
އެމްޓީސީސީން ކުރި އިއުލާނެއްގައި ބުނީ ބާސެލޯ ނަސަންދުރާގެ "އަރި" ބޯލްރޫމްގައި ބާއްވަން ނިންމާފައިވާ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ އޭޕްރިލް 27، ގެ ނިޔަލަށް އެ ކުންފުނީގައި ރަޖިސްޓްރީކޮށްފައިވާ ހިއްސާދާރުންނަށް ކަމަށެވެ.
އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހުރިހާ ހިއްސާދާރުން ޖޫން 15، ގެ 20:30 ގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް އެމްޓީސީސީގެ އިއުލާނުގައި ބުންޏެވެ.
މި ޖަލްސާގައި 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކޮށް 2024 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓް ހުށަހަޅައި ފާސްކުރުން އޮންނާނެ އެވެ. އަދި ހިއްސާދާރުންގެ ސުވާލުތަކަށް ޑިރެކްޓަރުންގެ ބޯޑުން ޖަވާބުދިނުން ކުރިއަށްދާނެ އެވެ.
މީގެ އިތުރުން 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ ކުންފުނީގެ ބެލެންސް ޝީޓާއި، ފައިދާ އާއި ގެއްލުމުގެ ހިސާބު ހުށަހަޅައި ފާސްކުރުމާއި 2024 ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ އަދަދު ފާސްކުރުންވެސް އޮންނާނެ އެވެ.
- އިތުރަށް ކިޔާލަން: އެމްޓީސީސީން ހިއްސާއަކަށް 2 ރުފިޔާގެ މަގުން 16 މިލިއަން ބަހަން ނިންމައިފި
އެމްޓީސީސީއަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ފައިދާގެ ގޮތުގައި (ޓެކުހަށް ނުކަނޑައި) 165 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އެމްޓީސީސީގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، އެއީ 2023ގެ ފަހު ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާއާ އަޅާބަލާއިރު 10 ގުނަ އިތުރު އަދަދެކެވެ. އެގޮތުން، 2023ގެ ފަހު ކުއާޓަރުގައި ލިބުނީ 16 މިލިއަން ރުފިޔާ އެވެ.