ads
އޭއާރު ރަހްމާން އޭނާގެ ދަރިންނާއެކު--
މޫނު ބުރުގާ އަޅާތީ އަމާޒުވި ފާޑުކިޔުމަކަށް އޭއާރު ރަހްމާންގެ ދަރިފުޅުގެ ވަރުގަދަ ރައްދެއް
އިންޑިއާގެ ކުޅަދާނަ ލަވަކިޔުންތެރިޔާ އޭއާރު ރަހްމާންގެ އަންހެން ދަރިފުޅު، ހަދީޖާ ރަހްމާން، މޫނު ބުރުގާ އަޅާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް ކުރިން އަމާޒުވި އެވެ. އެފަހަރު ދަރިފުޅުގެ ދިފާއުގައި ރަހްމާން ވެސް ނިކުތެވެ. އަނެއްކާ ވެސް ސޯޝަލް މީޑިއާގައި ހަދީޖާއަށް މިވަނީ ލިޔުންތެރިއަކު ފާޑުކިޔާފަ އެވެ. މިފަހަރު އޭނާ މިވަނީ އަމިއްލަ ދިފާއުގައި ނިކުމެ، ފާޑުކިޔުންތެރިންނަށް ވަރުގަދަ ރައްދެއް ދީފަ އެވެ.
Advertisement

މިފަހަރު ހަދީޖާގެ ފޮޓޯއެއް ހިއްސާކޮށް އޭނާއަށް ފާޑުކިޔާފައި ވަނީ ލިޔުންތެރިއެއްގެ އިތުރުން ހިއުމަން ރައިޓްސް އެކްޓިވެސްޓެއްގެ އިތުރުން ފެމިނިސްޓެއް ކަމަށްވާ، ތަސްލީމާ ނަސްރީނެވެ. އެގޮތުން އޭނާ ބުނެފައި ވަނީ އޭއާރު ރަހްމާންގެ ލަވަތައް އޭނާއަށް ވެސް ވަރަށް ކަމުދާ ކަމަށާއި އެކަމަކު އޭނާގެ ދަރިފުޅު ފެންނަ ކޮންމެ ފަހަރަކު ވެސް "ސަފޮކޭޓް" ވާ ކަމަށެވެ. 

އޭގެ އިތުރުން ބުނެފައި ވަނީ ކިޔަވާފައި ތިބޭ އަންހެނުން އެހާ ފަސޭހައިން ކަންކަމަށް ހެއްލޭ ތަން ފެނުމަކީ ވެސް ވަރަށް ދެރަވަރު ކަމެއް ކަަމަށެވެ. މޫނު ބުރުގާއި އަޅާފައި ހުރި ހަދީޖާގެ ފޮޓޯއެއް ހިއްސާކޮށް އޭނާ އެހެން ބުނިއިރު ހަދީޖާ އެކަމާއި ގުޅިގެން ބުނެފައި ވަނީ އޭނާ ހެދުން އަޅާފައި ހުންނަ ގޮތުން އޭނާއަށް "ސަފޮކޭޓް" ވާނަމަ މައާފަށް އެދޭ ކަމަށެވެ. އަދި ސާފު ވައި ހޯދުމަށް  ތަސްލީމާގެ ކިބައިން އެދެމުން ބުނެފައި ވަނީ އެގޮތަށް ހެދުން އަޅައިގެން އޭނާ ހާސްނުވާ ކަމަށެވެ. ބަދަލުގައި އޭނާ ވަރަށް ފަހުރުވެރިވާ ކަމަށެވެ. 

އޭގެ އިތުރުން ފެމިނިޒަމްގެ މާނަ ގޫގުލް ކުރުމަށް އެދެމުން ހަދީޖާ ބުނެފައި ވަނީ ހަމަގައިމު ވެސް އެއީ އެހެން އަންހެނުން ދަށް ކޮށްލައި މައްސަލަތަކުގެ ތެރެއަށް މީހުންގެ ބައްޕަ ވެއްދުން ނޫން ކަމަށެވެ. އަދި އޭނާގެ ފޮޓޯއެއް ތަސްލީމާއަށް ފޮނުވުން ހަނދާން ވެސް ނުވާ ކަމަށް ބުންޏެވެ. 

ކެރިގެން ފާޑުކިޔުންތެރިންނަށް ރައްދުދިނުމުން ގިނަ ބަޔަކު ދަނީ އޭއާރު ރަހްމާންގެ ދަރިފުޅަށް ތައުރީފް ކުރަމުންނެވެ. 

ދަރިފުޅަށް މޫނު ބުރުގާ އެޅުމަށް މަޖުބޫރު ކުރީ ކަމަށް ބުނެ، މީހުން ކިޔަމުން އައި ފާޑުކިޔުންތަކަށް ރައްދުދީ އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ރަހްމާން ބުނީ، އޭނާގެ ދަރިފުޅު ހަދީޖާއަކީ ވަރަށް ހިތްވަރުގަދަ ކުއްޖެއް ކަމަށެވެ. އަދި މޫނު ބުރުގާ އަޅާފައި ވަނީ އޭނާ އަމިއްލައަށް ބޭނުންވެގެން ކަމަށާއި އޭނާ ކޮށްދިންހާ ވެސް ކަމަކީ ދަރިފުޅަށް ސަޕޯޓުކުރުން ކަމަށެވެ.

ހިންދޫ އާއިލާއަކަށް އުފަން ރަހްމާން އިސްލާމްދީން ގަބޫލުކޮށްފައި ވަނީ އޭނާގެ އުމުރުން 23 އަހަރުގައެވެ. ރަހްމާންގެ އުމުރުން މިހާރު 53 އަހަރެވެ.

ދެ އަންހެން ކުދިންނާއި ފިރިހެން ކުއްޖަކު ރަހްމާންގެ ހުރި އިރު އޭނާގެ ދެ އަންހެން ކުދިންގެ ތެރެއިން މޫނު ބުރުގާ އަޅާފައި ހުންނަނީ ހަދީޖާ އެކަންޏެވެ. ހަދީޖާ ވެސް ވަނީ އޭނާ މޫނު ބުރުގާ އެޅީ އަމިއްލައަށް ބޭނުންވެގެން ކަމަށާއި އިސްލާމް ދީން ފަދަ ރިވެތި ދީނެއް ބައްޕަގެ ފަރާތުން އެނގިގެން ދިއުމަކީ ވަރަށް އުފާ ކުރާ ކަމެއް ކަމަށް ބުނެފައެވެ.

މިއުޒިކީ އާއިލާއަކަށް އުފަން ރަހްމާން ފުރަތަމަ ފަހަރަށް ފިލްމަކަށް ލަވައެއް ކިޔާފައި ވަނީ 1990 ވަނަ އަހަރެވެ. އެއީ ތަމަޅަ ފިލްމު، ރޮޖާއަށެވެ. އޭގެ ފަހުން އޭނާ ވަނީ ބޮލީވުޑުގެ ގިނަ ފިލްމުތަކަށް ލަވަކިޔާފައެވެ. އެގޮތުން އޭނާ އެންމެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި، "ޖޭ ހޯ" އާއި "ލުއްކާ ޗުއްޕީ" އަދި "ދިލް ސޭ ރޭ" އާއި" ޗައްޔަ ޗައްޔަ" އާއި "މާހީ ވޭ" އަދި "ތޭރޭ ބިނާ" ފަދަ ލަވަތައް ހިމެނެއެވެ.

84%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް