ލ. ގަމުގައި ކުރިއަށް ދިޔަ ތިން ވަނަ ވިއަވަތި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ، ބިނާވެށި ޕްލޭން ހެދުމުގައި ކުރިމަތިވާ ދަތިތަކުގެ މައްސަލައަކީ އުކުޅަހުގައި ބޭއްވި ކޮންފަރެންސްގެ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލަ ކަމުގައިވީނަމަވެސް ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ނިމުނު އިރު އެކަން ބަދަލުކުރެވިފައިވާކަން ފާހަގަކުރައްވާފަ އެވެ.
އެގޮތުން އުކުޅަހު ކޮންފަރެންސުގައި ނިންމި ނިންމުންތަކަށްފަހު ކައުންސިލުތަކުން ބިނާވެށި ޕްލޭންތައް މިހާރު ހަދަމުން އަންނަކަމަށާއި މިހާރު ކުރަންޖެހޭކަމަކީ ބިނާވެށި ޕްލޭންތަކަށް ހުއްދަދެވޭނެ އަވަސް ގޮތްތަކެއް ހޯދުންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެގޮތުން ޕްލޭންގެ ބައިބަޔަށް ވަކިން ހުއްދަދެވޭ ކަހަލަ ގޮތަކަށް ހަމަޖެއްސުމާއި ބެހޭގޮތުން ކޮންފަރެންސްގައި މަޝްވަރާ ކުރެވިފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
މި ކޮންފަރެންސްގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ދައުރު މިހާރަށްވުރެ ފުޅާކުރުމަށް ދެކެވުނު ވާހަކަތަކަކީ ވަރަށްބޮޑު ބުރަދަނެއް ހުރިވާހަކަތަކެއްކަން ފާހަގަކުރައްވައި އެ ކޮމެޓީތަކަށް މާލީގޮތުން ހުރި ދަތިތަކާއި ކޮމެޓީގެ މެންބަރުންނަށް މަސައްކަތްކުރެވޭނެ ރަނގަޅު މާހައުލެއް ގާއިމްކޮށްދިނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. އެމަނިކުފާނު ވިދާޅުވީ މަސައްކަތްކުރެވޭނެ ރަނގަޅު މާހައުލެއް ގާއިމު ކޮށްދިނުމުން ވެސް، އ.ތ.މ. ކޮމެޓީތަކަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަށް ޙައްލުތަކެއް ލިބިގެންދާނެކަމަށެވެ.
ކޮންފަރެންސްގައި ކައުންސިލްތަކުން ހުށަހަޅައި މަޝްވަރާކުރެވުނު ގޮތަށް، ބްލޮކް ގްރާންޓް ދިނުމުގައި މަހުން މަހަށް ދިނުމުގެ ބަދަލުގައި އަހަރުގެ ތެރޭގައި 4 ބަޔަށް ބަހާލައިގެން ދޫކުރާގޮތަށް އަންނަ އަހަރު ބަޖެޓު ދެމުންގެންދާއިރު ބަދަލުގެންނަވާނެކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.
ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތިންވަނަ ކޮންފަރެންސް، ލ. ގަމުގައި ބޭއްވުނު އިރު، މިކޮންފަރެންސްގައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން، 107 ބައިވެރިންނާއި، ސަރުކާރުގެ އިސްބޭފުޅުންނާއި، ސަރުކާރު ކުންފުނިތަކާއި ފަންނީ ދާއިރާތަކުގެ ބޭފުޅުންނާއި އެކު ޖުމުލަ 270 ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
މިފަހަރުގެ ކޮންފަރެންސްގައި ބައިވެރިވެފައި ވަނީ، ދ. ތ. ލ. ގއ. ގދ. ގެ ރަށުކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންނެވެ. އަދި ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީކައުންސިލާއި، އެދެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންނެވެ.