މިނިސްޓާރ އަސްލަމް މިފަދައިން ވިދާޅުވެފައިވަނީ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ތިމަރަފުށީ މަގުހެދުމުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހެއް ސާފުކުރުމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، 31 ޑިސެމްބަރު 2019 ގައި ތިމަރަފުށިގެ މަގުހެދުމުގެ މަސައްކަތް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި ހަވާލު ކުރެވިފައިވާކަމަށެވެ. އަދި މަސައްކަތް ހަވާލު ކުރެވިފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން މަސައްކަތް ކުރުމަށް ކަން ފާހަގަކުރައްވާ މިނިސްޓަރު އަސްލަމް ވިދާޅުވީ، 2019 ވަނަ އަހަރާއި 2020 ވަނަ އަހަރުގެ ބަޖެޓް ޖުމުލަކޮށް އެ މަސައްކަތަށް އޮތީ 75.7 މިލިއަން ރުފިޔާކަމަށެވެ. އަދި އާރްޑީސީން މަސައްކަތް ކުރަމުން އަންނަނީ މި މަސް ނިމުމުގެ ކުރިން ތިމަރަފުށީގައި މަގު ހެދުމުގެ މަސައްކަތަކުގެ ޑިޒައިން ކުރުމަށް ބޭނުންވާ ސާވޭތައް ކޮށް އީއައިއޭގެ މަސައްކަތް ފެށުމަށްކަމަށެވެ.
އެހެން ކަމުން ތިމަރަފުށީގެ މަގުހެދުމުގެ މަސައްކަތް އަމަލީ ގޮތުން ފެށިއްޖެ ކަމަށް ގަބޫލުކުރާކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ. އެހެން ނަމަވެސް ތާރުއެޅުމުގެ މަސައްކަތާއި ހަމައަށް ދިއުމަށް އަދި ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރިކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިނިސްޓަރު ވިދާޅުވީ ޑިޒައިން ކޮށް ނިމޭއިރު އެ ޑިޒައިން އަކީ ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ކޮށްފައިވާ ޑިޒައިންއެއްތޯ ޔަގީންކުރުމަށް ދާއިރާގެ މެމްބަރާއި ރަށު ކައުންސިލާއި އެކު މަޝްވަރާ ކުރާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު އަސްލަމް ވިދާޅުވީ ތިމަރަފުށީ މަގުހެދުމުގެ މަސައްކަތް ނިމޭއިރު ފެންހިންދާނެ ނިޒާމުވެސް ގާއިމު ކުރެވޭނެ ކަމަށެވެ.