ކޮވިޑުގެ އެންމެ ނުރައްކާތެރި ދުވަސްވަރު، ސަރުކާރުގެ މޫނުގެ ގޮތުގައި އާއްމުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯއްދެވި މަބްރޫކްގެ އިސްތިއުފާގެ ސިޓީ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވައިފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަބްރޫކް އިސްތިއުފާ ދެއްވީ ރާއްޖޭން ބޭރުގައި ހުންނަވައިގެންނެވެ. މިކަމާ ގުޅޭ ގޮތުން އޭނާގެ ބަހެއް އަދި ސަރުކާރުގެ ބަހެއް އަދި ނުލިބެއެވެ.
މީޑިއާއާ ގާތް ގުޅުމެއް ބާއްވަވާ، މަބްރޫކް ރަސްމީ ހައިސިއްޔަތުން އެންމެ ފަހުން ޓްވީޓެއް ކުރައްވާފައިވަނީ މި މަހުގެ ތިންވަނަ ދުވަހުއެވެ.
މިނިސްޓަރުގެ ނައިބުގެ ފެންވަރުގައި ތަރުޖަމާނުގެ މަގާމަށް މަބުރޫކް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ކުރީކޮޅުއެވެ. އޭގެ ކުރީން އޭނާ ހުންނެވީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގަ އެވެ. އެ މަގާމު މަބްރޫކޮށް ދޫކޮށްލެއްވި އިރު ރައީސް އޮފީހުގައި ގާއިމްކޮށްފައި އޮންނަ ކޮމިއުނިކޭޝަންސް އޮފީސް ހިންގުމާއި ކޮމިއުނިކޭޝަން ސެކްރެޓަރީގެ ޒިންމާތައް ވަގުތީ ގޮތުން ހަވާލުވެފައި އޮތީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީއެއްގެ މަގާމުގައި ހުންނެވިހިސާން އަލީ ފަހުމީ (ހިސްކޮ) އާ އެވެ.