މިނިސްޓަރު އަސްލަމް މިގޮތަށް ވިދާޅުވީ، މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަލިކާއި ގުޅިގެން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ނެވެ.
ޖާބިރު ވަނީ، މަލިކު ރާއްޖޭގެ ރަށަކަށް ނުވީ ކީއްވެތޯ އާއި، ރާއްޖޭގެ ޓެރޮޓަރީ އިންސްޕެންޝަނާއިމެދު މިނިސްޓަރު އަސްލަމް ގެންގުޅުއްވާ ވިސްނުން ސާފުކޮށްދިނުމަށް އެދިފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ބައިނަލް އަގުވާމީ ގޮތުން އެންމެނަށް އެއްބަސްވެވޭ ޓެރޮޓަރީތަކެއް ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އޮންނަކަމަށާއި، ރާއްޖޭގެ ސަރަހައްދުތަކާއި ގުޅޭގޮތުން ދެބަސްވުމެއް ދިވެހީންގެ އޮތްކަމަށް ވެސް ގަބޫލުނުކުރައްވާ ކަަމަށެވެ. އަދި މަލިކަކީ ދުވަހަކުވެސް ރާއްޖޭގެ ރަށެއް ނޫން ކަމަށާއި، އެކަމާއި ދެބަސްވާ ބަޔަކު ދިވެހީންގެ ތެރޭގައި ނުވެސް އުޅޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ ބައެއްގެ ގޮތުގައި މަލިކު އޮއްވައި، އިންޑިއާ އިން އެ ރަށް ނަގަން ޖެހުނީ ކީއްވެތޯ ބަލަން ޖެހޭ ކަމަށް ބުނެ ޖާބިރު މީގެ ކުރިންވެސް ވަނީ ވާހަކަދައްކަވާފަ އެވެ. މަލިކުގެ މައްސަލައިގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަޖިލީހަށް ހާޒިރު ކުރައްވައި ސުވާލު ކުރައްވާނެ ކަމަށްވެސް މީގެކުރިން ޖާބިރު ވިދާޅުވި އެވެ.
މަލިކަކީ ހިންދުސްތާނުގެ ލަކްޝަދްވީޕް ޖަޒީރާގެ ތެރޭގައި ހިމެނިފައިވާ 2 ވަނަ އަށް އެންމެ ބޮޑު ރަށެވެ. މި ރަށް އޮތީ ދިވެހިރާއްޖެ އަށް ވުރެ އުތުރުގަ އެވެ. މި ރަށާ އެންމެ ކައިރީގައި އޮތް ރަށަކީ ދިވެހިރާއްޖޭގެ ރަށެއް ކަމުގައި ވާ ހއ. ތުރާކުނެވެ. އިދާރީ ގޮތުން މަލިކަކީ ހިންދުސްތާނުގެ ލަކްޝަދްވީޕް ޓެރިޓަރީގެ ދަށުން ހިނގާ ރަށެކެވެ.
މަލިކާއި ރާއްޖެއާއި އޮތްގުޅުން ތާރީހީ ލިއުންތަކުން
ތާރީހީ ބައެއް ލިއުންތައް ބުނާގޮތުން، މަލިކު އަތޮޅަކީ، ކުރިން ދިވެހިރާއްޖޭގެ އަތޮޅެކެވެ. ނަމަވެސް ޖޯގްރަފީ އާއި އިޖުތިމާއީ ހާލަތު ނިޔާކުރި ގޮތުން އެ އަތޮޅު ވަނީ ދިވެހިރާއްޖެއިން ވަކިވެފަ އެވެ. މީލާދީ ސަނަތުން 16 ވަނަ ޤަރުނުގެ މެދުތެރެއަށްވުރެ ކުރީގައި މަލިކު އަތޮޅު ތަމްސީލުކުރަނީ، ދިވެހިރާއްޖޭގެ އެންމެ އުތުރު ކޮޅުގެ ސަރަހައްދު ކަމަށް ބުނެވެ އެވެ. މިހާރުވެސް ރާއްޖޭގެ ރަށްތަކާއި، މަލިކުގެ ސަގާފަތާއި އާދަކާދައާއި ބަހުރުވަ އެއްގޮތެވެ.
ނަަމަވެސް މިހާރު މަލިކު އަތޮޅު އޮންނަނީ އިދާރީ ގޮތުން އިންޑިއާގެ ލަކްޝަދުވީޕުގެ ދަށުގަ އެވެ. ދިވެހިރާއްޖެއިން ވަކިވެގެން އިންޑިއާގެ ދަށަށް ދިޔައީ މަލިކު މީހުން އަމިއްލައަށް ކަމަށް ތާރީހީ ލިއުންތަކުގައި ވެއެވެ. އެމީހުން އެގޮތް ބޭނުންވީ، ދިވެހިރާއްޖެއިން އެމީހުންނަށް ކުރިމަތިވަމުންދިޔަ ބައެއް ފިއްތުންތަކުގެ ސަބަބުން ކަމަށް ބުނެވެ އެވެ.
އިންޑިއާ އާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ރަސްމީ ގޮތުން ކަނޑައެޅި އެކަމުގެ މުއާހަދާއަށް އެއްބަސްވެވުނީ، 1976 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެތެރޭގައި ކަމަށްވެ އެވެ. އެ މުއާހަދާގައިވާ ގޮތުން މަލިކު ގޮސްފައިވަނީ، އިންޑިއާގެ ސަރަހައްދަށެވެ. އެހެންކަމުން މިހާރު މަލިކު ހޯދަން ދިވެހިންނަށް ދައުވާކުރާނެ އެއްވެސް ޖާގައެއް ނެތްކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ.
ނަމަވެސް، 1982 ވަނަ އަހަރު ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އޭރުގެ މިނިސްޓަ އޮފް އެޓޯލްސް، އަބްދު ﷲ ހަމީދު ވަނީ، މަލިކަކީ، ދިވެހިރާއްޖޭގެ ބައެއް ކަމަށް ބުނެފަ ކަމަށް ވެއެވެ. އޭނާއަކީ ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމުގެ އެއްބަފާ އަހެކެވެ.
ތާރީހީ ލިއުންތަކުން އެގޭގޮތުން ހަމީދުގެ މިވާހަކަފުޅާއި ގުޅިގެން އިންޑިއާ އާއި، ދިވެހިރާއްޖެއާ ދެމެދުގައި ސިޔާސީ މައްސަލައެއް އޭރު އުފެދުނެވެ.
އެމައްސަލަ ހައްލުކުރުމަށްޓަކައި، ރައީސް މައުމޫނު، އޭނާގެ ކޮއްކޮ ހަމީދުގެ ވާހަކަ ތަރުޖަމާކުރަން މަޖުބޫރުވި ކަމަށާއި، މައުމޫނު ތަރުޖަމާކުރެއްވީ، ހަމީދުގެ މަގުސަދަކީ، "ދިވެހިރާއްޖެއާއި މަލިކާ ދެމެދުގައި، ބަހާއި، ސަގާފަތާއި، ދީނުގެ ގޮތުން ގުޅުންތަކެއް ވާކަމެވެ. މަލިކު ހޯދުމަށްޓަކައި ދައުވާއެއް އުފުލާކަށް ދިވެހިރާއްޖެއަކުން ނޫޅޭނެ އެވެ." މިގޮތަށެވެ.
ރައީސް މައުމޫނުގެ މި ތަރުޖަމާއިން އެ މައްސަލަ ނިމުމަކަށް އައިކަމަށް ލިއުންތަކުގައި ވެއެވެ.