ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ގާނޫނު ބަދަލު ކޮށްގެން ވިޔަސް ލޭންޑް ޔޫސް ޕްލޭންތައް ހެދޭނެ މަގުފަހި ކުރަންޖެހޭ: ރައީސް
ރަށްތަކުގެ ބިން ބޭނުން ކުރާނެ ގޮތުގެ ލޭންޑް ޔޫސް ޕްލޭން ތައް ހެދުމަށް ކައުންސިލް ތަކަށް ދިމާވާ ދަތިތައް ގާނޫނަށް އިސްލާހު ގެނެސްގެންވެސް ހައްލު ކުރަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ ގާނޫނުގައި ވާގޮތުން ކައުންސިލް މެމްބަރުން އިންތިހާބުވާތާ ތިން މަސް ދުވަސް ތެރޭ، ރަށުގެ ލޭންޑް ޔޫސް ޕްލޭން ހަދާ ނިންމަން ޖެހެ އެވެ. އެހެން ނަމަވެސް އަލަށް އިންތިހާބުވި ކައުންސިލް ތަކަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރުވެސް ގިނަ ރަށްތަކުގެ ލޭންޑް ޔޫސް ޕްލޭން އެކި ސަބަބުތަކާއި ހެދި ވަނީ ހެދޭގޮތްނުވެފަ އެވެ. 

ދެކުނުގެ އަތޮޅުތަކަށް ހާއްސަކޮށްގެން ލ. ގަމުގައި ކުރިއަށްދާ "ވިއަވަތި ކޮންފަރެންސް" ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ، ރަށްތަކުގެ ލޭންޑް ޔޫސް ޕްލޭންތައް ފާސްކުރުމުގައި ކައުންސިލްތަކަށް ދިމާވާ ދަތިތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފަ އެވެ. 

މިކަމަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލުތަކާ އެއްގޮތަށް ބިނާވެށި ޕްލޭންތައް އެކުލަވާލުމަށް ކައުންސިލްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާކަން ހާމަވެފައިވާކަމަށެވެ. 

އަދި އެކަމުގެ ސަބަބުން ރަށްރަށުގެ ތަރައްގީއަށް ކުރަން ހުރި މަސައްކަތްތަކުގައި ހުރަސްތައް ހުރިކަން ކައުންސިލްތަކުން ފާހަގަކުރައްވަމުން ދާތީ، ގާނޫނަށް އިސްލާހު ގެނެސްގެން ނަމަވެސް އެކަމަށް ލުއި ފަސޭހަ މަގެއް ހޯދަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. 

ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންގެ ތެރެއިން 107 ބޭފުޅުންނާއިއެކު، ޖުމްލަ 270 ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ. ވިއަވަތި ރާއްޖެ ކޮންފަރެންސްގައި މިއަދު ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ދެ ސެޝަންގެ މައުލޫއަކީ، ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމާއި، ވިލުންވެރި މުޖުތަމައެއް ބިނާކުރުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް