އާރަށު މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެވެ. އަދި ނައީމުގެ މައްޗަށް އުފުލާފައިވަނީ ރައީސް ޔާމީނަށް ރިޝްވަތު ދިން ކަމުގެ ދައުވާއެވެ.
އާރަށް ތަރައްގީ ކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކޮށް, ރިޝްވަތު ނެންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ދެ ހެކިން ކަމަށްވާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި، ޒިޔަތުގެ ހެކިބަސް މިއަދު ނެގުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.
އޭގެތެރެއިން ޒިޔަތުގެ ހެކިބަސް މިއަދު ހެނދުނު އޮތް އަޑުއެހުމެއްގައި ވަނީ ނަގާފައެވެ. ހެކިބަސް ދިނުމުގެ އަޑުއެހުމުގައި އެރަށް ކުއްޔަށް ދިނީ ކޮން ފަރާތަކަށްތޯ ދައުލަތުން ސުވާލުކުރުމުން ޒިޔަތު ވިދާޅުވީ، ހަނދާންވަނީ އޮގަސްޓު މަހު ފަހުކޮޅު އަދި ސެމްޕްޓެމްބަރު މަހު ކުރީކޮޅު އެ ރަށް ކުއްޔަށް ހިފުމަށް ޔޫސުފް ނައީމު ކިޔާ މީހަކު "ކޮމިއުނިކޭޓު ކުރާނެ ކަމަށް" އޭރުގެ ޓްއަރިޒަމް މިނިސްޓަރު އަދީބު ވިދާޅުވި ކަމަށް ކަމަށެވެ.
ޒިޔަތު ވަނީ އެ އަގު ދެ ފަހަރެއްގެ މަތިން ކުޑަކުރިކަން ފާހަގަކުރައްވާފައެވެެ. ފުރަތަމަ ފަސް މިލިއަން ޑޮލަރަށް ކުށްޔަށް ދޭން ނިންމުނު އަގު ރައީސް ޔާމީންގެ އެންގެވުމުގެ މަތިން ތިން މިލިއަނަށް ކުޑަކުރިކަމަށް ވިދާޅުވި އެވެ. އަދި ފަހުން އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުހަލާގައި އެ އަގު އެއަށްވުރެ ކުޑަކޮށް ދެމިލިއަނަށް ކުޑަކުރިކަމަށްވެސް ޒިޔަތު ވިދާޅުވި އެވެ. އެއަގުވެސް ކުޑަކުރެވުނީ ރައީސް ޔާމީން އެގެވުމުން ކަމަށް ޒިޔަތު ވިދާޅުވި އެވެ.
ޒިޔަތު ވިދާޅުވީ އެ އެއްބަސްވުމުގައި ސޮއިކުރީ 2015 ވަނަ އަހަރުގެ ސެމްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އެމްއެމްޕީއާރްސީ މީޓިން ރޫމުގައި ކަމަށާއި، އެވަގުތު އެތަނުގައި ތިބީ ޒިޔަތުއާއި، އަދީބުގެ އިތުރުން ނައީމްއާއި، އިޓަލީގެ ރޮބާޓޯ ކިޔާ މީހަކު ކަމަށެވެ.
ވ.އާރަށަކީ އެއަތޮޅު ތިނަދޫ ކައިރިން އޮންނަ ކުޑަ ފަޅުރަށެކެެވެ. ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮންނަ ކުންފުންޏަކަށް ކުރިން އެރަށް ދީފައިއޮތް ނަމަވެސް ތަސްމީނުގެ އަތުން އެރަށް ވަނީ 2015 ވަނަ އަހަރު އަތުލާފައި ކަމަށްވެއެވެ. އެރަށް ތަސްމީނު އަތުން އަތުލީ އޮގަސްޓު މަހުއެވެ. އެފަހުން އެއާއި ޖެހިގެން އައި ސެޕްޓެމްބަރު މަހު އެއަތޮޅުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ހިއްސާ އޮންނަ "ޓޫޖީ" ނަމަކަށް ކިޔާ ކުންފުންޏަކަށް އެ ރަށް ހަވާލުކުރިކަމަށް ވެއެވެ.
ނައީމްއަކީ ރައީސް ޔާމީންގެ ގާތްގުޅުމެއް އޮންނަ މީހަކަށްވާއިރު، އޭނާ ވަނީ ހަމައެމަހު އެރަށް އެއް މިލިއަން ޑޮލަރަށް ބޭރުގެ ކުންފުންޏަކަށް ވިއްކާލާ ރައީސް ޔާމީންގެ އެކައުންޓަށް އޭގެ ބަދަލެއްގެ ގޮތުން އެއްމިލިއަން ޑޮލަރު ޖަމާކޮށްފައި ކަމަށް ވެއެވެ.