މިފަދަ މެމޯއެއް ފަޒީލަށް ފޮނުވީ އިއްޔެ މާލިއްޔަތު ކޮމިޓީއަށް އޭނާ ހާޒިރުކުރައްވާ ސުވާލުކުރުމުގެ ކުރިންނެވެ. އެގޮތުން އެތަނުގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ސޮއިކުރައްވާ ނެރުނު އިންޓާނަލް މެމޯގައި ވަނީ އިއްޔެ އިން ފެށިގެން ނޮން-އެއިރޯ ކޮމާޝަލް ސެކްޝަން ހިންގަވާނީ އެތަނުގެ މެނޭޖަރު މުހައްމަދު ހިޝާމް ކަމަށެވެ. ނަމަވެސް އެގޮތަށް އެންގިތާ މާގިނަ އިރުތަކެއް ނުވެ ވަނީ އެ އެންގުން ބާތިލްކޮށްފަ އެވެ.
މާލިއްޔަތު ކޮމިޓީގައި އިއްޔެ ފަޒީލް ވިދާޅުވީ ޓީއެމްއޭއާއެކު ހިންގާފައި ހުރި ހުރިހާ މުއާމަލާތެއްގެ މައުލޫމާތު އެމްއޭސީއެލްގެ ބޯޑާ ހިއްސާކުރެއްވި ކަމަށެވެ.
ފަޒީލް މިގޮތަށް ވިދާޅުވިއިރު މީގެ ދެތިން ދުވަސް ކުރިން ވަނީ މާލިއްޔަތު ކޮމިޓީއަށް އެމްއޭސީއެލްގެ ބޯޑު މެމްބަރުން ހާޒިރުކޮށްފަ އެވެ. އެގޮތުން ބޯޑުގެ އެއް މެމްބަރު، ޑރ. އިބްރާހިމް މަހްފޫޒު ވިދާޅުވި ގޮތުގައި އެމްއޭސީއެލުން އިމާރާތްކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭއަށް ޖާގަ ދޭނެ މިންވަރާއި މުއްދަތާ މެދު ވެސް ބޯޑުގައި އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށެވެ.
ޓީއެމްއޭއަށް ފޮނުވި ސިޓީތަކާއި ގުޅިގެން މެމްބަރުން ސުވާލުކުރުމުން މަހްފޫޒު ވިދާޅުވެފައިވަނީ ސިޓީތަކުގައި ސޮއި ކުރައްވާފައިވަނީ ފަޒީލް ކަމަށާއި ނަމަވެސް އެކަމާއި ގުޅޭ އެއްވެސް މަޝްވަރާއެއް ބޯޑުގައި ކުރިއަށް ގޮސްފައި ނުވާ ކަމަށެވެ.
ޓީއެމްއޭއަށް ފޮނުވި ސިޓީތަކާއި ގުޅިގެން ސުވާލުކުރުމުން ފަޒީލް ވިދާޅުވީ އެ ސިޓީތައް ފޮނުއްވީ އޭރުގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާއާ ވެސް މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.
ފަޒީލް ވިދާޅުވީ ސީޕްލޭން ޓާމިނަލް ދެވިދާނެ ތިން ގޮތެއްގެ މައްޗަށް އެކުލަވާލައި ކަރުދާހެއް އޭނާ ބޯޑަށް ހުށަހެޅުއްވި ކަމަށެވެ. އެގޮތުން ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމުގައި އަމަލުކުރެވިދާނެ ފަސް ގޮތެއް ވެސް އޭނާ ހިމަނުއްވާފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ފަޒީލް ވަނީ އޭނާ ކުރެއްވި މުއާމަލާތްތަކުގެ ލިޔެކިޔުންތައް ވެސް މާލިއްޔަތު ކޮމިޓީއާ ހިއްސާ ކުރައްވާފަ އެވެ.