ads
ޖޭޕީގެ ލީޑަރ ގާސިމް
ދީނަށް ފުރުއްސާރަކޮށް، މުރުތައްދުވާ މީހާގެ ކުށުގެ އަދަބު ބޮޑުކުރަން ހުށަހަޅައިފި
ސޯޝަލް މީޑިއާގައި އާއި އެހެން ގޮތްގޮތުން ފާޅުގައި، އިސްލާމް ދީނަށާއި، މާތްﷲ އަށް އަދި ރަސޫލާއަށް ފުރައްސާރަ ކޮށް، މުރުތައްދުވާ މީހާއަށް ގާނޫނުގައި އޮންނަ އަދަބު ކުޑަވުމުން، އެ އަދަބު ބޮޑުކުރަން، ރާއްޖޭގެ ޤާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
Advertisement

“އިސްލާމް ދީނާ އިދެކޮޅު އަމަލު ހިންގުން” ކުށް މިހާރު އޮންނަނީ ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބަތުގެ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގަ އެވެ. މިދަރަޖައިގައި ކުށުގެ އަދަބަކަށް އޮންނަނީ އެއް އަހަރަށްވުރެ ގިނަ ނޫން މުއްދަތަަކަށް ޖަލަށް ލުމަށެވެ.

އެ ކުށުގެ ދަރަޖަ ދެވަނަ ދަރަޖައިގެ ކުށަކަށް ބަދަލުކޮށް އަދަބު ބޮޑުކުރުމަށް ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބަތަށް މިއަދު ގާސިމް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ، އިސްލާމްދީނަށް ތައުހީނުކުރުމާއި، މާތްﷲ އާއި ކީރިތި ޤުރުއާނަށް،. ކީރިތި ރަސޫލާއަށް ފުރުއްސާރަކުރުން ދިވެހިންގެ ތެރެއިން ބައެއްގެ މެދުގައި އާއްމުވަމުންދާ ކަމަށެވެ.

ހާއްސަކޮށް ސޯޝްލް މީޑިއާ މެދުވެރިކޮށް، އެފަދަ އަމަލުތައް ކުރުން ފާޅުގައި އިތުރުވަމުންދާއިރު، އެ ކުށުގެ އަދަބު ރާއްޖޭގައި ކުޑަވުމުގެ ސަބަބުން އެކަންކަން އިތުރަށް އިތުރުވަމުންދާ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

ގާސިމު މި އިސްލާހު ހުށަހެޅެއްވި މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ސޯޝަލް މީޑިއާގައި ފާޅުގައި، އިސްލާމް ދީނަށާއި، މާތްﷲ އަށް އަދި ރަސޫލާއަށް ފުރައްސާރަ ކުރި، ގދ. ތިނަދޫ، އަލިވާގެ، މުހައްމަދު ރުސްތުމް މުޖުތަބާ، ކޯޓުގައި ފާޅުގައި އެކަމަށް އިއުތިރާފުވެ އަމަލު ތަކުރާރުކުރާނެކަމަށް ބުނެފައި އޮއްވާވެސް އޭނާގެ މައްޗަށް އައީ އެންމެ ތިންމަހުގެ ޖަލު އަދަބަކަށް ވުމެވެ. އަދި އެ އަދަބު އޭނާގެ މައްޗަށް އިއްވުނުއިރު، ޖަލު ބަންދުގައި ހަ މަސް ހޭދަކޮށްފަވާކަމަށް ބުނެ، އޭނާ ޖަލުން މިނިވަންވެފައި ވުމެވެ. 

ރުސްތަމްގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާގެ އިތުރުން ދީނީ އެއްބައި ވަންތަކަން ނަގާލަން އުޅުމުގެ ދައުވާ އެވެ.  

އޭނާގެ މައްޗަށް އަދަބު ކަނޑައެޅުމަށް ބޭއްވި މަޖިލީހުގައި ދައުލަތުން ބުނީ ގާނޫނުލް އުގޫބާތުގައި ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށަށް އޮންނަ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން ކަމަށްވި ނަމަވެސް، ރުސްތުމް ކުށަށް އިއުތިރާފްވެފައިވާތީ ތިން މަހަށް ކުޑަކުރާކަމަށެވެ.

“އަޅުގަނޑު ސުވާލުކޮށްލަން ބޭނުންވަނީ، ﷲ އަށާއި، މާތް ނަބިއްޔާއަށް ފުރުއްސާރަކޮށް ދީނުން ބޭރުވެ އެކަމަށް އިއުތިރާފުވުމުން ދޭން އޮންނަ އަދަބަކީ މިއީތޯ އެވެ؟ މިފަދަ ލުއި ތައުޒީބީ އަދަބު އަޅުގަނޑުމެން އެކަށަހަޅައި، އެގޮތަށް ގާނޫނުތައް ފަރުމާކޮށްގެން ތިބެ، އިސްލާމްދީން ހިމާޔަތްކޮށްގެން ތިބިކަމަށް އަޅުގަނޑުމެން ދައުވާކުރަނީތޯއެވެ؟” މެމްބަރުންނަށް އިޝާރާތްކޮށް، އިސްލާހުގައި ގާސިމް ސުވާލު އުފައްދާފައިވެއެވެ.

ގާސިމް ވިދާޅުވީ ރުސްތަމް ކުށަށް އިއުތިރާފުވެ އެކަން ތަކުރާރުކުރާނެކަމަށް އެއްވެސް ބިރެއްނެތި ކޯޓުގައި ބުނެފައިވާއިރުވެސް އޭނާއަށް ފަސް މަސް ދުވަސްވެސް ހަމަނުވާ ޖަލު ހުކުމެއް އައީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހައްދަވައިގެން ތިއްބެވި ގާނޫނުގެ ސަބަބުން ކަމަށެވެ.

މުރުތައްދުވާ މީހާގެ ހުކުމް އިސްލާމުދީނުގައި އޮންނަނީ އެމީހަކު ތައުބާނުވެއްޖެނަމަ “މަރާލުން”ކަމަށްވާއިރު، ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އެ ކުށުގެ އަދަބު ފަސް މަސް ދުވަސް ހަމަނުވާ ޖަލު އަދަބެއްގެ ތެެރެއިން ލުއި ދެވިފައި އޮންނަ އޮތުމާއިމެދުވެސް ގާސިމް ވަނީ ސުވާލު އުފައްދާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް