އާރަށް މައްސަލައިގައި މިއަދު އޮތީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ދެ ހެކިން ކަމަށްވާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި، އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމެވެ.
އޭގެތެރެއިން ޒިޔަތުގެ ހެކިބަސް މިއަދު ހެނދުނު އޮތް އަޑުއެހުމެއްގައި ނަގާފައިވާއިރު، މިހާރު ކުރިއަށްދަނީ އަދީބުގެ ހެކިބަސް ނެގުމެވެ.
އަދީބުގެ ހެކިބަސް ނެގުމުގެ ސެޝަން ފެށުމުގެ ކުރިން ދައުލަތުގެ ފަރާތުންވަނީ، އޭގެކުރިން ހެނދުގެ ސެޝަންގައި ޒިޔަތުގެ ހެކިބަސް ނެގުން ނިންމާލާފައި ޝަރީއަތުން ނިކުންނަން ދިޔައިރު، ރައީސް ޔާމީންގެ ފަރާތުން ހެކިވެރިއެއްގެ ގޮތުގައި ހުށަހަޅާފައިވާ ހެކިވެރިއަކު ޝަރީއަތުގެ މަޖިލީހުގައި އިންތަން ފެނުނު ކަމަށެވެ.
އަދި އަދީބުގެ ހެކިބަސް ނެގުމުގެ އަޑުއެހުން ފެށުން އިރުވެސް އެ ޝަރީއަތުގައި އެ ހެކިވެރިޔާ އިންކަން ފާހަގަކޮށް، ދައުލަތުން ވަނީ އެއީ މެމްބަރު ސައީދުކަން ފާހަގަކޮށްފައެވެ.
ދައުލަތުން އެކަން ފާހަގަކުރީ އެއީ ހެކިބަސް ދިނުމުގެ ކުރިން ޝަރީއަތުގައި ހިނގާ ކަންކަން ސައީދު ދިރާސާކުރައްވަނީ ކަމަށެވެ.
މިކަމުގެ ރައްދުގައި ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން ފާހަގަކުރީ، ޝަރީއަތް ކުރިއަަށްދަނީ ލައިވްކޮށްގެން އެންމެނަށް ފެންނަ ގޮތަށްކަމަށްވާއިރު، އެތަނުގައި ނީނަސް ގޭގައި އިދެގެންވެސް ޝަރީއަތް ބެލައި ދައުލަތުން ތުހުމަތުކުރާ ތައްޔާރީތަކެއް ވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އޭގެއިތުރުން ސައީދު ހެކިވެރިއެއްގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ މިހާތަނަށް ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިންނާއި “ނުވެސް ގުޅޭ” ކަމެއްގައިކަން ދިފާއީ ވަކީލުންގެ ފަރާތުން ފާހަގަކުރެއްވި އެވެ.
ޝަރީއަތަކީ ލައިވްކުރެވެމުންދާ ޝަރީއަތަކަށްވުމުން ގޭގައި ހުރުމެކޭ ޝަރީއަތުގެ މަޖިލީހުގައި އިންނެވުމެކޭ އެއްވަރުވާނެތީ ސައީދު ފޮނުވާލުމަކީ އެ ސަބަބަށް ބަލާނަމަ ކުރަންޖެހޭ ކަމެއް ނޫންކަން ޝަރީއަތުންވެސް ފާހަގަކުރިއެވެ.
އަދި އެއީ ގާނޫނުގައި އޮންނަ ކަމެއް ނޫންކަންވެސް ފާހަގަކުރެއްވިއެވެ. ނަމަވެސް ފަޑިޔާރުން އާއްމު އުސޫލުން އަމަލުކުރާ އުސޫލަށް ރިއާޔަތްކޮށް ކަމަށް ވިދާޅުވެ، ޝަރީއަތުގެ މަޖިލިސް ދޫކޮށްދިއުމަށް ސައީދަށް ވަނީ ޝަރީއަތުން އަންގާފައެވެ.