ފަރަށް ލިބުނު ގެއްލުންތައް ދިރާސާ ކުރުމަށް އީޕީއޭއިން ވަނީ މިއަދު މަސައްކަތް ފަށާފަ އެވެ. ފަރަށް ލިބުނު ގެއްލުން ދިރާސާ ކުރުމަށް ބައިވެރިވި ޓީމުގައި އީޕީއޭގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް ވެސް ވަނީ އަމަލީ ގޮތުން ބައިވެރިވެފަ އެވެ.
މިކަމާއި ގުޅިގެން ނައީމް "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފަރަށް ޕްލެޓްފޯމް އެރުމުގެ ސަބަބުން ފަރުގެ ބޮޑު ބަޔަކަށް ގެއްލުން ވެފައި ވާކަމަށާއި، ފަރަށް ލިބުނު ގެއްލުން ބެލުމަށް ކުރަމުން އަންނަ ދިރާސާ މާދަމާ ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މީގެ އިތުރުން ނައީމް ވިދާޅުވީ، ފަރަށް ލިބުނު ގެއްލުން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށާއި، އެކަމަށް ސަރުކާރުންވެސް އަދި އެހެން އެއްވެސް ފަރާތަކުން ފިއްތުންތައް ކުރިމަތި ނުކުރުވާ ކަމަށެވެ. އަދި ވަކި ބަޔަކަށް ވީތީ ފިޔަވަޅު ނޭޅުމަށް ސަރުކާރުން އަންގާފައި ނުވާކަމަށްވެސް ނައީމް ވިދާޅުވި އެވެ.
ނައީމް މިހެން ވިދާޅުވެފައި މިވަނީ، ބުރިޖުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ ކުންފުންޏަށް ފިޔަޅު ނޭޅުމަށް ސަރުކާރުން އީޕީއޭ އަށް އަންގާފައި ވާކަމަށް ބުނެ އަޑުފެތުރިފައި ވަނިކޮށެވެ.
ނައީމް މިކަމަށް އިޝާރާތް ކުރައްވާ ވިދާޅުވީ، ސަރުކާރުން އެއްވެސް އިރެއްގައި އީޕީއޭއިން ކުރާ ކަމަކަށް އަދި އަޅާ ފިޔަވަޅަކަށް ހުރަސްތައް ކުރިމަތި ނުކުރުވާ ކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރުން އީޕީއޭއިން ކުރާ ކަމަކަށް ޕްރެޝަރު ކުރިމަތި ކުރުވަފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އަދި ސަރުކާރުން އިންޑިއާގެ ކުންފުންޏަށް ފިޔަވަޅު ނޭޅުމަށް އީޕީއޭ އަށް އަންގާފައި ވާކަމަށް ބުނެ ދައްކަނީ ހަގީގަތާއި ހިލާފު "ބުހުތާނު" ދޮގު ކަމަށްވެސް ނައީމް ވިދާޅުވި އެވެ.
ތިލަމާލެ ބްރިޖު މަސައްކަތައް ވިލިމާލެ އިރުމަތީފަރާތު ފަރާއި ދިމާލުގައި ގާއިމުކޮށްފައިވާ އެ ބްރިޖު ޕްލެޓުފޯމް ހައްޔަރުން ނެއްޓި ވިލިމާލެ އިރުމަތީ ފަރަށް އުރިފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ. ޕްލެޓުފޯމު އެތަނުން ނެގިފައިވަނީ އޭގެ 12 ދުވަސްވީފަހުންނެވެ.
ވިލިމާލޭގެ އިރުމަތީ ފަރަށް އަރާފައި އޮތް ތިލަމާލެ ބްރިޖް ޕްލެޓްފޯމް ރާޅާއިއެކު ވިލިމާލޭގެ ފުއްޓަރުފަރާތު ފަރުގައި ޖެހޭ އަޑާއި، އެ ޕްލެޓުފޯމު ފަރުގައި ޖެހުމުން އަރާ ލޮޅުން ރަަށަށް ވެސް އިހުސާސްކުރެވެމުންދާ ކަމުގެ ކަންބޮޑުވުންތައް ރައްޔިތުން ދިޔައީ ކުރަމުންނެވެ.