ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް -- ފޮޓޯ: ރައީސް އޮފީސް
އިސްކަންދެނީ އީޖާދީ އުފެއްދުންތެރި ކަމަކަށް ވިސްނާ ޖީލެއް ބިނާކުރަން: ރައީސް
ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ މައިގަނޑު އަމާޒަކީ ޒަމާނީ ތައުލީމް އުނގެނި، އީޖާދީ އުފެއްދުންތެރިކަމަށް ވިސްނުން ހިންގާ، ހުނަރުވެރި ޖީލެއް ބިނާކުރުންކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލީހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ދ. ރިނބިދޫ ސްކޫލުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ރޭ އެ ސްކޫލުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. 

މިރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ ސާނަވީ އާއި މަތީ ސާނަވީ ތައުލީމުން މަތީ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް، ވަރަށް ގިނަ ގައުމުތަކުގެ ޔުނިވަސިޓީތަކުން ކިޔެވޭނެ ފުރުސަތު ސަރުކާރުން ހަމަޖައްސައި ދިނީވެސް މިމަގުސަދު ހާސިލްކުރުމުގެ ބޭނުމުގައި ކަމަށެވެ.

މިޒަމާނުގެ ތައުލީމަކީ މަސައްކަތުގެ ހުނަރާ އެކުގައި ހޯދާ ތައުލީމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސްކޫލް މަރުހަލާގެ އެންމެ މުހިއްމު އެއް ކަމަކީ، ދަރިވަރުންގެ ކިބައިގައި ހުންނަ ހުނަރާއި ފަންނުތައް ދެނެގަނެ، އެ ހުނަރާއި ފަންނުތައް އިތުރަށް ތަރައްގީކުރެވޭނެ ގޮތަކަށް އަމާޒުކޮށްގެން ކިޔަވައިދިނުން ކަމަށެވެ. އެހެންކަމުން މައިންބަފައިންވެސް، ދަރިންނަށް ކިޔަވައިދިނުމުގައި މި ކަންކަމަށް ސަމާލުކަން ދެއްވުމުގެ މުހިންމު ކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. 

ރައީސް ވިދާޅުވީ ގައުމު މިއަދު ބޭނުންވަނީ އީޖާދީ އުފެއްދުންތެރި ޒުވާނުންތަކެއް ކަމަށެވެ. ރިނބުދޫ ސްކޫލުގެ ދަރިވަރުންވެސް އަމާޒު ހިފަންވީ، ސްކޫލް މަރުހަލާ ނިންމުމަށްފަހު، ރާއްޖެއަށް އެންމެ ބޭނުންތެރި ދާއިރާތަކުން، މަތީ ތައުލީމް ހާސިލްކޮށް ގައުމުގެ ތަރައްގީގައި އަމަލީ ގޮތުން ބައިވެރިވާނެ ޒުވާނަކަށް ވުމަށް ކަމުގައިވެސް ވިދާޅުވި އެވެ. 

ރިނބުދޫ ސްކޫލުގެ 50 އަހަރުގެ ދިގުމާޒީގައި އެ ސްކޫލަކީވެސް ރައްޔިތުންގެ އަމިއްލަ މަސައްކަތުން އުފެދި ކުރިއަރައި ދިޔަ ސްކޫލެއްކަން ފާހަގަކުރައްވައި ރައީސް ވަނީ ރަން ޔޫބީލްގެ މުނާސަބާގެ ތަހުނިޔާއާ ހެޔޮއެދުންތައް ސްކޫލްގެ އިސް ވެރިންނަށާއި ސްކޫލްގެ މުވައްޒަފުންނަށާއި ދަރިވަރުންނަށް، ބެލެނިވެރިންނަށް ވިދާޅުވެފަ އެވެ. އަދި ރިނބުދޫއަކީ ހުނަރުވެރި ބަޔަކު ދިރިއުޅޭ ރަށެއް ކަމާއި މިގޮތުން އެރަށަކީ ހާއްސަކޮށް ތިލޭރުކަމަށް ރާއްޖެއަށް މަޝްހޫރު ރަށެއްކަން ފާހަގަކުރައްވައި ޒުވާނުންނަށް ތިލޭރުކަން ދަސްކޮށްދީ އެ މަސައްކަތް ދިރުވައި އާލާކުރުމަށް، ކައުންސިލުން އިސްނަގައިގެން މަސައްކަތް ކުރަމުން ގެންދާތީ އެކަމަށްޓަކައި ރިނބުދޫ ކައުންސިލަށް ވެސް ރައީސް ޝުކުރު އަދާކުރެއްވި އެވެ.

ރިނބުދޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ބައްލަވާލައްވަމުން ރައީސް ވިދާޅުވީ އަތޮޅުތަކުގައި ސަރުކާރުން އެޅުމަށް ރާވާފައިވާ ހައުސިން ޔުނިޓުތައް އެޅުމުން މި މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. ރިނބުދޫއަކީވެސް ރަށްގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައ ރަށެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރިނބިދުއަކީ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމުގައި އެންމެ ބޮޑަށް އިސްކަން ދޭންޖެހިފައިވާ ރަށްތަކުގެ ލިސްޓުގައި ހިމެނޭ ރަށެއް ކަމަށެވެ.

ރައީސް ވިދާޅުވީ ރިނބުދޫގެ ބޯފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު މިއަހަރުގެ ބަޖެޓްގައި ހިމަނައިގެން، އެކަން ފެށުމަށްޓަކައި މިހާރު އެމަސައްކަތް ޓެންޑާ ކުރެވިފައިވާ ކަމަށެވެ. އަދި ރިނބުދޫގެ ކަރަންޓުގެ ހިދުމަތް ތަރައްގީކުރުމުގެ މަޝްރޫއުވެސް މިއަހަރު ކުރިއަށްދާނެ ކަމުގައި ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ ސަރުކާރުން ރައްޔުތުންނަށް ވެފައިވާ ވައުދުތަކާ އެއްގޮތަށް، ރާއްޖެ ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށާއި އެކަންކަންވެސް ކުރިއަށް ގެންދާނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަމަށެވެ. 

މިރަސްމިއްޔާތުގައި ވަނީ ރިނބިދޫ ސްކޫލަށް ދިގު މުއްދަތެއްގައި މެދުނުކެނޑި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވި ޚިދުމަތުގެ އެވޯޑް އެފަރާތްތަކާ ހަވާލުކޮށްދެއްވާފަ އެވެ. މި އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. މިރަސްމިއްޔާތުގައި ރިނބިދޫ ސްކޫލުގެ ފަރާތުން ވެސް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލަޔެއް ހަދިޔާކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް