ads
ހުޅުމާލޭގައި ހުންނަ ބޯހިމެނުމު ގެ މަސައްކަތް ކުރިއަށްދާ މަރުކަޒަށް ނައިބު ރައީސް މިއަދު ކުރެއްވި ޒިޔާރަތް
ބޯހިމެނުގެ މަސައްކަތުން ލިބޭ މައުލޫމާތު ތަރައްގީ އަށް މުހިއްމު: ނައިބު ރައީސް
ބޯހިމެނުމުގެ މަސައްކަތުން ލިބޭ މައުލޫމާތުތަކަކީ ރާއްޖެ ތަރައްގީކުރާއިރު ބޭނުންހިފޭނެ މުހިންމު މައުލޫމާތުތަކެއްކަމަށާއި، އެފަދަ މައުލޫމާތުތަކުގެ އަލީގައި ރާއްޖޭގެ އެކިކަންކޮޅުތަކަށް އެންމެ ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ފަސޭހަތަކެއް ލިބިގެންދާނެކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
Advertisement

ނައިބު ރައީސް މިހެން ވިދާޅުވީ މިއަދު ހުޅުމާލޭގައި ހުންނަ "ބޯހިމެނުން 2022" ގެ މަސައްކަތް ކުރިއަށްދާ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގައި މަސައްކަތްކުރައްވާ ފަރާތްތަކާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ނައިބު ރައީސް ވަނީ ބޯހިމެނުމުގެ މަސައްކަތުން ލިބޭ މައުލޫމާތުން ރާއްޖޭގެ ދުރު މުސްތަގުބަލަށް ގިނަ ކަންކަން ރޭވުމަށް ފަސޭހަތަކެއް ލިބޭނެކަން ފާހަގަކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށްގެންދިއުމަށްވެސް މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެކަމުގައި ވިދާޅުވެފަ އެވެ.

މީގެ އިތުރުން ނައިބު ރައީސް ވަނީ، ބޯހިމެނުމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވާ ފަރާތްތަކުން ކުރައްވާ މަސައްކަތް ފާހަގަކުރައްވާ އެ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފަ އެވެ. އެމަނިކުފާނު ވަނީ ކިޔެވުމުން ލިބޭ މައުލޫމާތާއި އެއްވަރަށް އަމަލީ ތަޖުރިބާލިބުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ބޯހިމެނުމުގެ އަމަލީ މަސައްކަތުގައި ދަރުމަވެރިންގޮތުގައި ގިނައިން މަސައްކަތްކުރައްވަނީ ޒުވާނުންކަން ފާހަގަކުރައްވައި މި މަސައްކަތުން ލިބޭ ތަޖްރިބާއަކީ އެ ފަރާތްތަކުގެ މުސްތަގުބަލަށް ލިބޭ މުހިންމު ތަޖްރިބާއެއްކަން ފާހަގަކުރައްވާފަ އެވެ. 

މިއަދުގެ ޒިޔާރަތްކުރެެއްވުމުގައި ހުޅުމާލޭގެ ބޯހިމެނުމުގެ ސެންޓަރުގައި މަސައްކަތްކުރައްވާ ބޭފުޅުންނާ ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ މިހާރު ބޯހިމެނުމުގެ މަސައްކަތްތައް ކުރިއަށްގޮސްފައިވާ މިންވަރަށް ބެއްލެވުމަށްފަހު އެދުވަހެއްގެ ޓާގެޓަށް މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރައްވާފަ އެވެ. އަދި އެކަމުންދޭހަވަނީ ރައްޔިތުން ބޯހިމެނުމުގެ މަސައްކަތަށް އެއްބާރުލުން ދެއްވަމުންދާކަންކަމުގައި އެމަނިކުފާނު ފާހަގަކުރެެއްވި އެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ބޯހިމެނުމުގެ މަސައްކަތަކީ ގައުމީ މަސައްކަތެއްކަން ފާހަގަކުރައްވާ އެމަސައްކަތް ކުރިއަށްގެންދިއުމުގައި ކޮންމެ ރައްޔިތެއްވެސް އެބާރުލުންދެއްވުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް