ads
ގަރާރު ހުށަހެޅުއްވީ މީކާއިލް
ދަރިމައިނުވުމުގެ މައްސަލައަށް އާސަންދަ ދޭން ގޮވާލާ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގެންފި
ދަރިމައިވުމުގެ މައްސަލަ ދިމާވެފައިވާ ފަރާތްތަކަށް ބޭނުންވާ ބޭސްފަރުވާ ކުރުމަށް ހުރި ދަތިތަކަށް ހައްލު ހޯދުމަށް އާސަންދައިގެ ތެރެއިން ފަރުވާ ކުރެވޭނެ ގޮތް ހެދުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގެންފި އެވެ.

މި ގަރާރަކީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް މިދިޔަ އޮގަސްޓު މަހުގެ 29 ވަނަ ދުވަަހު އޮތް މަޖިލީހުގައި ހުށަހެޅުއްވި ގަރާރެކެވެ.

މި ގަރާރު މަޖިލީހަށް ބަލައިގަތުމަށް މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ނެގުނު ވޯޓުގައި، ގަރާރު ބަލައިގެންފައިވަނީ، ވޯޓުގައި ބައިވެރިވި 45 މެމްބަރުންގެ އަގުލަބިއްޔަތުން ނެވެ.

ގަރާރު މަޖިލީހަށް ބަލައިގަންނަން ފާސްވުމާއިއެކު ގަރާރު ދިރާސާކުރުމަށް އިޖްތިމާއީ ކޮމެޓީއަށް މިއަދު ވަނީ ފޮނުވާފައެވެ.

މީކާއިލް ހުށަހެޅި ގަރާރުގައި ބުނެފައިވަނީ، ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ބޭސްފަރުވާގެ ހިދުމަތަކީ، ހިލޭ ލިބެންޖެހޭ ހިދުމަތެއް ކަމަށް ކަނޑައަޅައި، އިޖްތިމާއީ ސިއްހީ އިންޝުއަރެންސްގެ ނިޒާމެއް ގާއިމް ކޮށްފައި ވާއިރު، މި ނިޒާމުގެ ތެރެއިން ބޭސްފަރުވާގެ ބައެއް ކަންކަމަށް ފަރުވާ ނުދެވޭ ކަމީ އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. 

އަދި ވަކިން ހާއްސަކޮށް ދަރިމައިވުމުގެ މައްސަލައާއި ކުރިމަތިލާންޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ އެންމެ އަސާސީ ބޭސްތައްވެސް ރާއްޖެއިން ލިބެން ނުހުންނަ ކަމަށާއި، މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށް އެގަރާރުގައި ވެއެވެ. 

ދަރިމައިނުވުމުގެ މައްސަލައަށް ހާއްސަކުރެވިފައިވާ ސްޕެޝަލިސްޓުންގެ ހިދުމަތް ހޯދުން ރާއްޖޭގައި އިންތިހާއަށް ދަތިވެފައިވާއިރު، އެމައްސަލައާއި ގުޅޭ އެއްވެސް ރަނގަޅު ފެންވަރުގެ ދިރާސާއެއް ނުވަތަ ތަފާސްހިސާބެއް ނެތްކަންވެސް ގަރާރުގަައި ފާހަގަކޮށްފައިވެއެވެ.

ގަރާރުގައި ގޮވާލާފައިވަނީ، ދަރިމައިނުވުމުގެ މައްސަލައަށް ބޭނުންވާ އަސާސީ ބޭސް ރާއްޖެއިން ފަސޭހައިން ލިބޭނެ މަގު ފަހުކޮށްދީ، އެކަމަށް ބޭނުންވާ އަވަސް ހައްލު ހޯދުމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް