ads
ގައުމީ އަރުޝީފުގެ އެޑްވައިޒަރީ ބޯޑު ރައީސް މުހައްމަދު އާސިފް(މޮންދު)-- ފުޓޯ:ނެޝަނަލް އާކައިވް
ޕީއެސްއެމްގެ ބޯޑުން އާސިފް އިސްތިއުފާ ދެއްވައިފި
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ބޯޑުން މުހައްމަދު އާސިފް (މޮންދު) އިސްތިއުފާ ދެއްވައިފި އެވެ.

އެ ބޯޑުން އިއްޔެ އިސްތިއުފާ ދެއްވިކަން މޮންދު މިއަދު ވަނީ “ސީއެންއެމް”އަށް ކަށަވަރުކޮށްދީފަ އެވެ.

އިސްތިއުފާ ދެއްވި ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ، ޕީއެސްއެމް ބޯޑުގެ މަަަސައްކަތާއި މަސްލަހަތު ފުށުއަރާ، އެހެން މަސައްކަތެއް ކުރުމަށް ގަސްތު ކުރައްވާތީ، އެމަސައްކަތް ކުރުއްވަމުން  ބޯޑްގައި އިނުމަކީ ރަނގަޅު ކަމެއްކަމަށް ދެކެނުލެެއްވުމެވެ. 

ބްރޮޑްކާސްޓިން ދާއިރާގައި އެންމެ ތަޖުރިބާކާރު އެއް ފަރާތްކަމުގައިވާ މޮންދު، އެބޭފުޅާގެ އަމިއްލަ މީޑިއާ ހައުސް “މޮންދު ޕްރޮޑަކްޝަން” އާއިއެކު، ވިޔަފާރިވެރިޔާ އަދި މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް(އެމްޑީއޭ)ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން ޓީވީ އާއި ގުޅިގެން މަސައްކަތްތަކެއް ފެށުމުގެ މަސައްކަތް ދަނީ ކުރައްވަމުން ނެވެ.

އެގިފައިވާގޮތުގައި އެ ސްޓޭޝަން އަލުން ހުޅުވުމުގެ މަސައްކަތް ދަނީ ކުރެވެމުން ނެވެ. އަދި އެތަން އަލުން ހުޅުވާއިރު، އެތަނުގެ ހިންގުމާއި ހަވާލުވާނީ މޮންދު ކަމަށް ވެއެވެ.

ހަބަރާއި މައުލޫމާތުގެ ފެތުރުމުގެ ދާއިރާއިން، މައުލޫމާތު ފެތުރުމާއި ހުށަހެޅުމުގެ ހުނަރުވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހާސިލު ކުރައްވާފައިވާ މޮންދު، އެންމެ ފަހުން މީޑިއާއެއްގެ ހިންގުމުގައި މަސައްކަތްކުރެއްވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަމިއްލަ ޓީވީ ސްޓޭޝަން ކަމުގައިވާ ވީމީޑިއާ(ވީޓީވީ) ގައެވެ.

އެތަނުގެ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާގު ހަތް އަހަރު ވަންދެން އަދާކުރެއްވުމަށްފަހު، 2019 ވަނަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު، 30 އަހަރުގެ ހިދުމަތާއިއެކު މީޑިއާގެ ދާއިރާއިން ރިޓަޔާކުރެއްވި އެވެ.

ރިޓަޔާކުރެއްވުމަށްފަހު އަލުން މީޑިއާގެ މަސައްކަތްތަކާއި ގުޅުމަށް ނިމެވި ސަބަބާއި ބެހޭގޮތުން މޮންދު ވިދާޅުވީ، އަބަދުވެސް އެންމެ ކުރާހިތްވާ މަސައްކަތަކީ މީޑިއާގެ މަސައްކަތްކަމުން، “މިވަގުތު ދިރިއުޅުމުގައި ގިނަ ހުސްވަގުތުތަކެއްވެސް އޮތުމާއިއެކު އަލުން މީޑިއާގެ މަސައްކަތްތަކާއި ގުޅުމަށް ނިންމެވީ” ކަމަށެވެ.

މޮންދު މީޑިއާގައި ހިދުމަތް ކުރައްވަން ފެއްޓެވީ 1991 ވަނަ އަހަރު ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް)އިންނެވެ. އެތަނުގައި 23 އަހަރު ހިދުމަތް ކުރެއްވި އެވެ. 

ގައުމީ އަރުޝީފުގެ ބޯޑުގެ ރައީސްކަން ވެެސް ކުރައްވަމުން ގެންދަވާ މޮންދު، ޕީއެސްއެމް ބޯޑަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް