ads
ދިއްގަރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
މިއީ ރައްޔިތުންނަށް ކޮށްދޭ، ރައްޔިތުންގެ ވެރިކަމެއް: ރައީސް ސޯލިހް
މިވެރިކަމަކީ ރައްޔިތުންނަށް ކޮށްދޭ ރައްޔިތުންގެ ވެރިކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މ.ދިއްގަރަށް ވަޑައިގެން އެ ރަަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު ވިދާޅުވީ، މި ސަރުކާރު އައިއިރު ރައްޔިތުން ބޭނުންވާ އެތައް ގިނަ ކަންތައްތަކެއް ހުރީ ނުފުދި ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުން އެކަންކަން ކޮށްދިނުމަށް ދިއްގަރު ރައްޔިތުންނަށް ވައުދުވެފައި އޮތް ކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، ދިއްގަރުގެ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމުގައި ސަރުކާރަށް ލިބުނު އެންމެ ބޮޑު ފަސޭހައަކީ ދިއްގަރުގެ ތަރައްޤީއަށް މަސައްކަތްކުރުމުގައި، ސަރުކާރަށް އެއްބާރުލުންދޭ ކައުންސިލެއް އޮތުމާއި ދާއިރާގެ މަޖިލީހުގެ މެމްބަރުގެ ފަރާތުން ލިބިވަޑައިގަންނަވާ އެއްބާރުލެއްވުން ކަމަށެވެ. 

"އަޅުގަނޑު މިދަންނަވަނީ، ހިޔާލު ތަފާތުވުން ނުހުންނާށެކޭ ނޫން. އުނދަގޫކޮށް ދުއްތުރާކޮށް، ކަންތައްތައް ހުއްޓުވުމަށް މަސައްކަތް ކުރުމަކީ ހިޔާލުތަފާތުވުމެއް ނޫން. މިއަދުވެސް އެކަން އެބައޮތް އެހެން ނަމަވެސް އެކަންތައްތައް ގިރާކޮށް އަޅުގަނޑުމެން މިދަނީ ރައްޔިތުންނަށް ރައްޔިތުންގެ ވެރިކަމެއް ކޮށްދެމުން" ރައީސް ސޯލިހު ވިދާޅުވި އެވެ.

your imageދިއްގަރުގައި ރޭ އޮތް ރަސްމިޔާތުގައި ރައީސް ވާހަކަފުޅު ދެއްކަވަނީ

މިރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ދިއްގަރަށް އުދައެރުން ހުއްޓުވުމަށްޓަކައި ކުރެވުނު މަސައްކަތުގައި ގާތްގަނޑަކަށް، 700 މީޓަރުގެ ސަރަހައްދަކަށް ވެލިއަޅައި، ހިލަތޮށި ލެވިފައިވާ ކަމަށެވެ. އަދި ކުރިޔަށް މިއޮތް ދެތިން އަހަރުގައި އެ ހިލަތޮށިން ލިބެނީ ކިހާވަރެއްގެ ހިމާޔަތެއްތޯ ބަލައި، އިތުރަށް ރަނގަޅު ކުރަންޖެހޭ ކަމެއް އޮތްނަމަ އެކަމެއް ސަރުކާރުން ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

your imageދިއްގަރުގައި ރޭ އޮތް ރަސްމިޔާތުގެ ތެރެއިން

މީގެއިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ ދިއްގަރު ބިންހިއްކުމުގެ މަސައްކަތް ނިމޭއިރު 38 ހެކްޓަރަށް ރަށް ބޮޑުވެގެންދާނެ ކަމަށެވެ. އަދި މިސަރުކާރުން ވައުދުވީ 25 ހެކްޓަރުގެ ބިން ހިއްކުމަށް ކަމަށާއި މިހާރު 17 ހެކްޓަރުގެ ބިން ހިއްކިފައިވާކަމުގައި ރައީސް ވިދާޅުވިއެވެ. މިއާއިއެކު ރަށުގެ ލޭންޑްޔޫސް ޕްލޭން އަވަހަށް ހަދައި ބިންބޭނުން ކުރާނެގޮތް ކައުންސިލުން ކަނޑައެޅުމަށްވެސް ރައީސް އެދިވަޑައިގެންނެވިއެވެ.

ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރުމަށް ބޭއްވި މިރަސްމިއްޔާތުގައި ދިއްގަރު ރައްޔިތުންގެ ފަރާތުން ވަނީ ހާއްސަ ހަނދާނީ މޮޑެލްއެއް ރައީސް އަށް ވެދުމަށް އަރުވާފައެވެ. 

your imageދިއްގަރު ރައްޔިތުންގެ ފަރާތުން ރައީިސަށް އެރުވި ހަދާނީ ފިލާ

ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތާއި ބިންހިއްކުމުގެ މަސައްކަތް ކުރަމުން ދަނީ އެމްޓީސީސީންނެވެ. 

ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މުޅިން ނިމިފައިވާއިރު، އެމަޝްރޫއުގެ ދަށުން ދިއްގަރަށް އެންމެ ބޮޑަށް އުދައަރާ، ސަރަހައްދުގެ 701 މީޓަރުގެ ސަރަހައްދަކަށް ވެލިއަޅައި ވަނީ ބޮޑުހިލައިން ތޮށިލާފައެވެ. ބިންހިއްކުމުގެ މަޝްރޫޢުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ހިނގަމުންދާއިރު މިހާރު ވަނީ 17 ހެކްޓަރުގެ ބިން ހިއްކާ ނިމިފައެވެ. މިދެ މަޝްރޫއުގެ އަގަކީ، 121.1 މިލިޔަން ރުފިޔާއެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް