
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 4000 ފުލެޓާ ގުޅޭގޮތުން ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން މިހާރުވަނީ ކުރިން އޮތް އުސޫލަށް ބަދަލު ގެނެސްފަ އެވެ. އުސޫލަށް ގެނެވުނު ބަދަލުގެ ތެރޭގައި، ބިންވެރިޔާ ސްކީމުން އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ފުލެޓު ލިބޭނީ، ބިންވެރިޔާ ސްކީމުން އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ލިބިފައިވާ ގޯތި ދޫކޮށްލަން އެއްބަސްވާ ފަރާތްތަކަށް ކަމުގައި ހިމަނާފައިވެ އެވެ.
ޒަމީރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ރައީސްގެ އެންމެހައި ސިޔާސަތެއް ބައްޓަން ކުރައްވަމުން ގެންދަވަނީ އާންމު ރައްޔިތު މީހާއަށް އެންމެ މަންފާކުރާނޭ ގޮތަށް ކަމަށާއި އެއީ ދުންފަތް ވިޔަސް ވޭޕު ވިޔަސް، ޑޮލަރު ވިޔަސް، މަސްވެރިކަން ވިޔަސް، ނުވަތަ ބަންދުގައި ހުރިފަރާތްތެއް ކަމުގައި ވިޔަސް، ނުވަތަ ހައްޖުގެ އަޅުކަމާ ގުޅުންހުރި ކަމެއްކަމުގައި ވިޔަސް، އަދި ކަރަންޓު ފަދަ އަސާސީ ހިދުމަތެއް ކަމުގައިވިޔަސް، ނުވަތަ އެންމެ ކުޑަމިނުން އައިނުގެ ދުނިގަނޑެއް ކަމުގައި ވިޔަސް، އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ ދިވެހި އާންމު ރައްޔިތު މީހާއަށް އެންމެ މަންފާކުރާނޭ ގޮތަކަށް ކަންކަން ބައްޓަން ކުރައްވަން ކަމަށެވެ.
ޒަމީރު ވިދާޅުވީ ދިވެހިނަށް ކުރިމަތި ވެފައިވާ ބޯހިޔާވަހިކަމުގެ ކަންކަން ބައްޓަން ކުރައްވަމުން ރައީސް ގެންދަވަނީ ވެސް އެބީދައިން ކަމަށާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނެސްދެއްވާނެ ވެރިޔަކީވެސް ޝައްކެތް ނެތި ރައީސް މުއިއްޒު ކަމަށެވެ. އެމަނިކުފާނުގެ އަމާޒަކީ އެއްވެސް ތަފާތުކުރުމެއް ނެތި ހުރިޔާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވުން ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
ޒަމީރު އިތުރަށް ވިދާޅުވީ ކުރިން ގެދޮރުވެރިޔާ ސްކީމުގައި ނެތް އުސޫލެއް ފްލެޓް ހަވާލުކުރުމަށް ވުޖޫދުކުރެވިފައި އޮތް އޮތުމަކީ އެމަނިކުފާނުގެ ވިސްނުންފުޅެއް ނޫންކަން ރައީސްގެ ހުރިހާ އިންޓަވިއުތަކަކުން ސާފުވެގެންދާ ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 4000 ފުލެޓާ ގުޅޭގޮތުން ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން އާ އުސޫލެއް އިއުލާންކޮށްފާއިރު، އެމްޑީޕީ ވެރިކަމުގައި 2023 ވަނަ އަހަރުގެ ނޮވެމްބަރު 15 ވަނަ ދުވަހު އިއުލާންކުރި ފުލެޓު ލިބޭ ފަރާތްތަކުގެ ލިސްޓަށް ބަދަލުތަކެއް ގެނެސް، ގެދޮރުވެރިޔާ ސްކީމާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކޮށްފައިވާ ސިޔާސަތާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައިކަމަށް އެ މިނިސްޓްރީން ކުރި އިއުލާމުގައި ބުނެފައިވެ އެވެ.
މިނިސްޓްރީން އިއުލާންކޮށްފައިވާ ގޮތުގައި ފައިނަލް ލިސްޓުގެ ގޮތުގައި ބަލާނީ 15 ނޮވެންބަރު 2023 ގައި ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އިއުލާންކުރި ލިސްޓުގައި ފުލެޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކެވެ. ނަމަވެސް އެލިސްޓުގައި ޝަރުތު ހަމަނުވާ ފަރާތްތައް ހިމެނޭނަމަ އެފަރާތްތައް ލިސްޓުން އުނިކުރެވޭނެއެވެ. އެގޮތުން 26 ޖޫން 2022 ގެ ތާރީހުން 15 އަހަރު ކުރީގެ ތާރީހެއްގައި މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާކަން އެނގޭ ފަރާތްތަކުގެ ތެރެއިން، މާލެ ނޫން އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރިކަން ސަރުކާރުގެ ލިޔެކިޔުންތަކުން ސާބިތުނުވާނަމަ، އެފަރާތްތައް ބަލާނީ މެދުނުކެނޑި މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކެއްގެ ގޮތުގަ އެވެ.
ގިނަ މީހުންގެ ޝަރުތު އުނިވެފައިވަނީ މާލޭގައި މެދުނުކެނޑި އުޅުނުކަން ސާބިތުކޮށް ނުދެވުމުން ކަމަށް އޭރު މިނިސްޓްރީން ބުނެފައިވެ އެވެ. މާލޭގައި ދިރިއުޅުނު ކަން ސާބިތުކުރަން ކައުންސިލްތަކުން ދިން ލިޔުން ކުރީގެ ސަރުކާރުން ބަލައިގެންފައިވީ ނަމަވެސް، މި ސަރުކާރުން ނިންމީ އެ ލިޔުންތައް ބަލައިނުގަތުމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއްގެ ގޮތުގައި ނޮވެމްބަރު 2023 ގައި އޭރު ނެރުނު ލިސްޓަށް ފްލެޓް ދޭން މިހާރު ނިންމާފައިވާ ކަމަށާއި ނަމަވެސް، ޝަރުތު ހަމަނުވާ މީހުން ލިސްޓުން އުނިކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިފަހުން ވަނީ ވިދާޅުވެފައި އެވެ.
މިނިސްޓަރު ވިދާޅުވީ ފްލެޓް ލިބިފައިވާ މީހަކީ ކަނޑައެޅިގެން މާލޭގައި ނޫޅޭ މީހެއްކަން ސާބިތުކޮށް ޝަކުވާ ހުށަހަޅައިފިނަމަ، އެ ލިޔުންތަކަށް ބަލައި އެކަން ސާބިތުވެއްޖެނަމަ ފްލެޓް ލިސްޓުން އެމީހަކު އުނިވާކަމަމަށެވެ.
މި ސަރުކާރުގެ ވައުދާ އެއްގޮތަށް މިހާރު އެއްވެސް ބޯހިޔާވަހިކަމެއް ނެތި މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ އުމުރުން 18 އަހަރުން މަތީގެ ހުރިހާ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއަށް މި އަހަރު ހުޅުވާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިފަހުން ވަނީ ވިދާޅުވެފައި އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، މާލޭގެ ރަށްވެހިން ވެސް ހިމެނޭ ގޮތަށް، މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 18 އަހަރުން މަތީގެ މީހުންގެ ތެރެއިން، ދާއިމީ ބޯހިޔާވަހިކަމެއް ނެތް މީހުންނަށް ގޯތި ނޫނީ ފްލެޓު ދިނުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށެވެ.