އާރަށު މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެވެ. އަދި ނައީމުގެ މައްޗަށް އުފުލާފައިވަނީ ރައީސް ޔާމީނަށް ރިޝްވަތު ދިން ކަމުގެ ދައުވާއެވެ.
އެމައްސަލާގައި ރައީސް ޔާމީންގެ ދިފާއުގައި ހެކިބަސް ދެއްވަމުން މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ނަރީޝް ވިދާޅުވީ، ރައީސް ޔާމީނަކީ 2013އިގެ ރިޔާސީ އިންތިހާބު ދުވަސްވަރުން ފެށިގެން ދަންނަ ވަރަށް ގާތް ބޭފުޅެއް ކަމަށެވެ.
އެގޮތުން ދެބޭފުޅުންގެ “ޕާސަނަލް” ކަންކަން އެކަކު އަނެކަކަށް ހިއްސާކުރައްވާ، ރައީސް ޔާމީންގެ އަމިއްލަ ކަންކަން ނަރީޝްއާއި ހަވާލުކޮށްގެން ކުރައްވާ ކަމަށްވެސް ނަރީޝް ވިދާޅުވި އެވެ.
އެމައްސަލާގައި ދައުވާލިބޭ ދެވަނަ ފަރާތްކަމުގައިވާ ނައީމު ދަންނަނީ ކިހިނެތްތޯ ސުވާލުކުރުމުން ނަރީޝް ވިދާޅުވީ، އެއް ދުވަހަކު ރައީސް ޔާމީން ގުޅުއްވާފައި “ނަރީޝްއޭ ވަރަށް ބޮޑު ކަމެއް ކޮށްދޭން އެބަ ޖެހެއޭ، ދޫވެއްސަށް ޖައްސާލަދެވިދާނެހޭ،" ވިދާޅުވުމުން އެގަޔަށް ދިޔަކަމަށެވެ.
ދޫވެއްސަށް ދިޔުމުން، ޔޫސުފް ނައީމް އަތުން ޑޮލަރުތަކެއް ބައްލަވައިގެން އުޅުއްވާ ކަމާއި، އެ ޑޮލަރަށްވާ 15،420،000 މިލިއަން ނައީމާއި ހަވާލުކޮށްދިނުމަށް ރައީސް ޔާމީން އެދިވަޑައިގަތް ކަމަށް ނަރީޝް ވިދާޅުވި އެވެ. ނައީމާއި ދިމާވަނީ އެ ފައިސާ ހަވާލުކުރުމުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.
އެފައިސާ ރައީސް ޔާމީން ހަވާލުކުރެއްވިކަން ސާބިތުކޮށްދޭން ދިން އެ ހެކިބަހުގައި ނަރީޝް ވިދާޅުވީ ފައިސާ ހަވާލުކޮށްދޭން އެދި ނަރީޝް އާއި އެ ފައިސާ ހަވާލުކުރީ ދޫވެހީގެ ސިޓިންރޫމުތެރޭގައި ކަމަށާއި، އެ ފައިސާ ހަވާލުކުރި ފައިސާގެ ރަޝީދުގައިވެސް ރައީސް ޔާމީން ސޮއިކުރީ އޭނާގެ ކުރިމަތީގައި ކަމަށެެވެ.
ފައިސާގެ އަދަދު އެހާ ސާފުކޮށް އެގެނީ ކިހިނެތްތޯ އެހުމުން ނަރީޝް ވިދާޅުވީ، ފައިސާ ހަވާލުކޮށް ސޮއިކުރި ރަޝީދުގައި އެ އަދަދު ލިޔެފައި އޮތްކަމަށެވެ. އަދި ފަހުން ދައުލަތުން ކުރި ސުވާލެއްގެ ތެރެއިންވެސް ނަރީޝް ވިދާޅުވެފައިވަނީ އެފައިސާ ގުނީ ދޫވެހީގެ ސިޓިންރޫމުގައި އޭނާގެ އަމިއްލަ އަތުން ކަމަށެވެ.
އާރަށް ކުއްޔަށް ދިނީ 2 މިލިއަން ޑޮލަރަށް
އާރަށަކީ އެއަތޮޅު ތިނަދޫ ކައިރިން އޮންނަ ކުޑަ ފަޅުރަށެކެެވެ. ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮންނަ ކުންފުންޏަކަށް ކުރިން އެރަށް ދީފައިއޮތް ނަމަވެސް ތަސްމީނުގެ އަތުން އެރަށް ވަނީ 2015 ވަނަ އަހަރު އަތުލާފައި ކަމަށްވެއެވެ. އެރަށް ތަސްމީނު އަތުން އަތުލީ އޮގަސްޓު މަހުއެވެ. އެފަހުން އެއާއި ޖެހިގެން އައި ސެޕްޓެމްބަރު މަހު އެއަތޮޅުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ހިއްސާ އޮންނަ "ޓޫޖީ" ނަމަކަށް ކިޔާ ކުންފުންޏަކަށް އެ ރަށް ހަވާލުކުރިކަމަށް ވެއެވެ.
ނައީމްއަކީ ރައީސް ޔާމީންގެ ގާތްގުޅުމެއް އޮންނަ މީހަކަށްވާއިރު، އޭނާ ވަނީ ހަމައެމަހު އެރަށް އެއް މިލިއަން ޑޮލަރަށް ބޭރުގެ ކުންފުންޏަކަށް ވިއްކާލާ ރައީސް ޔާމީންގެ އެކައުންޓަށް އޭގެ ބަދަލެއްގެ ގޮތުން އެއްމިލިއަން ޑޮލަރު ޖަމާކޮށްފައި ކަމަށް ވެއެވެ.
ރިޝްވަތު ނެންގެވިކަމަށް ތުހުމަތުކުރެވޭ މި މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ދެ ހެކިން ކަމަށްވާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި، އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުން އިއްޔެ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައެވެ.
އޭގެތެރެއިން ހެކިބަސް ދިނުމުގެ އަޑުއެހުމުގައި ޒިޔަތު ވަނީ އެރަށް ނައީމަށް ކުއްޔަށް ދޭން ފުރަތަމަ ނިންމީ ފަސް މިލިއަން ޑޮލަރަށް ކަމާއި، ފަހުން ޔާމީން އަންގަވައިގެން ދެ ފަހަރެއްގެ މަތިން އަގު ބަދަލުކޮށް އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުހަލާގައި އެ އަގު ދެމިލިއަނަށް ކުޑަކުރިކަމަށް ވިދާޅުވެފަ އެވެ.
ދެވަނަ ހެކިބަސް ނެގުމަށް އޮތް އަޑުއެހުމުގައި އަދީބުވެސް ވިދާޅުވީ، ނުއަގުގައި އެރަށް ނައީމަށް ދިނީ ޔާމީން އަންގަވައިގެން ކަމަށާއި، ޔާމީންގެ ވެރިކަމުގައި ރަށްތައް ވިއްކާ ފައިސާގެ ސްކީމްތައް ކުރިއަށް ގެންދިޔައީ އަމިއްލަ އެކައުންޓަށް ރުފިޔާ އެޅުމަށާއި، އިންތިހާބުތަކަަށާއި، ބޭވަފާތެރި ނައިބު ރައީސްއަކު ވަކިކުރަން ފައިސާ ހޯދުމަށް ކަމަށް ވިދާޅުވެ ހެކިބަސްދީފައެވެ.