ads
އަންގް ސަން ސޫކީ
ބުރަ މަސައްކަތްކުރަންޖެހޭ ގޮތައް ސޫކީ އަށް އަނެއްކާވެސް ޖަލު ހުކުމެއް
މަގާމުން ވަކިކުރެއްވި މިޔަންމާގެ ކުރީގެ ލީޑަރު އަދި ނޮބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންނެވި އަންގް ސަން ސޫކީގެ މައްޗަށް އިންތިހާބީ މަކަރާއި ހީލަތުގެ ކުށް ސާބިތުވެ، ބުރަ މަސައްކަތްކުރާގޮތައް ތިން އަހަރަށް ޖަލަށް ލުމަށް އެގައުމުގެ އަސްކަރީ ކޯޓަކުން ހުކުމްކޮށްފި އެވެ.
Advertisement

އުމުރުން 77 އަހަރުގެ ސޫކީގެ މައްޗަށް ހުކުރު ދުވަހު އިއްވި ތިން އަހަރު ދުވަހުގެ ޖަލު އަދަބުގެ އިތުރުން، މިދިޔަ މަހު މިޔަންމާގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮރަޕްޝަންގެ ހަތަރު ދައުވާއެއް އޭނާގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ. އެފަހަރު ހަ އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައިވާތީ، އޭރު އެކަމަނާގެ ޖަލުގެ މުއްދަތު 17 އަހަރަށް ވަނީ އިތުރުވެފައެވެ.

އޭގެފަހުން ހުކުރު ދުވަހު އިއްވި ތިން އަހަރުގެ މި ހުކުމާއިއެކު އޭނާގެ މައްޗަށް އިއްވި ޖަލު ހުކުމުގެ މުއްދަތު މިހާރު ވަނީ 20 އަހަރަށް އިތުރުވެފަަ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ސޫކީގެ މައްޗަށް އެގައުމުގެ ކޯޓުތަކުގައި އުފުލާފައިވާ ހުރިހާ ދައުވާތަކެއް ސާބިތު ވެއްޖެނަމަ އޭނާގެ މައްޗަށް 200 އަހަރާއި ގާތްކުރާ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެފަދަ ދައުވާތައް އަދިވެސް ކޯޓުގަައި އެބަކުރިއަށް ދެއެވެ.

ހުކުރު ދުވަހުގެ ޝަރީއަތަކީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އާންމު އިންތިހާބާ ގުޅޭ ޝަރީއަތެވެ. ނޮވެމްބަރު 2020 ގައި ބޭއްވި އާންމު އިންތިހާބުގައި މަކަރާއި ހީލަތް ހިންގި ކަމަށް ކޯޓުން ހުކުމްކޮށްފައި ވަނީ، އަސްކަރީން އުފެއްދި ޕާޓީއަކާއި ވާދަކޮށް، އެކަމަނާގެ ޕާޓީ، ނޭޝަނަލް ލީގް ފޯ ޑިމޮކްރަސީ (އެންއެލްޑީ) އިން ބޮޑު ކާމިޔާބީއެއް ހޯދާފައިވަނިކޮށެވެ. 

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭ ސޫކީ މަގާމުން ދުރުކޮށް، ވެރިކަން ވައްޓާލީ، އެ އިންތިހާބުގެ ވޯޓުގައި ސޫކީގެ ޕާޓީން މަކަރާއި ހީލަތް ހަދާފައިވާކަމަށް ބުނެ އެގައުމުގައި ހިންގި އަސްކަރީ ބަގާވާތަކަށް ފަހުއެވެ. އަންސަން ސޫކީގެ ވެރިކަން ވައްޓާލުމަށް ފަހު އަސްކަރިއްޔާއިން ވަނީ ގައުމާ ހަވާލުވެފަ އެވެ.

ސޫކީގެ ވޯޓުގައި މަކަރާއި ހީލަތް ހަދާފައިވާކަމަށް ބުނެ މިދިޔަ އަހަރު ބަގާވަތް ކުރި ނަމަވެސް މިނިވަން އިންތިހާބުގެ އޮބްޒާވަރުން ބުނެފައިވަނީ އެ އިންތިހާބަކީ "ރައްޔިތުންގެ ފުރިހަމަ ތާއީދާއިއެކު ކުރިއަށްދިޔަ ސައްހަ އިންތިހާބެއް" ކަމަށެވެ. 

އިންތިހާބުގައި ކާމިޔާބުހޯދީ މަކަރާއި ހީލަތުންކަމަށް ބުނެ، އެ އިންތިހާބަށް ތިން މަސް ފަހުން އަސްކަރިއްޔާއިން ސޫކީގެ ވެރިކަން އަތުލައިގަނެ ސޫކީ ހިމެނޭހެން ޕާޓީގެ މެމްބަރުން ހައްޔަރުކޮށް، އެކަމަނާގެ މައްޗަށް އުފުލާފައިވާ ހުރިހާ ތުހުމަތުތަކާއި ދައުވާތަކަށް އެކަމަނާ ވަނީ އިންކާރުކޮށްފައެވެ. 

ސޫކީ މިހާރު ހުންނެވީ ވެރިރަށް ނައިޕިޓާވްގެ ޖަލެއްގައި އެކަހެރިކޮށް ބަންދުކޮށްފަ އެވެ. އޭނާގެ ޝަރީއަތްތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެން ނެވެ. އަޑުއެހުންތަކަށް އާންމުންނާއި މީޑިއާއަށް ވެސް ފުރުސަތު ނުދޭއިރު، ނޫސްވެރިންނާ ވާހަކަ ދައްކަން އެކަމަނާގެ ވަކީލުންނަށް ވެސް އަސްކަރިއްޔާއިން ވަނީ ހުރަސް އަޅާފައެވެ.

މިދިޔަ އަހަރުގެ ބަގާވާތަށްފަހު ސޫކީ އާއި ސޫކީގެ ފިރިކަލުން ހިމެނޭހެން އެކަމަނާގެ ޕާޓީގެ ގިނަ މެންބަރުން ވެސް ވަނީ ހައްޔަރުކޮށްފައެވެ. 

އެގޮތުން ހައްޔަރުކުރި 15،000 އަށް ވުރެ ގިނަ މީހުން ތެރެއިން 12،000 މީހުން އަދިވެސް ޖަލުގައި ތިބި ކަމަށް އެސިސްޓެންސް އެސޯސިއޭޝަން ފޯ ޕޮލިޓިކަލް ޕްރިޒަނަރުން (ބަރުމާ) އިން ބުނެ އެވެ.

އެގައުމުގައި ޑިމޮކްރަސީއަށް ތާއީދުކުރާ އެކްޓިވިސްޓުންނަށް އަދަބު ދިނުމާމެދު ހައްގުތަކާ ބެހޭ ޖަމާއަތްތަކުން އަންނަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އދ.އާއި ހައްގުތަކާ ބެހޭ ޖަމާއަތްތަކުން ކުށްވެރިކުރި ޝަރީއަތަކަށް ފަހު ޖުލައި މަހު އަސްކަރީ ޖަންޓާއިން ވަނީ ޑިމޮކްރަސީއަށް ތާއީދުކުރާ ފާހަގަކޮށްލެވޭ ދެ އެކްޓިވިސްޓުންނާއި ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ އިތުރު ދެ މީހަކު މަރާވެސް ލާފަ އެވެ.

92%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް