އެކަމަށްޓަކަައި ހުދު އެމަނިކުފާނު ހިމެނޭހެން މަތީ ފަންތީގެ ވަޒީރުންނާއި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިމެނޭހެން ޖުމްލަ 270 ބޭފުޅުން މިވަގުތު ތިއްބެވީ ގަމުގައެވެ.
މި ކޮންފަރެންސް ފައްޓަވައިދެއްވައި ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅުގަައި ފުރަތަމަވެސް ވިދާޅުވީ، ”ލާމަރުކަޒީ ނިޒާމަކީ އަތްނުލެވޭ، ހަގީގަތެއް ނެތް، ހިލާ އަމުދުން ދިމާނުވާ، ބިލާހެއް ނޫންކަމުގެ ޔަގީންކަން އެންމެންނަށްވެސް ލިބިއްޖެ“ ކަމަށެވެ.
އުތުރުން ދެކުނަށް، މުޅި ރާއްޖެ އޮތް ދިގަށް ބެލިޔަސް، އަދި ދިމާ ދޮރުމަތިން ތިމާ ގޭ ހުރި މަގުން، އަމިއްލަ ރަށުން، އަތޮޅުން އަދި މުޅި ރާއްޖެއަށް ބެލިޔަސް މިހާރު އެދެންނެވި ”ބަދަލު ފެންނާނެ، އަތްލެވޭނެ، ބެލޭނެ“ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވިގޮތުން ބޭނުމަކީ، ކޮންމެ ރައްޔިތަކަށްވެސް އެ ރައްޔިތަކު އިހްތިޔާރުކުރާ ތަނެއްގައި، އުފާފާގަތިކަމާއިއެކު، އާއިލާ ބިނާކޮށް ދިރިއުޅެވޭނެ މަގު ފަހިކުރުމެވެ.
ބާރު ދުވެލިން، ބޮޑު ތިލަދުންމަތި އަމުނައި، ގަތައި ބަދަހިކޮށްފި
މިދިޔަ ޖޫންމަހުގެ ތެރޭގަަައި ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން "ރާއްޖެ ޓްރާންސްޕޯޓު ލިންކު”ގެ ހިދުމަތް ހއ. އިން ށ. އަތޮޅަށް ވަނީ ފަށާފައެވެ. އެދުވަހުން ފެށިގެން އެ ހިދުމަތް ސަރުކާރުން ދަނީ ފުޅާކުރަމުންނެވެ.
މިކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ، ދިރިދިރި ހިނގަހިނގާ އޮތް އިގްސޯދެއްގެ ތަނަވަސްކަން އެންމެންނަށް ލިބުމުގެ ގޮތުގައެވެ.
އެ ވިދާޅުވާ އެއްޗެއްގެ މިސާލުވެސް ރައީސް ޖެއްސެވިއެވެ. ތަކަން-މާރަންދޫގެ ހިކަނދި ރާނބާ ފަތް، އެންމެންވެސް އަބަދުވެސް ބޭނުންވާގޮތަށް، ކެލާ ބާރަށުގެ ފަލަމަޑިއަށް ރަށްތަކުން އިންތިޒާރު ކުރުމެވެ. އަދި މިނޫނަސް އެތައް ރަށެއްގެ އާދަޔާ ހިލާފު މާދަރީ އުފެއްދުން ހުންނައިރު، އާރުޓީއެލް މެދުވެރިކޮށް އެތަކެތި ފީނުވެ، ބޮޑު ތިލަދުންމައްޗަށް ރައްދުކުރެވި، އެ ރަށަކަށް އެ ރަށެއްގެ އަގު، އިރުއޮއްސުމުގެ ކުރިން މިހާރު ލިބޭނެކަމަށް ވިދާޅުވި އެވެ.
މުޅި އުމުރު އަވަދިކުރަމުންދާ މީހާއަށް ހައްގު އުޖޫރަ ލިބުން
ރާއްޖެ ވިއަވަތިވެ، ދިރިއުޅުން ޖަޒީރާވެ، އުފާފާގަތިކަމާއި ބާއްޖަވެރި ހަޔާތެއްގެ ނަސީބު، ކޮންމެ ރަށެއްގެ ކޮންމެ ދިވެއްސަކަށްމެ ހައްގެވެ. ކުރާ މަސައްކަތުގައި މުޅި އުމުރު އަވަދިކުރަމުންދާ މީހާއަށް ހައްގު އުޖޫރަ ލިބެންޖެހޭނެކަން ރައީސް ގަބޫލުކުރައްވައެެވެ.
ރައީސް މިކަން ފާހަގަކުރެއްވީ ސަރުކާރުން ގެނައި މި އިންގިލާބީ ހެޔޮ ބަދަލަކީ، ކޮންމެހެން ކުރަންޖެހި، ނުވެ އޮތް ކަމެއްގެ ގޮތުގައެވެ.
ރަށްތަކުގެ ތައުލީމީ ނިޒާމަށް ގެނެވުނު ބަދަލު، ފެނުނީ، މި އަހަރުގެ ހައި އެޗީވަސް އެވޯޑް ހާސިލްކުރި ދަރިވަރުންގެ އަދަދުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެކަހެރި ކުދި ރަށްރަށުގެ މަދަރުސާތަކުގެ ދަރިވަރުން ސިއްސައިގެންދާވަރުގެ މަތީ ނަތީޖާ ހޯދީ މުޅި ދުނިޔެއާ ވާދަކޮށް ކަމަށެވެ. ލާމަރުކަޒީ ރާއްޖޭގެ ޖަޒީރާ ކުދި ސްކޫލްތަކުން އެކަން އެވަނީ ސާބިތުކޮށްދީފައި ކަމަށެވެ.
ކަރަންޓާއި ފެނާއި ނަރުދަމާއަކީ އަސާސީ ކަންކަން
އެއީ ހުރިހާ ރައްޔިތުންނަށް ލިބިދިނުން މަޖުބޫރު އަސާސީ ހިދުމަތެއް ނަމަވެސް، 2018އާއި ހަމަޔަށް އައިއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ 70 އިންސައްތައަށްވުރެ ގިނަ ރަށުގައި ފެނާއި ނަރުދަމާ ނެތްކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ސޯލިހުގެ ފަސް އަހަރު އަމާޒުކޮށްފައި ވަނީ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅައި ނިންމުމަށް ކަމަށާއި، ގެޔަކަށްފަހު ގެއެއް، ރަށަކަށްފަހު ރަށެއްގައި އެދަނީ އެދުމަތް ފުރިހަމަވެ ނިމެމުން ކަމަށް ވިދާޅުވި އެވެ.
މައިބަދައަކީ ލާމަރުކަޒީ ނިޒާމު
ކައުސިލްތަކަށް މާލީގޮތުންނާއި އަދި، ޤާނޫނީ ގޮތުން އިތުރު ބާރުތައް ލިބިދީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އަށް ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގު ކުރައްވާފައި ވަނީ، 15 ޑިސެންބަރު 2019 ގައި ބޭއްވި، ފުރަތަމަ ވިއަވަތި ރާއްޖެ މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގަ އެވެ.
ރައީސް ވިދާޅުވިގޮތުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ނުގެނެސް މަޑުކޮށްފިނަމަ، ކަންކަން އަނެއްކާވެސް އޮންނާނީ ކުރިންވެސް އޮތްގޮތަށް މަޑުޖެހި، ހުއްޓި ތާށިވެފަައެވެ.
މިހާރު ހިނގަމުންދާ ހުރިހާ ސިޔާސަތެއް ފަރުމާވެ ނިމި، ހިނގަމުން ދަނީ އޭގެ މައިބަދައަކީ ލާމަރުކަޒީ ނިޒާމު ކަމުގައި ކަނޑައަޅައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.
ލާމަރުކަޒީ ނިޒާމާއި އެމްޑީޕީ
ސަރުކާރު ނިސްބަތްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވީ ރާއްޖޭގެ ހިންގުން ލާމަރުކަޒީ އުސޫލުން ހިންގުމަށް މަގުފަހިވާގޮތަށް ލިޔެވިފައި އޮތް ގާނޫނު އަސާސީއަކާއިއެކުގައެވެ. އެއާއިއެކު، ކުރީގެ ކަތީބުންނާއި އަތޮޅުވެރިންގެ ބަދަލުގައި ރަށު ކައުންސިލަރުންނާއި، އަތޮޅު ކައުންސިލަރުން އިންތިހާބު ކުރެވިގެން ދިޔައެވެ. އެހެނަސް، މާލެގެ މަރުކަޒީ ހިންގުމަށް މާބޮޑު ބަދަލެއް އައިތަނެއް ނުފެނުނެވެ.
ޖަޒީރާ ދިރިއުޅުމެއް ކަށަވަރު ކޮށްދިނުމަށްޓަކައި އެމްޑީޕީން ވައުދުވެފައިވަނީ މަރުކަޒީ ސަރުކާރު އަތޮޅުތަކަށް ބަހާލައި، ސަރުކާރު މިނިސްޓްރީތަކުގެ ގިނަ މަސައްކަތްތައް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ބަހާލާށެވެ. އަދި އާއިލާތަކަށް ދިރިނޫޅެވޭ ވަރުގެ ކުދިކުދި ބިންކޮޅާއި ފްލެޓްތަކުގެ ބަދަލުގައި އެމީހުން އިހްތިޔާރުކުރާ އެހެންތަނަކުން އެކަށީގެންވާ ވަރުގެ ގޯއްޗެއް ފޯރުކޮށް ދިނުމަކީވެސް ވެފައިވާ ވައުދެކެވެ.