އިންކްރިމެންޓް ކަންތަކުގައި ޝަރުއީ ދާއިރާގެ އެތައް ސަތޭކަ މުވައްޒަފުންނަށް، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އޮޅުވާލައިފިކަމަށް ބެލެވެނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މައުލޫމާތު ހޯދުމަށް އެދުމުން ލިބުނު ޖަވާބަކާ ގުޅިގެންނެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިންފޮމޭޝަން އޮފިސަރު މަރްޔަމް އައްބާސް ސޮއިކުރައްވާ ދެއްވާފައިވާ ޖަވާބުން އެނގޭ ގޮތުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ކަމުގެ މަގާމާ އައިޝަތު ރިޒްނާ ހަވާލުވެވަޑައިގެންނެވި ފަހުން، މުވައްފުންނަށް ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުގެ ދަށުން ދޭން ޖެހޭ އިންކްރިމެންޓް ހޯދައިދިނުމަށް ކުރެއްވި އެއްވެސް މަސައްކަތެއް ޑޮކިއުމެންޓް ކުރެވިފައެއް ނުވެއެވެ.
ޑީޖޭއޭއިން ފިނޭންސް މިނިސްޓްރީއާ ކޮށްފައިވާ މުއާމަލާތްތަކުގެ ޓައިމްލައިން
9 އޮކްޓޫބަރު 2019: ކުރީގެ ޗީފް އެޑްމިނިސްޓްރޭޓަރ ޑރ. ނަޒީރު، ފިނޭންސް މިނިސްޓްރީއަށް ސްޓެޕް އެލަވަންސް ކަންތަކުގައި ލަފައަކަށް އެދި ސިޓީއެއް ފޮނުއްވި.
13 އޮކްޓޫބަރު 2019: 9 އޮކްޓޫބަރުގައި ލަފައަކަށް އެދި ފޮނުވި ސިޓީ ކެންސަލްކުރި
13 އޮކްޓޫބަރު 2019: ސްޓެޕް އެލަވަންސް ދިނުމަށްޓަކައި އެއް މިލިއަން ދެ ލައްކަ ރުފިޔާ ދޫކޮށްދެއްވުން އެދި ފިނޭންސް މިނިސްޓަރު އަރިހުން ޑރ. ނަޒީރު އެދިވަޑައިގެންނެވި
14 ނޮވެންބަރު 2019: އެދިވަޑައިގެންނެވި ފައިސާ ބަޖެޓުގައި ހިމެނިފައިނުވާ ކަމަށް ވިދާޅުވެ ފައިސާ ދެއްވެން ނެތް ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ޖަވާބު ދެއްވި
-18 ނޮވެންބަރު 2019: މަޖިލީހުން ބަޖެޓް ފާސްކުރިއިރު 27 މިލިއަން ރުފިޔާ މަދުން ފާސް ކުރެއްވި ކަމަށާއި އެހެންކަމުން، ކުރިން އެދިވަޑައިގެންނެވި އެއް މިލިއަން ދެ ލައްކަ ރުފިޔާ ދޫކޮށްދެއްވުމަށް އަނެއްކާވެސް ޑރ. ނަޒީރު، ފިނޭންސް މިނިސްޓަރު އަރިހުން އެދިވަޑައިގެންނެވި
28 ނޮވެންބަރު 2019: ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ހަމަހަމަ ކުރުމުގެ މަސައްކަތް ޕޭކޮމިޝަނުން ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ، ޑރ. ނަޒީރު އެދިވަޑައިގެންނެވި ފައިސާ ދޫކުރެވެން ނެތް ކަމަށް ފިނޭންސުން އަނެއްކާވެސް އެންގި.
މަރިޔަމް އައްބާސް ދެއްވި މައުލޫމާތުން އެނގޭ ގޮތުގައި އިންކްރިމެންޓް ނުވަތަ ސްޓެޕް އެލަވަންސް ކަންތަކާ ގުޅޭ ގޮތުން ދައުލަތުގެ ކަމާބެހޭ އިދާރާއަކަށް، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށް ރިޒްނާ ހަވާލުވެވަޑައިގެންނެވި ފަހުން އެއްވެސް މުއާމަލާތެއް ކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ ޖަނަވަރީ މަހު ރިޒްނާ ސޮއި ކުރައްވައި ކޯޓުތަކަށް ފޮނުއްވި ސަރކިއުލާގައި ބުނެފައިވަނީ ސްޓެޕް އެލަވަންސް ހަމަ ޖެއްސުމަށް ކުރަން ޖެހޭ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާއި މަޝްވަރާކޮށްގެން ހަމަ ޖެއްސުމުގެ މަސައްކަތް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރަމުން އަންނަކަމަށެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އާންމުކޮށްފައިވާ ސަރކިއުލާގައިވާ ގޮތުން ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރެވި، އެނިޒާމުގެ ތެރެއިން %70 އަށްވުރެ މަތިން މާރކްސް ހޯދާ މުވައްޒަފުންނަށް 2009 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރަކު -/200 (ދުއިސައްތަ ރުފިޔާ) މުސާރައިގެ ކުރިއެރުމެއް އައީ ދެމުންނެވެ. މިއީ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދިނުމުގެ ބަދަލުގައި ދެމުން އައީ އެލަވަންސްއެކެވެ. ނަމަވެސް 2009 ވަނަ އަހަރުން ފެށިގެން ދެމުން ދިޔަ މުސާރައިގެ ކުރިއެރުން 2018 ވަނަ އަހަރުން ފެށިގެން ވަނީ ހުއްޓުމަކަށް އައިސްފައެވެ.
މިއެލަވަންސް ދިނުން ހުއްޓިގެން ދިޔަ ސަބަބެއްކަމަށް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަންބަރު 02/2021 (07 ޖަނަވަރީ 2021) ސަރކިއުލަރއިން ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް އަންގަވާފައިވަނީ ދައުލަތުން މުސާރަ އެއް ހަމަކުރުމަށް ޕޭ ރިވިއު ކޮމިޝަނުން މަސައްކަތް ކުރަމުން ގެންދަވާތީ އެހުއްދަ މިނިސްޓްރީ އޮފް ފިނޭންސްއިން ދެއްވާފައިނުވާތީކަމުގައެވެ. މި ސަރކިއުލަރގައި ޑިޕާޓްމަންޓް އިން އިޝާރާތްކޮށްފައިވަނީ ފިނޭންސް މިނިސްޓްރީ އިން އެޑިޕރޓްމަންޓްއަށް 2019 ވަނަ އަހަރު ފޮނުވާފައިވާކަމަށްބުނާ ސިޓީއަކަށެވެ. އެހެންނަމަވެސް އެ ސިޓީ އަދި ސަރކިއުލާ ނެރުނު ފަހުންވެސް ދައުލަތުގެ ބަޖެޓުން މުސާރަދޭ ވަރަށް ގިނަ އިދާރާތަކަށް މުސާރައިގެ ކުރިއެރުމާއި، މުވައްޒަފުންނަށް ބޯނަސް ދިނުމާއި، މުވައްޒަފުންނަށް އެކި އެކި ނަންނަމުގައި ތަފާތު އެލަވަންސް ދީފައިވެއެވެ.
މީގެ އިތުރަށްވެސް ޝަރުޢީ ދާއިރާ ފިޔަވައި ދައުލަތުގެ އެހެން ހުރިހާ މުއައްސަސާތަކަށް، އެއީ ކުންފުންޏެއްކަމަށްވިޔަސް، އެތަންތަނުގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުމުގެ އިތުރަށް، ވަޒީފާގެ ކުރިއެރުމާއި، ބޯނަސްދެމުން ދާކަން ސަރުކާރުން އަންގާ އެންގުންތަކުން ފެންނަން އެބައޮތެވެ.
ޝަރުޢީ ދާއިރާގެ މުވައްޒަފުން ސިފަކުރާ ގޮތުގައި ސްޓެޕް އެލަވަންސްއަކީ ޑިޕާޓްމަންޓްއިން މުވައްޒަފުންނަށް އަދާކުރަންޖެހޭ ދަރަންޏެކެވެ. އެނގިފައިވާ ގޮތުގައި މިހާރު މުވައްޒަފުން ތައްޔާރުވަމުން ދަނީ މިދަރަނި ހޯދުމަށް ޑީޖޭއޭއާ ދެކޮޅަށް ކޯޓަށްދާށެވެ.