ads
ނިހާންގެ ދިފާއީ ހެއްކަށް ރައީސް ސޯލިހާއި، ނައިބު ރައީސް ފައިސަލް، ބަލައެއް ނުގަތް!
ޕީޖީ ޝަމީމާއި، މިނިސްޓަރު މަހްލޫފުގެ ނަން ބަލައިގަތް
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހަސަން މަނިކުގެ ދިފާއީ ވަކީލުންގެ ގޮތުގައި ހުށަހެޅި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމްގެ ނަން ބަލައި ނުގަންނަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލްގެ ނަން ނިހާންގެ ފަރާތުން ހުށަހެޅުއްވީ، މާލިއްޔަތު ކޮމިޓީގައި ނިހާން އަދާ ކުރައްވާ ދައުރު ޝަރީއަތަށް ސާބިތުކުރުމަށެވެ.

އަދި ދިފާއީ ހެކިންގެ ގޮތުގައި ޕްރޮސިކިއުޓަ ޖެނަރަލް(ޕީޖީ ) ހުސައިން ޝަމީމާއި، ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ ނަންވެސް ހިމެނެއެވެ. 

ނަމަވެސް މިއަދު އޮތް އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ އެއިން އެއްވެސް ހެއްކެއްް ބަލައި ނުގަތުމަށް ހުށަހަޅާފައެވެ.  

ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ޝަރީއަތުން ނިންމި ގޮތް ހާމަކުރުމަށް އޮތް މިއަދުގެ އަޑުއެހުމުގައި، މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް  ވިދާޅުވީ ނިހާނަށް ކުރާ ދައުވާގައި އޭނާ މާލިއްޔަތު ކޮމިޓީގައި އާދަ ކުރައްވާފައިވާ ދައުރާ މެދު ސުވާލު އުފައްދަވާފައި ނެތް ކަމަށެވެ.

އެހެންކަމުން އެ ކަން ޝަރީއަތަށް ސާބިތުކުރަން ރައީސް ސޯލިހާއި، ނައިބު ރައީސް ފައިސަލް ނަސީމް ހިމެނޭހެން އެއްވެސް ހެއްކެއް ބަލައި ނުގަތުމަށް ގާޒީ މިއަދު ނިންމެވި އެވެ.

ޕީޖީ ޝަމީމާއި، މިނިސްޓަރު މަހްލޫފުގެ ނަން ބަލައިގަތް

އެމްއެމްޕީއާރްސީގެ މައްސަލާގައި ހުކުމްކޮށްފައި ހުރި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި ބެހޭގޮތުން، ޕީޖީ ޝަމީމް އަދި މިނިސްޓަރު މަހްލޫފް ކުރައްވާފައިވާ ޓްވީޓުތަކަކާއި ގުޅިގެންވެސް ނިހާންގެ ފަރާތުން ވަނީ، ޕީޖީ ޝަމީމާއި، މަހްލޫފުގެ ނަން ދިފާއީ ހެކިންގެ ގޮތުގައި ހުށަހަޅާފައެވެ.

ޝަރީއަތުން މިއަދު ވަނީ އެކަމުގެ ހެއްކެއްގެ ގޮތުގައި ޕީޖީ ޝަމީމާއި، މަހްލޫފްގެ ނަން ބަލައިގަންނަން ނިންމާފަ އެވެ.

ނިހާނަށް ކުރާ ދައުވާތަކުގެ ތަފްސީލް:

އެމްއެމްޕީއާރްސީ މައްސަލާގައި ނިހާންގެ މައްޗަށް ކުރަނީ ހަ ދައުވާ އެކެވެ. އެއީ. ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދައުވާއާއި, ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދެ ދައުުވާއާއި, މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެކެވެ.

1. ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ނުފޫޒުފޯރުވުމުގެ ގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު މެދުވެރިވެގެން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުގެ 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެފައިވާތީ.

2. ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ:

ދެހާސް ސާދަވަނަ އަހަރު ޕީޖީގެ މަގާމަށް މީހަކު އައްޔަން ކުރުމަށާއި, ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އަދީބު ގާތު އެދުމުން, މ.ވިލާދަށުގެ މުހައްމަދު މަނިކު މެދުވެރިކޮށް އަދީބު ދިން ރޮލެކްސް ބްރޭންޑްގެ ގަޑި ބަލައިގަނެފައިވާތީ.

3. ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ: 

ނިހާން މެންބަރަކަށް ހުންނެވިއިރު އޭނާގެ މެންބަރުކަމުގެ ހައިސިއްޔަތުން އަދާކުރި މަސްއޫލިއްޔަތުތައް އަދީބު އަންގާ ގޮތަށް އަދާކުރުމުގެ މުގާބިލުގައި 650،000 ރުފިޔާ ދިނުމަށް އަދީބު ގާތު އެދުމުން އަދީބު އެ އަދަދަށް ފައިސާ ދިނުމުން އެ ފައިސާ ހިފާފައިވާތީ.

4. މަނީ ލޯންޑްރިންގގެ ކުށުގެ ދައުވާ: 

ނިހާން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު ހައިސިއްޔަތުން އަދީބުދޭ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ނިހާނަށް ޝައްކުކުރެވެންޖެހޭ ހާލަތުގައި އަދީބު މެދުވެރިވެގެން 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެ މި ފައިސާއާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސްއިން ފްލެޓެއް ގަނެފައިވާތީ.

5. ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދައުވާ: 

ދެހާސް ސާދަވަނަ އަހަރު ޕީޖީގެ މަގާމަށް މީހަކު އައްޔަން ކުރުމަށާއި, ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާއި ގުޅިގެން ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އަދީބު ގާތު އެދިފައިވާތީ.

6. ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދައުވާ:

ނިހާން މެންބަރަކަށް ހުންނެވިއިރު އޭނާގެ މެންބަރުކަމުގެ ހައިސިއްޔަތުން އަދާކުރި މަސްއޫލިއްޔަތުތައް އަދީބު އަންގާ ގޮތަށް އަދާކުރުމުގެ މުގާބިލުގައި 650،000 ރުފިޔާ ދިނުމަށް އަދީބު ގާތު އެދިފައިވާތީ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް