ads
ޔޮޓް ޓުއަރސްގެ ޗެއަރމަން ޢަބްދުﷲ ޖާބިރު
ބަންގްލަދޭޝް 6 މީހުންނަށް ލައްކައެއްހާ ޑޮލަރު ދޭން ޔޮޓް ޓުއާރސްއަށް އަންގައިފި
ބަންގްލަދޭޝްގެ 6 މުވައްޒަފަކަށް މުސާރަ ނުދީ އޮވެގެން ޔޮޓް ޓުއަރސްއާ ދެކޮޅަށް ދައުވާ ކުރުމުން އެ 6 މުވައްޒަފުންނަށް ލައްކައެއްހާ ޑޮލަރު ތިރީސް ދުވަހުގެ ތެރޭގައި ދައްކަން، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުގެ މަސްލަހަތު އޮންނަ ޔޮޓް ޓުއަރސްގެ މައްޗަށް ހުކުމް ކޮށްފިއެވެ.
Advertisement

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ދެ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ މި މައްސަލަތަކުގެ ހުކުމްކޮށްފައިވަނީ މިދިޔަ ހަފްތާގައެވެ. މީގެ ތެރެއިން އެންމެ ފުރަތަމަ ހުކުމްކޮށްފައިވަނީ ޔޮޓް ޓުއަރސްގެ އަލިދޫ ރިސޯޓުގައި ކައްކާއެއްގެ ވަޒީފާ އަދާކުރަމުން ދިޔަ ބަންގްލަދޭޝް މީހެއްގެ މައްސަލައިގައެވެ. އަލިދޫގެ ކައްކާގެ ގޮތުގައި މަސައްކަތް ކުރި އެ މީހާއަކީ މަހަކު އެންމެ ހަތަރު ސަތޭކަ ޑޮލަރު ދޭން ޖެހޭ މީހެކެވެ.2017 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން ދިޔަ މި މީހާއަށް 2018 ވަނަ އަހަރުގެ ޖުލައިން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް މުސާރަ ނުދޭ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުން އެނގެއެވެ. މި ކައްކާގެ މައްސަލަ ޓްރައިބިއުނަލުން ނިންމާފައިވަނީ އޭނާއަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 15658 ޑޮލަރު 30 ދުވަހުގެ ތެރޭގައި ދައްކަން ޔޮޓް ޓުއަރސްގެ މައްޗަށް އަމުރުކޮށްފައެވެ. 

ޔޮޓް ޓުއަރސްއާ ދެކޮޅަށް އެ ކުންފުނީގައި މަސައްކަތް ކުރި މުވައްޒަފުންތަކެއް ކޯޓަށް ހުށަހެޅި މައްސަލައިގައި ޖަވާބުދާރީވާން އެ ކުންފުނިން ޓްރައިބިއުނަލަށް ހާޒިރުނުވާ ކަން ޓްރައިބިއުނަލްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން މި މައްސަލަތަކުގެ ހުކުމްކޮށްފައިވަނީ ޔޮޓް ޓުއަރސްގެ ޣައިރު ހާޒިރުގައެވެ.

މުސާރަ ނުދީގެން ޔޮޓް ޓުއަރސް ގޮވައިގެން ކޯޓަށް ދިޔަ އަނެއް ފަސް މީހުންނަކީ ޔޮޓް ޓުއަރސްގެ 2 ލޭބަރުންނާއި، ލޯންޑްރީ އެސިސްޓެންޓަކާ އަދި ސެކިއުރިޓީ ގާޑެކެވެ. މި އެންމެންނަކީވެސް މަހަރު 400 ޑޮލަރަށްވުރެ ކުޑަ މުސާރައަށް މަސައްކަތް ކުރަމުން އައި މީހުންނެވެ. މި 5 މީހުންނަށްވެސް 2018 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން މުސާރަ ނުދެއެވެ. މި އެންމެންނަށް ދޭން ޖެހޭ ޖުމްލަ އަދަދު 75000 އެއްހާ ޑޮލަރަށް އަރައެވެ. ޓްރައިބުނަލުން ޔޮޓް ޓުއަރސްއަށް އަންގާފައިވަނީ މި ފައިސާވެސް 30 ދުވަހުގެ ތެރޭގައި ދައްކާށެވެ.

ޔޮޓް ޓުއަރސްގެ މުވައްޒަފުންތަކަކަށް މުސާރަ ނުދީގެން ލައްކައެއްހާ ޑޮލަރު ދައްކަން އެ ކުންފުންޏަށް އަންގާފައިވާއިރު، އެ ކުންފުނިން އިންޝޫރެންސްގެ ގޮތުގައި 22 މިލިއަން ޑޮލަރު ހޯދަން ދައުވާ ކުރި މައްސަލައެއް ސުޕްރީމް ކޯޓުންވަނީ ދާދި ފަހުން ބަލައި ނުގަންނަން ނިންމާފައެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ޔޮޓް ޓުއަރސްގެ ފަރާތުން ހާޒިރު ނުވނަމަވެސް ހައިކޯޓުގައި ކުރިއަށް ދިޔަ 22 މިލިއަން ޑޮލަރުގެ މައްސަލައަށް އެ ކުންފުނީގެ ވަކީލުން ހާޒިރުވިއެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް