ތިލަމާލެ ބްރިޖު މަސައްކަތައް ވިލިމާލެ އިރުމަތީފަރާތު ފަރާއި ދިމާލުގައި ގާއިމުކޮށްފައިވާ ބްރިޖު ޕްލެޓުފޯމެއް ހައްޔަރުން ނެއްޓި ވިލިމާލެ އިރުމަތީ ފަރަށް އުރިފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 16 ވަނަ ދުވަހު އެވެ.
ޕްލެޓުފޯމު އެތަނުން ނުނަގާ ލަސްވާ މައްސަލާގައި އެތައް ބަޔަކު ފާޅުކުރަމުންދިޔަ ކަންބޮޑުވުންތަަކަށްފަހު އެތަނުން ޕްލެޓުފޯމު ނެގުނީ 12 ދުވަސް ފަހުންނެވެ.
ޕްލެޓުފޯމު ނަނގާ އީޕީއޭއިން ކުރި ދިރާސާތަކުން ފަރަށް ބޮޑެތި ގެއްލުންވެފައިވާކަން ފާހަގަކުރެވިފައިވެއެވެ.
ނަމަވެސް އެ ގެއްލުން ލިބިފައިވަނީ އިންޑިއާގެ ކުންފުންޏެއްގެ ސަބަބުންކަމަށްވާތީ، އެކުންފުންޏަށް ފިޔަޅު ނާޅާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުން ނެވެ.
މިއަދު ބޭއްވި ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު މި ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން ވިދާޅުވީ، ގާނޫނު ހިނގާނީ ވަކި ކުންފުންޏަކަށް ވުމުން ތަފާތުގޮތަކަށް ނޫން ކަމަށާއި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
މިއުވާން ތަކުރާރުކޮށް ވިދާޅުވީ، ވަކި ގައުމަކަށްވީތީ ގާނޫނު ނުހިނގާނެ ގޮތެއް ސަރުކާރުން ނުގެންގުޅޭނެ ކަމަށެވެ. އަދި އެފަދަ ނިންމުމެއް ނިންމާއިރު ވަކި ގައުމަކުން އެހީދޭތީ އެކަމަށް ވެސް ނުބައްލަވާނެ ކަމަށެވެ.
“ވަކި ގައުމަކަށްވާތީ، ވަކި ކުންފުންޏަކަށް ވީތީ، ވަކި ގައުމަކުން އެހީ ދިނުމުން ހިންގާ ޕްރޮޖެކްޓަކަށްވީތީ، ތަފާތުކުރުމެއް ނޯންނާނެ” މިއުވާން ވިދާޅުވި އެވެ.
ޕްލެޓުފޯމު ނުނެގި ގިނަދުވަސްވުމުގެ ސަބަބުން ޕްލެޓުފޯމު ނަގަން ބެލިއިރު ޕްލެޓުފޯމުގެ ފައިކަށިތައް ހުރީ ފަރުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެފަ އެވެ. ފަރަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކަކީ ދަގަނޑު ޕްލެޓުފޯމު ނުނެގި ލަސްވުމުން ރާޅާއިއެކު ފަރުގައި ޖެހިޖެހި އޮތުމުން ގޭނިގެންނާއި، އެހެނިހެން ގޮތްގޮތުން ލިބިފައިވާ ގެއްލުންތަކެެވެ.
އީޕީއޭއިން މިހާރު ކުރަމުންދަނީ ލިބުނު ގެއްލުންތައް އަނަލައިޒްކޮށް ހިސާބު ޖެހުމުގެ މަސައްކަތެވެ. ފަރަށް ލިބުނު ގެއްލުން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން އީޕީއޭއިން އޮތީ ދީފައެވެ.