
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ކޮމެޓީއަކީ ސިއްރު ކޮމެޓީއެއް ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ އަންގާފައެވެ. އެހެންއނަމަވެސް ކޮމެޓީ ފެށުމާއެކު އާއްމު އުސޫލުން މަޖިލީހުގެ ޔޫޓިއުބް ޗެނަލުން ލައިވް ކުރަން ފެށިއެވެ. ނަމަވެސް ކޮމެޓީގެ ބައްދަލްވުމުން ބައެއް ލައިވް ކުރުމަށް ފަހު ހުއްޓާލީ އެވެ. އޭރު ކޮމެޓީގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ޕޮލިސް ބޯޑާއި ގުޅޭގޮތުން ވަރަށް ގިނަ ވާހަކަތައް ދައްކަވާފައެވެ.
އެ ވާހަކަތައް މީޑިއާތަކުން ގެނެސްދިނުމުން މަޖިލީހުގެ އިދާރާއިން ނެރެފައިވާ ކުރު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއަދު އޮތް ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުން ވަގުތު ކޮޅަކަށް ލައިވް ސްޓްރީމް ކުރެވިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކުން ކަމަށެވެ.
"މި ދެންނެވި އޯޑިއޯ [އޮޅިގެން ލައިވް ކުރެވުނު ބައި] އަޑުއެހުމަށް ފަހު ބައެއް މީޑިއާތަކުން އެއީ ސިއްރު ކޮމެޓީއެއްކަން އަންގާފައި ވަނިކޮށް ކޮމެޓީގައި ދެއްކި ވާހަކަތައް ހިމަނާ އެ ބައްދަލްވުމާއި ހަވާލާދީ ބައެއް މީޑިއާތަކުން ހަބަރު ލިޔެފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ސިއްރު ކޮމެޓީގެ ސިއްރުކަން ހިފެހެއްޓުމަށް މި ދެންނެވި ކޮމެޓީއާ ހަވާލާދީ ޝާއިއުކޮށްފައިވާ ލިޔުންތައް [ހަބަރުތައް] މީޑިއާއިން ނެގުމަށް ދަންނަވަމެވެ،" މަޖިލީހުގެ ބަޔާނުގައިވެއެވެ.