އަޅުގަނޑުގެ މިސިޓީ ހިއްސާ މިކޮށްލަނީ އަޅުގަނޑުގެ ވަރަށް ބޮޑު ކަން ބޮޑުވުންތަކެއް ހުރެގެން އެ ކަންކަން ދަންނަވާލުމަށެވެ.
ދައުލަތުގެ މުދަލާއި ފައިސާއަކީ، އެމައްޗަށް ކޮންމެވެސް ބަޔަކު އަބަދުވެސް ޒިންމާވާންޖެހޭ ގޮތަށް އެތުރިފައިވާ ހިންގުމުގެ ނިޒާމެއް އޮންނަ ދާއިރާއެކެވެ. ހިދުމަތެއް ދޭ ތަނެއްކަމުގައިވިޔަސް، އަދި ގަނެވިއްކުމުގެ ވިޔަފާރި ކުރުމުގައިވިޔަސް ކޮންމެވެސް ހަވާލުދާރަކު އެތަނަކަށް ހަމަޖައްސާފައި ހުންނާނެއެވެ.
ނަމަވެސް މިހާރު އިވޭ އަޑުތަކަށާއި ފެންނަ މަންޒަރުތަކުން ސަރުކާރުގެ މުދަލާއި ފައިސާއަށް ގެއްލުންވެ އިހުމާލެއް ފެންމަތިވާ ކޮންމެ ފަހަރަކު އެކަމުގެ ޒިންމާ އުފުލަންޖެހެނީ އިދާރާއަށެވެ. އެމްއެމްޕީއާރުސީ ކިޔާ ދައުލަތުގެ ކުންފުންޏަކުން އެތައް މިލިޔަން ރުފިޔާއެއް ގެއްލިގެން ހޯދާއިރު، އެތައް ބަޔަކު އެ ފައިސާއިން މުއްސަނދިވިކަމަށް ވާ ގޮވާހެން ރަށުތެރޭގައި ގޮވާ، އެކަމުގައި ބައިވެރިވި މީހުންގެ ލިސްޓް ދައުވަތުކާޑުހެން ބަހާއިރުވެސް، އެކަމުގައި ޒިންމާ އުފުލާންޖެހޭ މީހަކު ހުރިކަމަކަސް ނުވެއެވެ.
ކޮވިޑްގެ ނުރައްކާތެރިވަބާގެ ހާލަތުގައި، އެކަމަށް ރައްކާތެރިވުމަށްޓަކައި ގެންނާންޖެހުނު ވެންޓިލޭޓަރުތަކެއް ގެނައުމަށް ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ހަރަދު ކުރިކަން ދައުލަތުގެ ހިސާބު ބަލަހައްޓާ ތަންތަނުގެ ލިޔެކިޔުންތަކުން ފެންނާން އެބަހުއްޓެވެ. ފައިސާ ހަރަދު ކުރީ ގަވާއިދާ ހިލާފަށްކަމަށް ރަށުތެރޭގައި ގޮވާ ނަގަނީ އެވެ. އަދި ގެންނާން ފައިސާ ދިންކަމަށާއި، ތަކެތިވެސް ނުލިބޭކަމަށް ހެކިދޭ މީހުން ހެކިދޭއިރު ވެސް ޒިންމާވާނެ މީހަކު ނެތެވެ.
މިފަހުން ގެޒެޓްކުރެވިފައިވާ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލަ ޕޯސްޓްތަކުގެ ގަވާއިދަށް ބަލައިލުމާއެކު، އަނެއްކާ ވެސް ކަންބޮޑުވުމުގެ އިހުސާސްސެއް ކުރެވެން ފަށައިފި އެވެ. މި ބުނި ގަވާއިދުގެ 19 ވަނަ މާއްދާގެ (ރ) އަދި އެމާއްދާގެ (ޅ) ކިޔާލުމުން ހައިރާންކަމެއް ލިބުނެވެ. ހާއްސަކޮށް (ޅ) ގައި މިނިސްޓަރަށް ފެނިވަޑައިގަންނަވާނަމަ، މި މާއްދާގެ (ރ) ގައި ބުނާ ފައިސާ ބެލެހެއްޓުމަށް ޓްރަސްޓް ފަންޑެއް ގާއިމްކޮށް ޓްރަސްޓް އެކައުންޓެއް ހުޅުވުމަށް ފުރުސަތު ތަންމިނަށް ހުޅުވާލާފައި އޮތުމުންނެވެ. ހާއްސަގޮތެއްގައި މިކަމުގެ ކަންބޮޑުވުން އައީ ކޮންމެވެސް ގައުމަކުން ހަދިޔާކުރި ކާޕެޓެއް ގެއްލިގެން އެކަމުގެ ލަދުވެތިކަން އަދި ފިލަގެން ނުގޮސް އުޅެނިކޮށް އަނެއްކާ މިކަހަލަ ފުރުސަތެއް ހުޅުވާލާފައި އޮތަތީ އެވެ.
މިކަހަލަ އިހުތިޔާރުތައް ހިތަކަށް ލިބުމަކީ ދައުލަތައް ލިބޭ އެއްޗެއް ގެއްލޭކަށް ލަހެއްފަހެއް ވާނެކަމެއް ނޫނެވެ. ގެއްލޭ އެއްޗެއް ނުމެ ފެންނާނެމެއެވެ. އަދި އެކަމަށް ޒިންމާ ވާނެ މީހަކު ވެސް ނުހުންނާނެ އެވެ. އެހެންކަމާއެކު، ހިތުގައި އުފެދޭ ސުވާލަކީ ދައުލަތުގެ މުއައްސަސާތަކުގެ ތެރޭގައި ވެސް ބައެއް ކަންކަން ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވެސް އެބަ ހުންނާންޖެހެ އެވެ. ކޮންމެ އިދާރާއަކުން ފަންޑު ހިންގާކަށް ނުޖެހޭނެތާ އެވެ. މިހާރު ގަވާއިދުގައި އޮތްގޮތަށް ވަޒީރަށް އިހުތިޔާރުތައް ދޫކޮށްލާފައި އޮންނަ ނަމަ އަދި މިގޮތަށް ހުންނަ ގަވާއިދުތައް އުފަންވާން ވެއްޖެ ނަމަ ހައްތާ ވެސް ފެންނާނީ އެމްއެމްޕީއާރުސީގެ ފައިސާ އާ، އާއި، ވެންޓިލޭޓަރާ ކާޕެޓްފަދަ ތަކެތި ގެއްލިގެން އޮފީހުގެ 4 ފާރު ތަހުގީގަށް ހާޒިރު ކުރާންޖެހޭ މަންޒަރެވެ.
ވީމާ އަޅުގަނޑުގެ މިކަން ބޮޑުވުން ހުޅުވާލާފައިވާ ސިޓީއަކުން މާތްމަނިކުފާނަށް މި ދަންނަވަނީ ހުރިހާ ރައްޔިތުންގެ ހައްގުގައި ނަމަވެސް މި ފަދަ ކަންކަން ހިތުހުރި ގޮތަކަށް ކުރަން ގަވާއިދުތަކުންނާއި އުސޫލުތަކުން އަދި ގާނޫނުތަކުން ހުޅުވަމުންދާ ދޮރުތައް ބަންދުކޮށް ރައްޔިތުންގެ އަމާނާތައް ރައްކާތެރިވުމަށް ހަނދާންކޮށް ދިނުމަށެވެ. އަޅުގަނޑު ޔަގީން ކުރަނީ ދައުލަތުގެ މުދަލާއި ފައިސާ ހަމަގޮތުގައި ބޭނުންކޮށްފިކަން، ރޭ ދުވާ އެނގޭ ފަދައިން އެނގި ހާމަވި ނަމަވެސް ހަތަރު ފާރު ކުށްވެރިވާ އުސޫލު ނުގެންގުޅުއްވާ މަނިކުފާނުގެ އިހްލާސްތެރިކަމާއެކު އެ ފަދަކަމެއް ހިނގައިފިނަމަ އެކަމުގައި ޒިންމާވާނެ މީހަކު ހުންނާނެ އުސޫލުން ގަވާއިދުތައް ހަދާ ބަންޑާރަ ފޮއްޓަށް ރައްކާތެރިވާނެ ކަމަށެވެ. ވީމާ މި ވާހަކަ ދަންނަވާލުމަށް މި ފުރުސަތުގެ ބޭނުން ކުރަމެވެ.
އިހްތިރާމް ގަބޫލު ކުރެއްވުން އެދެމެވެ.
24 އޯގަސްޓް 2022
އަލްމުހްލިސް، އަހްމަދު އިނާޒް