ސަރުކާރާއި އިނގިރޭސިވިލާތުގެ މެރިން ރިސާޗު ފައުންޑޭޝަން "ނެކްޓަން" ގުޅިގެން ގެންދާ "މޯލްޑިވްސް ނެކްޓަން މިޝަން"ގެ މަސައްކަތްތައް ކުރިއަށް ގެންދާ މަނަވަރު "އޮޑެސީ" އަށް ރައީސް ވަޑައިގެންނެވީ ލ. ގަމުގައި ބޭއްވި "ވިއަވެތި" ކޮންފަރެންސް ނިންމާލެއްވުމަށް ފަހު މިއަދު ހަވީރެވެ. އެ ދިރާސާގެ މަސައްކަތަށް އޮޑެސީ މިހާރު އޮތީ ވެސް ލ. އަތޮޅުގަ އެވެ.
ރައީސް އަރިހުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ އާއި ފިޝަރީޒް މިނިސްޓަރު ހުސެއިން ރަޝީދު ހަސަން ވެސް އޮޑެސީ އަށް ވަޑައިގެން، ދިރާސާގެ ޓީމާ ބައްދަލުކުރެއްވިއެވެ.
ނެކްޓަން އިން ބުނީ މިއަދު ރައީސްއާ ބައްދަލުކުރެއްވި ދިވެހި ހަތަރު އެކުއަނޯޓުން ވަނީ މިދިޔަ ދެ ދުވަހުގެ ތެރޭގައި ކަނޑުގެ 500 މީޓަރު އަޑިއަށް ގޮސް ސާވޭކޮށްފަ އެވެ. އެ ޓީމުން ހޯދި ބައެއް ޑާޓާ މިއަދުވަނީ ރައީސްއާ ހިއްސާކޮށްފައެވެ.