ads
އޭލެވެލް އިމްތިހާން: ފޮޓޯ/ ގޫގްލް
އޭލެވެލް އެޑެކްސަލް އިމްތިހާންގެ ބަދަލުގައި އޭލެވެލް ކޭމްބްރިޖް އިމްތިހާން
ރާއްޖޭގައި އޭލެވެލް ކިޔަވަމުން އަންނަ ދަރިވަރުންނަށް މިހާރު ދެމުން އަންނަ އެޑެކްސަލް އިމްތިހާންގެ ބަދަލުގައި ކޭމްބްރިޖް އިމްތިހާން ދޭން ނިންމައިފި އެވެ.

މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މަތީ ސާނަވީ ނިންމާ ދަރިވަރުންނަށް ދެމުން އައި އެޑެކްސަލް އިންޓަރނޭޝަނަލް އޭއެސް އަދި އޭލެވެލް އިމްތިހާނުގެ ބަދަލުގައި ކޭމްބްރިޖް އިންޓަރނަލް އޭއެސް އަދި އޭލެވެލް އިމްތިހާނު ދިނުމަށް ނިންމާފައިވާ ކަމަށެވެ. 

އެހެން ނަމަވެސް މި އަހަރު މަތީ ސާނަވީ ގްރޭޑް 11 ގައި ކިޔެވުން ފަށާ ދަރިވަރުންގެ އިމްތިހާނުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

މިނިސްޓްރީން މި އިމްތިހާނަށް ބަދަލު ގެނައުމަށް ނިންމާފައި ވާއިރު، އެޑެކްސަލް އާއި ކޭމްބްރިޖަކީ ވެސް އިނގިރޭސިވިލާތުގެ ދެޔުނިވަސިޓީ އެވެ. މި ދެ އިމްތިހާނުގެ ނަތީޖާއަކީ ވެސް ބައިނަލްއަގުވާމީ ގޮތުން އެއްމިންގަނޑެއްގެ ގޮތުގައި ބަލާ އިމްތިހާނާއި ނަތީޖާތަކެކެ އެވެ.

ބަޔާނުގައި އިތުރަށް ބުނީ އަންނަ އަހަރު ގްރޭޑު 11 އަށް ވަންނަ ދަރިވަރުންނަށް ކެމްބްރިޖް ސިލަބަސް ކިޔަވައިދޭން ފަށާނެ ކަމަށެވެ. އަދި ޖެހިގެން އަންނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި އެ ދަރިވަރުންނަށް ކެމްބްރިޖުގެ އިމްތިހާނު ދީ، ގްރޭޑު 12 ގެ ދަރިވަރުންނަށް 2024 ވަނަ އަހަރު އާ ސިލަބަހަށް ކިޔަވައިދޭން ފަށާނެ ކަމަށް ބުންޏެވެ. 

އެހެން ނަމަވެސް ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ކޭމްބްރިޖް އިން ދެމުން އަންނަ އިމްތިހާނަކީ ފެންވަރު ދަށް އިމްތިހާނެކެވެ. އަދި ދަރިވަރުންގެ ނަތީޖާ ރަނގަޅުވަނީ އެ އިމްތިހާނުގެ ފެންވަރު ދަށްކަމުން ކަމަށްވެސް ބައެއް ފަރާތްތަކުން ދެކެ އެވެ.

މި ގެނެވުނު ބަދަލާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ބަދަލު ގެނައީ ދަރިވަރުންނަށް ފަސޭހަ އަކަށް ކަމަށާއި، އޯ ލެވެލްގައި ކެމްބްރިޖު ސިލަބަސް ކިޔެވުމަށް ފަހު އޭ ލެވެލްގައި އެޑެކްސެލް ސިލަބަސް ކިޔަވަން ޖެހުމުނ ދަރިވަރުންނަށް އުނދަގޫތައް ދިމާވާ ކަމަށެވެ.

ކޭމްބްރިޖް އިމްތިހާނުގެ ފެންވަރު ދަށްވުމުން ދަރިވަރުންގެ ނަތީޖާ ރަނގަޅު ކަމަށް ބައެއް ފަރާތްތަކުން ބުނާ ބުނުމަށް އިޝާރާތް ކޮށް އެޑިއުކޭޝްން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ، ދަރިވަރުންގެ ނަތީޖާ ރަނގަޅު ވަނީ އިމްތިހާނުގެ ފެންވަރު ދަށްވުމުން ނޫން ކަމަށާއި، ދަރިވަރުންގެ ނަތީޖާ ރަނގަޅު ވަނީ ދަރިވަރުން ކުރާ މަސައްކަތުގެ ސަބަބުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް