އެސްއޯއެފް ކުންފުނީގެ މައި ހިއްސާދާރު ކަމަށްވާ، މުހައްމަދު އައްލާމް ލަތީފް (މޮހޯ)ގެ މައްޗަށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަހުގީގު ހިންގަން ފެށި އެވެ. އެހެން ނަމަވެސް ތަހުގީގު ހިންގަން ފެށުމުގެ ކުރިން މޮހޯ އާއި އިތުރު ބަޔަކު ވަނީ ރާއްޖެއިން ފިލާފަ އެވެ. އެމީހުން ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސްވެސް ނެރުނެވެ.
އެހެން ނަމަވެސް ވެރިކަން ބަދަލުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގެން ފަހުން އެ މީހުން ހޯދުމަށް ނެރުނު އިންޓަޕޯލް ރެޑް ނޯޓިސް ވަނީ ބާތިލް ކޮށްފަ އެވެ.
އެމީހުން ހޯދުމަށް ނެރުނު ރެޑް ނޯޓިސް ބާތިލް ކޮށްފައި ވާއިރު، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ މި މައްސަލަ އާއި ގުޅިގެން މޮހޯގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމާ، މޮހޯ އަކި ވ.އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ދައުލަތުން ހުށަހަޅާ ހެއްކަކަށް ހަދާފަ އެވެ.
މީގެ އިތުރުން ޕީޖީއިން ވަނީ އެސްއޯއެފް ކުންފުންޏާއި އެކުންފުނީގެ ހިއްސާދާރުންގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމާފަ އެވެ.
ރައީސް ޔާމީން އާއި ދެކޮޅަށް ހެކިބަސް ދިނުމަށް މޮހޯ ނިންމާފައި ވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި، އެސްއޯއެފްގެ އެކައުންޓު އަންފްރީޒް ކުރުމަށް ސިވިލް ކޯޓުން ހުކުމް ކުރީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ. އެސްއޯއެފްގެ އެކައުންޓްތައް ދޫކޮށްލާފައި ވަނީ އެސްއޯއެފްގެ އަތުން ފައިސާތަކެއް ހޯދަން އެމްއެމްޕީއާރްސީން ދައުވާ ކުރި މައްސަލައެއްގައި އެކައުންޓްތައް ފްރީޒް ކުރަން ސިވިލް ކޯޓުން ކުރި އަމުރެއް އެކޯޓުން ބާތިލް ކުރުމުންނެވެ.
1.4 ބިލިއަން ރުފިޔާގެ މި ބޮޑު ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމަށް ރައީސް ސޯލިހު އެސެޓް ރިކަވަރީ ކޮމިޝަނެއް އުފެއްދި ނަމަވެސް، ފަހުން އެ ކޮމިޝަންވެސް ވަނީ އުވާލާފަ އެވެ.