ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލަށް މައްޗަންގޮޅި ދެކުނު ދާއިރާ އިން އިންތިހާބުކޮށްފައިވާ ކައުންސިލަރު އަހްމަދު ޒަމީރު ވިދާޅުވީ ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް އެދި ހުށަހަޅަން ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި 2200 އެއްހާ ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި ފޯމުތައް އިވެލުއޭޓްކޮށް މާކްސް ދިނުމުގެ ކަންކަން މިހާރު ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ސިޓީ ކައުންސިލުން މިހާރު މަސައްކަތް ކުރަމުންދަނީ އެތަން ވީއެންމެ އަވަހަށް ހުޅުވުމަށް ކަމަށެވެ. ނަމަވެސް އެތަން ހުޅުވޭނެ ވަކި ތާރީހެއް ވިދާޅެއް ނުވެ އެވެ.
މާލޭގެ ދަތުރުވެރިންގެ މާރުކޭޓް މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހު ހުސްކުރަން ފެށީ އެތަން މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށްޓަކަ އެވެ. 45 ވަރަކަށް ދުވަހުގެ ތެރޭގައި މަރާމާތުގެ މަސައްކަތް ނިންމައި ހުޅުވާނެ ކަމަށް ވިޔަފާރިވެރިންނަށް ސިޓީ ކައުންސިލުން އެންގި ނަމަވެސް އަދިވެސް އެތަނުގެ މަސައްކަތް ނުނިމެ އެވެ. އަދި އެތަން ބަންދުކުރާނީ ވެސް އެމީހުންނަށް ވިޔަފާރިކުރާނެ އިތުރު ޖާގައެއް ހޯދައިދިނުމަށް ފަހު ކަމަށް ކައުންސިލުން ބުނި ނަމަވެސް މިއަދާއި ހަމަށްވެސް އެފަދަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެއް ނުވެ އެވެ.
އެކަމުގެ ސަބަބުން ވިޔަފާރިވެރިން މިހާރު ވިޔަފާރި ކުރަމުންދަނީ ދަތުރުވެރިންގެ މާރުކޭޓު ކައިރީ އަޅާފައި އޮންނަ ދޯނިތައް ކައިރީ މޭޒު ބަހައްޓައިގެންނެވެ.
ދަތުރުވެރިންގެ މާރުކޭޓް ބަންދުކުރުމުގެ ކުރިން އެތަނުގައި 160 ގޮޅި ހުއްޓެވެ. އެތަނުގެ 50 ގޮޅިއެއް ދިވެހިން ހިންގަމުން އަންނައިރު 53 ގޮޅިއެއް ހިންގަމުން އައީ ބިދޭސީންނެވެ. އެތަން މަރާމާތަށް ބަންދުކުރަމުން ސިޓީ ކައުންސިލުން ބުނެފައިވަނީ ދަތުރުވެރިންގެ މާރުކޭޓު، މަރާމާތުކުރުމަށްފަހު ހުޅުވާއިރު ހުންނާނީ ޖާގަ ބޮޑު 63 ގޮޅި ކަމަށެވެ.
އެގޮތަށް ވިސްނުން ބަހައްޓައި އެތަނުގެ މަރާމާތު ފެއްޓި އެވެ. އެތަނުގެ ގޮޅިތައް ވަކިކުރަން ފާރުވެސް ރޭނިފަހުން އެތަނުގެ ގޮޅިތައް އިތުރު ކުރުމަށް ކައުންސިލުން ބޭނުންވި އެވެ. އެ ހިސާބުން އަނެއްކާ މަސައްކަތް ހުއްޓާ، އެ ކުރެހުންތައް ކުރެހުމުގެ މަސައްކަތް ވެސް ފެށި އެވެ. އެކަމަކު މާރުކޭޓާއި ހާބާ ކޮމެޓީގެ ވިސްނުމާއި މޭޔަރުގެ ވިސްނުން އެކަމުގައި ތަފާތު ކަމުން އެ ހިސާބުން އެމަސައްކަތް އިތުރަކަށް ކުރިއަށް ނުގޮސް ހުއްޓުނެވެ.
ކޮމެޓީގެ މުގައްރިރު މުހައްމަދު ފަޒީން ކުރިން ސީއެންއެމްއަށް ވިދާޅުވި ގޮތުގައި 128 ގޮޅިއަށް ބަދަލުކުރަން ނިންމި ނަމަވެސް މޭޔަރު ޝިފާ މުހައްމަދު ބޭނުންވަނީ އެތަނުގައި 193 ގޮޅި ހަދަން ކަމަށެވެ. އެކަމަކު ފާސްވީ ކޮމިޓީން ހުށަހެޅި 128 ގޮޅީގެ ކުރެހުން ކަމަށްވެސް ފަޒީން ފާހަގަކުރައްވަ އެވެ. އެގޮތުން 128 ގޮޅީގެ ކުރެހުމުގައި ގޮޅިއެއްގައި 8 ފޫޓު 6.6 ފޫޓުގެ ޖާގައެއް އޮންނާނެ ކަމަށްވެސް ފަޒީން ވިދާޅުވި އެވެ.