ads
ވިއަވަތި ކޮންފަރެންސްގެ ތެރެއިން
ކައުންސިލްތަކަކީ ފުދުންތެރި ކައުންސިލްތަކަކަށް ހަދަން ޖެހޭ: ރައީސް
އެންމެ ހަރުދަނާކޮށް ކައުންސިލްތައް ހިންގުމަށްޓަކައި، ކައުންސިލްތަކަކީ މިހާރަށް ވުރެ ފުދުންތެރި ކައުންސިލްތަކަކަށް ހަދަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ލ. ގަމުގައި މިހާރު ކުރިޔަށްދާ ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތިންވަނަ ސެޝަން ފަށްޓަވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
Advertisement

ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތިންވަނަ ސެޝަންގެ މައުލޫއަކީ، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމެވެ. ރައީސުލްޖުމްހޫރިއްޔާ ރިޔާސަތު ބެލެހެއްޓެވި މި ސެޝަންގައި އެމަނިކުފާނާއެކު ޕެނަލްގައި، މިނިސްޓަ އޮފް ފިނޭންސް، އިބްރާހީމް އަމީރާއި، މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ފައްޔާޒް އިސްމާއީލާއި، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓް އޮފީސް އަލީ ޝިޔާމްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު، އަލީ ނިޔާޒް އަދި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ، ފާތިމަތު އަފްޝާން ލަތީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވިއަވަތި ރާއްޖެ ކޮންފަރެންސްގައި މިކަމަށް އަލިއަޅުވާލެއްވުމުގެ ބޭނުންފުޅަކީ، ކައުންސިލްތަކަށް އާމްދަނީ ހޯދިދާނެ ގޮތްތަކާއި ކައުންސިލް މެދުވެރިވެގެން ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރެވިދާނެ ކަންކަމާއި މެދު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި އެކު އިތުރަށް މަޝްވަރާކުރެއްވުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް ގެނެވުނު އިސްލާހާ އެކީގައި، ސަރުކާރުން ހާސިލްކުރަން ބޭނުންވި އެންމެ މުހިއްމު ކަމަކީ، ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވައި، އޭގެ ޒާތުގައި އަމިއްލައަށް ހިންގޭނެ ގޮތްތަކެއް ފަހިކޮށްދެއްވުން ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކައުންސިލްތަކަށް ދޫކުރާ ބަޖެޓް ނުވަތަ ގްރާންޓް ، އެއް އަހަރުން އަނެއް އަހަރަށް އަންނަނީ އިތުރުކުރެވެމުން ކަމަށެވެ. އެހެން ނަމަވެސް އަދިވެސް ކުރަންޖެހޭ ގިނަކަންތައްތަކެއް އެބަހުރި ކަމަށާއި، މިހާރަށްވުރެ ރަނގަޅަށް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިންގުމަށްޓަކައި، މިހާރަށްވުރެ ވެސް ފުދުންތެރި ކައުންސިލްތަކަކަށް ބަދަލުކުރަންޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރު ސަރުކާރުން ކައުންސިލްތަކަށް ދޫކުރަނީ، ދައުލަތަށް ލިބޭ އާމްދަނީގެ %5 ކަމަށާއި، އޭގެ އިތުރުން، އަތޮޅުތަކުގެ ރަށްރަށާއި، ފަޅުން ލިބޭ އާމްދަނީގެ ކުލީގެ %40 ކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އޭގެ އިތުރުން ކުންފުނިތައް އުފައްދައިގެން ވިޔަފާރިކުރެވޭނެ ގޮތްތަކެއް އިންތިޒާމް ކުރެވެމުންދާ ކަމަށެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެންމެ ފަހުން އުކުޅަހުގައި ބޭއްވުނު ވިއަވަތި ރާއްޖެ ކޮންފަރެންސްގައިވެސް އަދި މި ކޮންފަރެންސްގައިވެސް އެންމެ ބޮޑަށް ވާހަކަދެކެވި މަޝްވަރާކުރެވިފައި ވަނީ، މާލީ ގޮތުން ހުރި ދަތިތަކާއި ގުޅޭ ގޮތުން ކަމަށެވެ. އަދި މިކޮންފަރެންސް ނިމިގެންދާއިރު ބިނާކުރެނިވި މުހިއްމު ވާހަކަތަކެއް ދެކެވި މަޝްވަރާކުރެވިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިސެޝަންގައި، ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމަށާއި، އަދި ކައުންސިލްތަކުގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި، އަދި މިހާތަނަށް ކުރެވިފައިވާ މަސައްކަތް ތަކާއި ގުޅޭ ގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުންނާއި، މިނިސްޓްރީ އޮފް ފިނޭންސުން ވަނީ ޕްރެޒެންޓޭޝަންތައް ހުށައަޅުއްވާފައެވެ.

މީގެ އިތުރުން، ވިޔަވަތި ރާއްޖެ ކޮންފަރެންސް ފެށުމުގެ ކުރިން، ކުރިޔަށް ގެންދިޔަ ފަނޯއްލަ ދަރުބާރުގައި، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމަށް ކައުންސިލަރުން މަޝްވަރާކުރެއްވި ކަންކަމުގެ މައްޗަށްވެސް ވަނީ، ކައުންސިލަރުންގެ ފަރާތުން ޕްރެޒެންޓޭޝަނެއް ހުށައަޅުއްވައިފައެވެ. މިޕްރެޒެންޓޭޝަންގައި ކައުންސިލްތަކަށް ހުރި މާލީ ދަތިތަކާއި، އެކަންކަން ޙައްލުކުރުމަށް ބޭނުންވާގޮތްތައް ވަނީ ހިމެނިފައެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތިންވަނަ ކޮންފަރެންސް، ލ. ގަމުގައި ކުރިޔަށް ދާއިރު، މިއަދު މިކޮންފަރެންސް ނިމޭނެއެވެ. މިކޮންފަރެންސްގެ އެންމެ ފަހު ސެޝަންގައި، މަޝްވަރާކުރެވޭނީ، ވިލުންވެރި މުޖުތަމައެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭ ގޮތުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް