ads
ވިލިމާލެ ހޮސްޕިޓަލް. ފޮޓޯ: މާޕިއޯ.ނެޓް
މުއްދަތު ހަމަވެފައި ހުރި ވެކްސިނެއް ކުޑަކުއްޖެއްގެ ގަޔަށް ވިލިމާލެ ހޮސްޕިޓަލުން ޖަހައިފި
ވިލިމާލެ ހޮސްޕިޓަލުން މުއްދަތް ހަމަވެފައި ހުރި ވެކްސިން ޖެހި މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެ އެވެ.
Advertisement

މިކަމާއި ގުޅިގެން ވެކްސިން ޖެހި ކުއްޖާގެ ބައްޕަ "ސީއެންއެމް" އަށް މައުލޫމާތު ދެމުން މިއަދު ބުނީ، ކުއްޖާގެ އުމުރުން ހަތަރު މަހުގައި ވިލިމާލެ ހޮސްޕިޓަލުން ކުއްޖާގެ ގަޔަށް ވެކްސިން ޖެހި ކަމަށާއި، އެ ވެކްސިން އަކީ މުއްދަތު ހަމަވެފައި ހުރި ވެކްސިނެއް ކަން މިއަދު ހޮސްޕިޓަލުން ގުޅާ އަންގާފައި ވާކަމަށެވެ. 

އަދި މިހާރު ކުއްޖާގެ އުމުރުން އަށް މަސް ވެފައި ވާކަމަށާއި، މިހާ ދުވަސްވަންދެން އެކަން ހޮސްޕިޓަލުން ސިއްރު ކޮށްގެން ތިބީ، އެޗްޕީއޭއިން އެކަން އެގޮތަށް ކުރަން އެންގުމުން ކަމަށް ހޮސްޕިޓަލުން ބުނި ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ. 

"މިއަދު ހޮސްޕިޓަލުން ގުޅާފަ މިބުނީ، ބޭބީ އަށް ހަތަރު މަހުގަ ޖެހި ވެކްސިން އެއީ މުއްދަތް ހަމަވެފައި ހުރި ވެކްސިނެއް ކަމަށް. ދެން އެހާ ދުވަހު އެކަން ސިއްރު ކޮށްގެން ތިބީ ކީއްވެގެންތޯ އެހީމަ ހޮސްޕިޓަލުން ބުނީ އެޗްޕީއޭއިން އެކަން ބެލެނިވެރިންނަށް ނޭންގުމަށް އެނގި ކަމަށް." ކުއްޖާގެ ބައްޕަ ބުންޏެވެ.

މީގެ އިތުރުން ކުއްޖާގެ ބައްޕަ ބުނީ، އިތުރު ކުދިން ތަކަކަށްވެސް މުއްދަތު ހަމަވެފައި ހުރި ވެކްސިން ޖެހިފައި ވާކަމަށް ހޮސްޕިޓަލުން ބުނި ކަމަށާއި، އަދި އެކަން މިހާރު ބެލެނިވެރިންނަށް އަންގަމުން އަންނަ ކަމަށެވެ. އަދި މި މައްސަލަ ހެލްތު މިނިސްޓްރީ އަށް ހުށަހަޅާނެ ކަމަށްވެސް ކުއްޖާގެ ބައްޕަ ވަނީ ބުނެފަ އެވެ. 

"މިތިބީ ހޮސްޕިޓަލު ބޭރުގަ. މިތަނުގެ މީހުންނާއި ވާހަކަ ދައްކަނީ މި. އެމީހުން ބުނެފި މުއްދަތު ހަމަވެފައި ހުރި ވެކްސިން ޖެހުނު ކަން ބަޔާންކޮށް ލިއުމެއް ދޭނެ ކަމަށް. އެ ލިއުން ލިބޭ އިރަށް މައްސަލަ ހުށަހަޅާނަން."

 

މިކަމާއި ގުޅިގެން "ސީއެންއެމް" އިން ހެލްތު މިނިސްޓްރީގެ އިތުރުން އެޗްޕީއޭ އަދި ވިލިމާލެ ހޮސްޕިޓަލަށް ގުޅަން ކުރި މަސައްކަތް އެތަންތަނުން ފޯނަށް ޖަވާބު ދީފައި ނުވާތީ ވަނީ ކާމިޔާބު ވާގޮތް ނުވެފަ އެވެ. 

ވިލިމާލެ ހޮސްޕިޓަލުގައި މުއްދަތު ހަމަވެފައިހުރި ވެކްސިންތަކެއް ތުއްތުކުދިންގެ ގަޔަށް ޖަހާފައިވާ މައްސަލައާއި ގުޅިގެން، ވިލިމާލެ ހޮސްޕިޓަލުން ވެކްސިން ޖެހުން ވަގުތީގޮތުން ހުއްޓާލުމަށްފަހު އަލުން ވެކްސިން ޖެހުން ފަށާފައި ވަނީ، މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. 

އޭރު އެކަމުގައި ޝާމިލްވި ފަރާތްތައް ސަސްޕެންޑު ކުރި ކަމަށްވެސް އައިޖީއެމްއެޗް އިން ވަނީ އޭރު ބުނެފަ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް