
އިނގިރޭސި ރަނިކަމާއި އެލްޒަބަތު ހަވާލުވެޗަޑައިގަތީ 1952 ގައެވެ. 70 އަހަރު ވަންދެން ތަހުތުގައި އިންނެވި ރާނީ އެލްޒަބަތަކީ، އިނގިރޭސި ރަސްކަމުގެ ތަހުތުގައި އެންމެ ގިނަ ދުވަހު އިންނެވި ރާނީ އެވެ. އެކަމަނާ އަވަހާރާވީ އާލާސްކަންފުޅެއްގައި އުޅުއްވުމަށްފަހު ފަރުވާކުރަމުންދަނިކޮށް މިރޭގެ ވަގުތެއްގައެވެ.
އުމުރުން 96 އަހަރުފުޅުގައި މިރޭ ރާނީ އަވަހާރާވުމާއިއެކު އިނގިރޭސިވިލާތުގެ ދުސްތޫރީ ރަސްކަމުގެ ނިޒާމުގެ ތެރެއިން ރަސްކަމުގެ ތާޖު ވަގުތުން އެކަމަނާގެ ދޮށީ ދަރިކަލުން، ޕްރިންސް(ކުރީގެ) ޗާލްސް އާއި ވަނީ ހަވާލުވެފައެވެ.
ރަސްކަމާއި ޗާލްސް ހަވާލުވެފައިވީނަމަވެސް ރަސްކަމުގެ ތާޖު އެޅުވުން ރަސްމީކޮށް އޮންނާނީ ސަގާފީގޮތުން ވެސްޓްމިންސްޓާ އެބީގައި ބާއްވާ ހަފްލާއެއްގައެވެ.
ޗާލްސް: އިނގިރޭސިވިލާތުގެ ތާރީހުގައި ވެސް އެންމެ ގިނަ ދުވަހު ވާރިސުކަން ކުރެއްވި ބޭފުޅާ
ޗާލްސްއަކީ ރާނީ އާއި ރާނީގެ މަރުހޫމް ފިރިމީހާ ޕްރިންސް ފިލިޕް އަށް ލިބިވަޑައިގެން ހަތަރު ބޭފުޅުންގެ ތެރެއިން ދޮށީ ދަރިކަލުންނެވެ.
އެލްޒަބަތުގެ އުމުރުފުޅުން 25 އަހަރުގައި ތަހުތަށް ވަޑައިގެންނެވިއިރު، އުމުރުފުޅުން ތިން އަހަރުގައި އިނގިރޭސިވިލާތުގެ ވާރިސަށް ޗާލްސް ވެވަޑައިގެންނެވި އެވެ.
ޗާލްސްގެ ލަގަބުތަކުގެ ތެރޭގައި ޕްރިންސް އޮފް ވޭލްސް، ޑޫކް އޮފް ކޮންވޯލް، ޑޫކް އޮފް ރޮތެސޭ އަދި އާލް އޮފް ކެރިކް ހިމެނެއެވެ.
ރާނީގެ ދޮށީ ދަރިކަލުންގެ ގޮތުގައި ޗާލްސްއަށް ވާރުތަވަނީ ބިމާއި މުދާ ފަދަ އެހެން މުދަލާއެކު ކޮމަންވެލްތުގެ ވެރިއެއްގެ ގޮތުގައި ސޮވަރިން ލަގަބެވެ. މީގެ ކުރިން ރާނީ ވަނީ ޗާލްސް ކޮމަންވެލްތާއި ހަވާލުވުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.
އުމުރުން 73 އަހަރުގެ ޗާލްސް އަކީ ރަސްކަމަށް ވަޑައިގަތުމަށް ދިހަވަރަކަށް އަހަރު އިންތިޒާރު ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އޭނާ އަކީ އިނގިރޭސިވިލާތުގެ ތާރީހުގައި ވެސް އެންމެ ގިނަ ދުވަހު ވާރިސުކަން ކުރެއްވި ބޭފުޅާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޗާލްސްއަށްފަހު ދެން ކޮންބޭފުޅެއް؟
މަންމާފުޅުގެ 70 އަހަރުގެ ރަނިކަން ނިމި ޗާލްސްއާއި ރަސްކަން ހަވާލުވިއިރު، މިހާރު ޗާލްސްގެ އުމުރުފުޅުންވެސް 73 އަހަރު ވަނީ ފުރިފައެވެ.
އެހެންކަމުން ޗާލްސްގެ ރަސްކަން ނިމެންވެއްޖެނަމަ ދެން ރަސްކަން ވާރުތަވާ ވާނީ، ޗާލްސްގެ ދޮށީ ދަރިކަލުން، އުމުރުން 40 އަހަރުގެ ޕްރިންސް ވިލިއަމް އަށެވެ.