ads
ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
މެމްބަރުންގެ އަދަދު ހިފެހެއްޓުމަށް ތާއީދު، އެކަމަކު މެމްބަރުން ސުވާލުއުފައްދަނީ 87 ގައިތޯ؟
މަޖިލީހުގެ މެމްބަރުންގެ ނިސްބަތް ކޮންމެ ފަސް އަހަރަކުން އިތުރުވަމުން އަންނާތީ، އެ އަދަދު މިހާރު ހުރި ވަރު 87 ގައި ހިފެެހެއްޓުމަށް، ގާނޫނު އަސާސީ އަށް އިސްލާހު ގެންނަން ހުށަހެޅުއްވީ، ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އެވެ.

އެ އިސްލާހުގައި ވަނީ، މަޖިލީހަށް އިންތިހާބުކުރާ މެމްބަރުންގެ އަދަދަކީ 87 ކަމުގައި ގާނޫނު އަސާސީގައި ލިޔެފައި ބޭއްވުމަށެވެ. އެގޮތުން އިދާރީ ދާއިރާތަކުގެ ތެރޭގައި 87 ދާއިރާ ހިމެނުމަށްފަހު، ކޮންމެ ދާއިރާއަކުން އެއް މެމްބަރަކު އިންތިހާބު ކުރަންޖެހޭގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަން ގާސިމް ހުށަހަޅުއްވާފައި ވެއެވެ. 

ސަބަބެއްކަމުގައި ވިދާޅުވެފައިވަނީ، މިހާރު ގާނޫނު އަސާސީގައި އޮންނަގޮތުން ކޮންމެ ފަސް އަހަރަކުން މަޖިލީހަށް މެމްބަރުން އިތުރުވަމުން ދިއުމުންނާއި، މިއަދަދު ހުއްޓުމެއްނެތި އިތުރުވަމުންދާނަމަ ރާއްޖެފަދަ ކުޑަ ގާނޫނު ހަދާ މަޖިލީހަށް ބޭނުންވާ ވަރަށްވުރެ ގިނަ މެމްބަރުން އިންތިހާބު ކުރަންޖެހެދާނެތީ އެވެ. 

your imageރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް

މި އިސްލާހަށް މިހާރު ކުރިއަށްދާ ބަހުސްގައި މިހާތަނަށް ބަހުސްކުރެއްވި 18 މެމްބަރުންގެ ތެރެއިން  16 މެމްބަރުން ވިދާޅުވީ އެއިސްލާހުގެ މައިގަނޑު މަހްފޫމަށް ތާއިދުކުރެއްވި ނަމަވެސް މުޅި ބިލަށް އެއްބަސް ނުވެވޭ ކަމަށެވެ.

އެގޮތުން ސަރުކާރަށް ނިސްބަތްވާ އެތައް މެމްބަރުންނެއް ވެސް ވިދާޅުވީ، އަދަދު ހިފެހެއްޓުމަށް ތާއިދުކުރާކަމަށާއި ނަމަވެސް އެއީ 87 ތޯ ނިންމުމަށް ފުޅާ ދާއިރާއެއްގެ މަޝްވަރާތަކެއް ފުރަތަމަ ކުރަން ޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށެވެ. 

”ލިމިޓުކުރުމަކާއި އަޅުގަނޑު ދެކޮޅެއް ނޫން، އެކަމަކު 87 ގާނޫނު އަސާސީގައި ހިމަނާއިރު ވިސްނާލަންޖެހޭ 87 އެއީ ކޮންތާކުން ލިބުނު ފޯމިއުލާއެއްތޯ؟“ ގާސިމްގެ އެ އިސްލާހް މަޝްވަރާއަށް ގެންދަންޖެހޭކަމަށް ވިދާޅުވެ ފުރަތަމަ އިސްލާހާއި ދެކޮޅަށް ވާހަކަދެއްކެވި ސަރުކާރަށް ނިސްބަތްވާ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވި އެވެ.

your imageހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް


އަސްލަމްގެ އަދަދު ސުވާލު ދެން ބަހުސްކުރެއްވި ކޮންމެ މެމްބަރަކު ކުރެއްވި އެވެ. 

”ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މަދުކުރުމަށް ހުށަހަޅުއްވާފައިވާ ވިސްނުން އެއީ ރަނގަޅު ވިސްނުންފުޅެއް، އަޅުގަނޑު މި މަހްފޫމަށް ތާއީދުކުރަން. އެހެންނަމަވެސް އަޅުގަނޑަށްވެސް ހަމަ ސުވާލު އުފެދެނީ 87 މިއީ ކިހިނެތް އައި ނަންބަރެއްތޯ؟“ ސަރުކާރަށް ނިސްބަތްވާ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވެސް ސުވާލުކުރެއްވި އެވެ.



your imageހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު

ނިޔާޒު އެދިވަޑައިގަތީ، މަޝްވަރާގެ ތެރެއިން ގިނަ ރައްޔިތުންގެ އަޑު އިއްވޭނެފަދަ ގޮތަކަށް މެމްބަރުންގެ އަދަދު ހިފެހެއްޓުމަށް މަސައްކަތްކުރުމަށެވެ.

އޭގެފަހުން ވާހަކަދެއްކެވި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރް މޫސާވެސް ކުރެއްވީ ހަމަ އެ ސުވާލެވެ. 

”މިއީ ރަނގަޅު އިސްލާހެއް އިއްޒަތްތެރި ރައީސް. އަޅުގަނޑުމެންތެރޭ އުފެދޭ ސުވާލަކީ 87 ގޮނޑިތޯ މި މަޖިލީހުގައި ބަހައްޓާނީ، 90 ގޮނޑިތޯ؟ 100 ގޮނޑިތޯ؟“ އޭނާ ވިދާޅުވިއެވެ.

your imageހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރް

މެމްބަރު އަބްދުލްގަފޫރް މޫސާ ވިދާޅުވީ، މެމްބަރުންގެ އަދަދު އިތުރުވާންޖެހޭނީ ހުދޫދެއްގެ ތެރެއިންކަން ގަބޫލުކުރައްވާ ކަމަށެވެ. އެކަމަކު އެ އަދަދު ހިފަހައްޓާ ”ތަޅުއަޅުވާނީ“ ކިހާވަރެއްގައިތޯ އެއީ މަޝްވަރާކޮށްގެން ނިންމަންޖެހޭ ނިންމެއްކަން އޭނާ ވެސް ފާހަގަކުރެއްވި އެވެ.

މީގެ ފަހުން ވާހަކަދެއްކެވި މެމްބަރުން ވެސް ފާހަގަކުރެއްވީ ހަމަ އެއްވާހަކަތަކެވެ. އަދަދު ހިފަހައްޓަންޖެހޭ ކަމަށެވެ. އެކަމަކު އެ އަދަދާއިމެދު އަދިވެސް މަޝްވަރާކުރަން ބޭނުންވާ ކަމަށެވެ.

ގާނޫނު އަސާސީ 2008 ވަނަ އަހަރުގެ އޮގަސްޓު ހަތްވަނަ ދުވަހު އިސްލާހުކުރެވުނު ފަހުން މިހާތަނަށް ބާއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތިން އިންތިހާބެވެ. އެގޮތުން 2009 ގައި ބޭއްވުނު 17 ވަނަ މަޖިލީހަށް 77 މެމްބަރުން އިންތިހާބުކުރި އިރު، 2014 ވަނަ އަހަރު ބޭއްވުނު 18 ވަނަ މަޖިލީހަށް 85 މެމްބަރުން އަދި މިހާރު ކިުރިއަށްދާ 19 ވަނަ މަޖިލީހަށް 87 މެމްބަރުން ވަނީ އިންތިހާބު ކުރެވިފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް