ads
މިނީ ބަހުގެ ހިދުމަތް ހޯދާ މީހުންގެ އަދަދު އަންނަނީ އިތުރު ވަމުން: ފޮޓޯ- ލޫކަސް
އަދަދު އަންނަނީ އިތުރުވަމުން, އެވްރެޖްކޮށް 8,000 މީހުން ދަތުރު ކުރޭ
މާލޭގައި ދޭން ފެށި މިނީ ބަހުގެ ހިދުމަތް ހޯދަމުން އަންނަ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރު ވަމުން އަންނަ ކަމަށް އެމްޓީސީސީއިން ބުނެފި އެވެ.
Advertisement

މިނީ ބަހުގެ ހިދުމަތް ދޭން ފެށީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ. އެއާއި އެކު ބަހުގެ ހިދުމަތް ހޯދަމުން އަންނަ މީހުންގެ އަދަދު ބޮޑުތަނުން އިތުރު ވެފައި ވާއިރު، އިތުރު ދެ ހަފްތާ އަށް މިނީ ބަހުގެ ހިދުމަތް އެއްވެސް އަގަކާއި ނުލާ ލިބޭނެ ކަމަށް އެމްޓީސީސީއިން ވަނީ އިއްޔެ އިއުލާން ކޮށްފަ އެވެ. 

މިނީ ބަހުގެ ހިދުމަތާއި ގުޅިގެން "ސީއެންއެމް" އަށް މައުލޫމާތު ދިން އެމްޓީސީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، މިނީ ބަހުގެ ހިދުމަތް ދޭން ފެށުމާއި އެކު އެތައް ރައްޔިތުންނެއް އެ ހިދުމަތް ހޯދާ ކަމީ، އުފާވެރި ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް ފަސޭހައަށް ލިބިދޭ ކަމީ، އެކުންފުނިން ފަހުރު ވެރިވާ ކަމެއް ކަމަށްވެސް ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން އޮފިޝަލް ވިދާޅުވީ، މިހާރު ދުވާލަކު އެވްރެޖްކޮށް 8،000 މީހުން ބަހުން ދަތުރު ކުރާ ކަމަށާއި، މިކަމުގެ ސަބަބުން ވެސް މި ހިދުމަތައް ރައްޔިތުންގެ މެދުގައި އޮތް ތަރުހީބު ހާމަވެގެން ދާ ކަމަށެވެ. 

"މިކަން މި ކުރަނީ ފައިސާ ތަކެއް ހޯދާކަށް ނޫން. މިއީ ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ދިނުމަށް ސަރުކާރުން ކުރާ ކަމެއް. އަދަދު ތަކަށް ބަލާލުމުންވެސް މިކަން ވަރަށް ސާފުކޮށް އެބަ ފެނޭ. މިހާރު ދުވާލަކު އެވްރެޖްކޮށް 8،000 މީހުން ބަހުން ދަތުރު ކުރޭ. އަދަދުތައް އަންނަނީ އިތުރު ވަމުން." އޮފިޝަލް ވިދާޅުވި އެވެ.

މިނީ ބަހުގެ ޓިކެޓެއްގެ އަގަކީ އެންމެ 7 ރުފިޔާ އެވެ. މިއާއި އެކު ކުރިން ޓެކްސީ ތަކުގައި މާލޭގެ އެއްތަނުން އަނެއް ތަނަށް ދަތުރު ކުރަމުން ދިޔަ ގިނަ މީހުން ވަނީ، ބަހުން މާލޭގެ އެއްތަނުން އަނެއް ތަނަށް ދަތުރު ކުރަން ފަށާފަ އެވެ. 

މާލޭގެ އެކި ސަރަހައްދު ތަކުގައި 40 އަށް ވުރެ ގިނަ ބަސް ސްޓޮޕް ހުރި އިރު، މާލޭގެ ކޮންމެ ދިމާލަކުން ވެސް 10 ވަރަކަށް މިނެޓު ތެރޭ ބަސް ސްޓޮޕަކަށް ދެވޭނެ ގޮތަށް ބަސް ޓޮޕްތައް ވަނީ ކައިރި ކައިރީ ހެދިފަ އެވެ. 

މިނީ ބަހުގެ ހިދުމަތް އާއްމު ފަރުދުންގެ އިތުރުން ސަރުކާރުގެ އިސް ވެރިންނާއި މަޖިލީހުގެ މެމްބަރުންގެ އިތުރުން ސަރުކާރު ކުންފުނި ތަކުގެ ވެރިންވެސް އަންނަނީ ކޮންމެ ދުވަހަކުހެން ބޭނުން ކުރަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް