތުގަ އެވެ.

"އަަޅުގަނޑުމެންގެ ތެރެއިން އެތައް ބަޔަކަށް ފެނޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދޭން. އަޅުގަނޑުމެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދޭން އެދުނު ނަމަވެސް އެއީ އަޅުގަނޑުމެންގެ އުންމީދު،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމަށް ޕާޓީން ގެންގުޅޭ އެ އުންމީދު ހަގީގަަތަކަށްވުމަށް ވުރެ ބޮޑަށް ގާތީ "ހުވަފެނަކަށް" ވުންކަމަށް ނަޝީދު ގަބޫލުކުރައްވާފަދަ އިޝާރީ ބަސްފުޅުތަކަކުންވެސް މިއަދު ވާހަކަދެއްކެވި އެވެ. އެގޮތުން ފުރަތަމަ އެދުނީ، ހިސާބުތަކަށް ބެއްލެވުމަށެވެ. 

އެ ޕާޓީން 2023 ވަނަ އަހަރުން ފެށިގެން ދެން އޮތް ފަސް އަހަރަށް ދިވެހިރާއްޖޭގެ ޒައާމަތުގައި ތިބެ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހިދުމަތްކުރެވޭނެ ގޮތްތަކެއް ވިސްނުމަކީ ހުދު އެމަނިކުފާނާއި، ރައީސް ސޯލިހު އާއި، މުޅި ޕާޓީގެ ވާޖިބެއް ކަމަށްވެސް ވިދާޅުވި އެވެ. 

"ރަނގަޅަށް ހިސާބު ބައްލަވާ" މިގޮތަށް ވިދާޅުވެ ރައީސް ނަޝީދު ޖައްސަަވަން ފެށި ހިސާބުތައް ތަފްސީލު ކޮށްދެއްވަން ފެއްޓެވި އެވެ. އެގޮތުން 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުދިން 233,000 މީހުންގެ ތެރެއިން 42 އިންސައްތަ މީހުން ވޯޓުލީ, ޕީޕީއެމްގެ ކެންޑިޑޭޓް, ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަށް ކަމަށް ވިދާޅުވި އެވެ. 

"އެއީ 92،800 ވޯޓު. 233,000 އިން 92،800 އުނިކުރީމައި މުޅި ޖުމްލަ ބާކީ މިއޮތީ 135،000 ވޯޓު." ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ހިސާބުގައި ބާކީ އޮތްކަމަށް ވިދާޅުވި 135،000 އަކީ ޖުމްހޫރީ ޕާޓީ އާއި އެމްއާރްއެމް އަދި އަދާލަތާއިއެކު އެމްޑީޕީން ހެދި ކޯލިޝަނާއިއެކު ރައީސް ސޯލިހަށް ކާމިޔާބުކުރެވުނު ވޯޓުގެ އަދަދެވެ. 

ނަޝީދު ވިދާޅުވިގޮތުން އެ 135،000 ވޯޓުގެ 12 އިންސައްތަ ހިއްސާކުރަނީ ޖޭޕީން ނެވެ. އަނެއް ހަ އިންސައްތަ ނެގީ އެމްއާރްއެމް އާއި އަދާލަތު އެކުވެގެންނެވެ.

އެ ހުރިހާ ކަމަކަށް ކަނޑާ ނިންމާލިއިރު، ނަޝީދު ޖެއްސެވި ހިސާބުން ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށް އެކަނި 2018 ވަނަ އަހަރު ނެގުނީ 112،000 ވޯޓެވެ. އެހެންވީމައި އެމްޑީޕީ ބައިބައިވެއްޖެނަމަ އެ ވޯޓު 2023ގައި އެޕާޓީގެ ކެންޑިޑޭޓަކަށް ނުލިބޭނެ ކަމަށް، އަދި މިހާރު މިއޮތް ގޮތަށް އޮވެގެންވެސް 112،000 ވޯޓުން 40 އިންސައްތަ ވޯޓު ގެއްލި 2023 ވަރަށް ބޮޑަށް އުނދަގޫވެގެންދާނެ ކަމަށް ނަޝީދު ލަފާކުރެއްވި އެވެ.

އެހެންކަމުން އެ ޕާޓީ މިހާރު އޮތް ހާލަތުން އަރައިގަތުމަށް ގޮތެއް ހޯދަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

" މި ޕާޓީއަކަށް އަޅުގަނޑު މުހިންމެއް ނޫން، އަދި ރައީސުލްޖުމްހުރިއްޔާވެސް މުހިންމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

މުހިންމީ ރައްޔިތުންނަށް ހެޔޮގޮތުގައި، ވެރިކަންކޮށްދެވި އެމީހުންގެ އާއްމު ހާލަތު ރަނގަޅުގޮތްތަކެއް ހޯދުން ކަން ފާހަގަކުރެއްވި އެެވެ.

"އުކުޅަހު ކޮންގްރެސްގައި ނިޒާމު ބަދަލުކުރަން ވައުދުވި، އެކަމަކު މިހާރު ހަނދާނެއް ނެތް"

މިއަދު ކޮންގްރެސްގައި ވާހަކަދެއްކެވިއިރު، ނަޝީދުގެ މޫނުމަތިން ފެންނަމުންދިޔައީ މާޔޫސްކަމެވެ. ވާހަކަތަކުން ފާހަގަވަމުންދިޔައީ ވެސް މާޔޫސްކަމެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ނުހަނު ދަތި ހާލަތެއްގައި އެމްޑީޕީން ބޭއްވި ބޮޑު މުހިންމު ކޮންގްރެސްގެ ހަނދާންތަކާއި، އެ ކޮންގްރެސްގައި ކުރެވުނު މުހިންމު މަޝްވަރާތަކުގެ ވާހަކަތައްވެސް ނަޝީދުގެ ވާހަކައިގައި މިއަހަރުގެ ކޮންގްރެސްގައި ބައިވެރިވަމުންދާ ކޮންގްރެސް މަނުންނަށް ހަނދާން ކޮށްދެއްވި އެވެ. 

"އުކުޅަހު ކޮންގްރެސްގައި އެގިވަޑައިގަންނަވާނެ މެނިފެސްޓޯގައި ފާހަގަކުރެވުނީ 18 މަސްދުވަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް. އެހެންނަމަވެސް މިއަދު އަޅުގަނޑުމެންގެ ތެރެއިން އެބަޔަކު އެގޮތަކަށް ނުދެކޭ. އަޅުގަނޑު އަހާ ސުވާލަކީ އަދި އެދޭ އެދުމަކީ މި ޕާޓީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރޭތޯ ނުވަތަ ނުކުރޭތޯ އެސުވާލު ނުކޮށް ތިބުން،" ނަޝީދު ވިދާޅުވި އެވެ.

އެހެންކަމުން ޕާޓީތެރޭ އެ ސުވާލު އަލުން އުފައްދާ، ޕާޓީތެރޭ ހައިޖާނު އުފައްދިގެންދާ މަންޒަރު ބަލަން ބޭނުން ނުވާކަމަށް ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ ޕާޓީތެރޭ ހައިޖާނު އުފެދި، ބައިބައިވެގެންދިޔަ ޕާޓީތަކުގެ ތެރެއިން ފެނިގެންދިޔަ "ކުރިމަތީ ހުރި މޭޒު ތަޅައިގެން ދިޔަ މަންޒަރު" ދެކެން ވެސް އެމަނިކުފާނު ބޭނުން ނުވާކަމަށާއި އެ މަންޒަރު ނުވެސް ފެންނާނެ ކަމަށެވެ. 

ނަމަވެސް އެމަނިކުފާނުގެ ހިޔާލާއި ފިކުރުވެސް އަޑުއައްސަވާ، އެކަމަށް އިހުތިރާމުކޮށް ބަސް ގަބޫލުކޮށްގެން އެންމެ އެކީ އޮވެގެން ނޫން ގޮތަކަށް ރައީސް ސޯލިހު އާއިއެކު ރިޔާސީ އިންތިހާބުގައި ކުރިއަށް ނުދެވޭނެ ކަން ނަޝީދު ފާހަގަކުރެއްވި އެެވެ. 

"އެހެންނަމަވެސް ތަކުރާރުކޮށް ދަންނަވާނަން މުޅި ޕާޓީއާއެކު ނޫންގޮތަކަށް 2023ގެ އިންތިހާބަށް އަޅުގަނޑަކަށް ނުނިކުމެވޭނެ. އަޅުގަނޑުގެ އުންމީދަކީ އަދި އަޅުގަނޑު ވަރަށް ބޮޑަށް އެދޭ އެދުމަކީ އާދޭހަކީ، އަޅުގަނޑުގެ ހިތުގެ ހާލިސް ކަމާއިއެކީގައި އަޅުގަނޑު މިދަންނަވަނީ އެކީގައި ތިބެވެން އެބައޮތް. އެކަކު އަނެކަކުގެ ވާހަކަ އަޑުއަހައިގެން ބުއްދިވެރިކަމާއިއެކު ކުރިއަށް ގޮސްފިނަ ކުރިއަށް އޮތް އެތައް ޖީލަކަށްވެސް މި ދުވެހިރާއްޖޭގެ ކަންކަން ނިންމަމުން ގެންދާނީ އެމްޑީޕީ" ވާހަކަ ނިންމަވާލައްވަމުން ރައީސް ސޯލިހުވެސް އިންނެވި ކޮންގްރެސްގައި ނަޝީދު ވިދާޅުވި އެވެ.

އުކުޅަހު ކޮންގްރެސްގައި މަޝްވަރާކުރީ ކޮންކަމަކަށް؟

އެމްޑީޕީގެ އެފަހަރުގެ ޕްރައިމަރީގައި ވާދަކޮށް 43922 މެންބަރުންގެ ތާއީދާއިއެކު 2018ވަނަ އަހަރުގެ ރިޔާސީ ކެނޑިޑޭޓަކަށް ނެެރުމަށް ނިންމާފައި އޮތީ ރައީސް ނަޝީދެވެ. އެހެންނަމަވެސް އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމާއި، ދައުވާތަކުގެ ސަބަބުން އެކަން އެމަގުން ކުރުމަށް ހާލަތު ތަން ނުދިނީއެވެ.

އެފަހަރުގެ އިންތިހާބުގައި އިލެކްޝަން ކޮމިޝަނުން ބަލައިގަންނަ ރިޔާސީ ކެނޑިޑޭޓެއް ނެތިދާނެކަމުގެ ބިރަށް އެފަހަރު އުކުޅަހުގައި ބޭއްވި ކޮންގްރެސްގައި، އޭރުގެ އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު އަދި މިހާރުގެ ރައީސް ސޯލިހްގެ ނަން ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވީ ގަރާރަކާއި އެކުއެވެ. 

އެ ގަރާރުގައި ވަނީ “އިލެކްޝަން ކޮމިޝަނުން މިއަހަރުގެ ރިޔާސީ އިންތިހާބުގެ ކެނޑިޑޭޓުގެ ނަން ހުށަހެޅުމަށް ހުޅުވާލާ ހަމައިންވެސް ރައީސް ނަޝީދަށް ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފިނަމަ މި ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާނެ ކެނޑިޑޭޓަކީ ރައީސް ނަޝީދު ކަމަށް” މިހެންނެވެ. އެހެންކަމުން ރައީސް ސޯލިހްގެ ނަން ހުށަހެޅުއްވި ކަމުގައި ވީނަމަވެސް އޭރުވެސް ތަކުރާރުކޮށް އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް، އެމްޑީޕީން ވެރިކަމަށް ގެންނަން ބޭނުންވީ ރައީސް ނަޝީދެވެ.

ވެރިކަމުގެ މެދުތެރެއިން ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ވެރިކަން ފުރޮޅާލަން ޖެހޭނެކަން މެނިފެސްޓޯގައި ސާފުކޮށް ބުނެފައިވޭ!

“މި ސަރުކާރަކީ އެ ސަރުކާރުގެ މުއްދަތުގެ ތެރޭގައި ވަގުތީ ސަރުކާރެއް ހިންގާނެ އިންތިޒާމްތަކަކާއި އެކު ގާއިމްކުރެވޭ ސަރުކާރެކެވެ. މި ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ފުރަތަމަ ދޮޅުއަހަރު ދިވެހިރާއްޖޭގައި ޓްރާންސިޝަނަލް ޖަސްޓިސްގެ މަސައްކަތް ހިންގާ، ފަނޑިޔާރުގެތަކަށް ރައްޔިތުންގެ އިތުބާރު ބޮޑުކޮށްދޭނެ ބަދަލުތައް ގެނެސް، ޖިނާއި އަދުލުގެ ނިޒާމާއި ފުލުހުން އަދި ސިފައިންގެ މުއައްސަސާ ހަރުދަނާކޮށް މުސްތަގިއްލު މުއައްސަސާތަކުގެ ބޭނުން އެއްމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ހިފޭނޭ ހަމަތަކަކަށް އެ މުއައްސަސާތައް ބަދަލުކުރެވޭނެއެވެ. ފުރަތަމަ އަހަރުތެރޭގައި، މުޅި ދިވެހި ވެރިކަމުގެ ނިޒާމް ބަދަލުކުރެވޭނެއެވެ.” އެމްޑީޕީގެ މެނިފެސްޓޯގައި ވެއެވެ.

ހަތަރު ޕާޓީއެކުވެގެން 2018ވަނަ އަހަރުގެ އިންތިހާބުން ރައީސް ޔާމީން ބަލިކޮށް އެމްޑީޕީން އިންތިހާބު ކާމިޔާބުކުރިިއިރު އެޕާޓީގެ އެއަހަރުގެ އިންތިހާބުގައި ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލި ބޮޑު މެނިފެސްޓޯގައި އޮތީ ރައީސް ސޯލިހް ވެރިކަން ހިންގަވަން ވާނެ ގޮތް ސާފުކޮށް ލިޔެ ބަޔާންކޮށްފަ އެވެ. އެތައް ބައެއްގެ ވޯޓުން ވެރިކަމަށް އައިސް ތާއީދު ލިބެމުންދިޔަޔަސް ރައީސް ސޯލިހް ވެެރިކަމާއި ހަވާލުވީ މި މެނިފެސްޓޯގައި ލިޔެވި ލަގަބުކުރެވުނު “ވަގުތީ ރައީސް”ގެ ހައިސިއްްޔަތުން ނެވެ.

އެގޮތުން 2020 ވަނަ އަހަރުގެ ކުރިއަށް ޤާނޫނު އަސާސީ އިސްލާހު ކޮށް އެއަށް އަމަލު ކުރާން ފަށަންވާނެ ކަމާއި، އިސްލާހު ކުރެވުނު ގާނޫނު އަސާސީ ބަޔާންކުރާ އުސޫލުން ކަނޑައަޅާ ރައީސުލް ޖުމްހޫރިއްޔާއަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާ ކަމާއި ސިފައިންނާއި ފުލުހުންގެ އެންމެ މަތީ ވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އެ މެނިފެސްޓޯގައި ވެއެވެ.

މިއަދު ނަޝީދު ކޮންގްރެސްއަށް ހުށަހެޅި ގަރާރުގައިވެސް ހުރީ ހަމަ މިވާހަކަތެކެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް