ads
ފަޒްލޫން- ފޮޓޯ އަދަދު
ޝޭޚް ފަޒްލޫން ދޫކޮށްލީ ގޯސްކޮށް ކަމަށް ހައިކޯޓުން ކަނޑައަޅައިފި
ޔޯގާ މައްސަލައިގައި ހައްޔަރު ކުރި ޝައިހް ފަޒްލޫން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ ގޯސްކޮށްކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
Advertisement

ބައިނަލްއަގުވާމީ ޔޯގާ ޑޭ ފާހަގަ ކުރުމަށް ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ބޭއްވި ހަރަކާތުގެ ތެރެއަށް ވަދެގަނެ ހަމަނުޖެހުން ހިންގި މައްސަލާގައި ޝެއިހް ފަޒްލޫން އެންމެ ފުރަތަމަ ހައްޔަރުކުރީ ޖޫން 22 ވަނަ ދުވަހު އެވެ.

އޭނާ ހައްޔަރުކުރީ ހަރަކާތުތެރެއަށް ބަޔަކު ވަދެގަނެ ހިންގި ހަމަނުޖެހުމުގައި ޝެއިހް ފަޒްލޫން އިސް ދައުރެއް އަދާކޮށްފައިވާކަމުގެ ތުހުމަތުކޮށެވެ. 

އޭގެ ފަހުން އޭނާ ޖުލައި މަހުގެ 21 ވަނަ ދުވަހު ޝަރުތަކަކާއި އެކު ދޫކޮށްލިއެވެ.

ކްރިމިނަލް ކޯޓުން އޭނާ ދޫކުރިއިރު ކޮށްފައިވާ ޝަރުތަކީ، މާލެއިން ބޭރަށް ދާނަމަ ކޯޓަށް އެކަން އެންގުމަށާއި، އޭނާ ދިރިއުޅެމުންދާ ގެ ކޯޓަށް އެންގުމަށާއި، ދިރިއުޅެމުންދާ ގެ ބަދަލުވެއްޖެނަމަ އެކަން އެންގުމަށެވެ. 

މީގެ އިތުރުން ފުލުހުން ހިންގާ ޝަރީއަތަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށްވެސް ކްރިމިނަލް ކޯޓުން ޝެއިހް ފަޒްލޫންގެ މައްޗަށް ޝަރުތުކޮށްފަ އެވެ. 

ބަންދުން ދޫކޮށްލި ކްރިމިނަލް ކޯޓުގެ އަމުރު ހައިކޯޓުގައި ދައުލަތުން އިސްތިއުނާފުކޮށްފައިވަނީ، ޖުލައި މަހުގެ 25 ވަަނަ ދުވަހު އެވެ. 

ހައިކޯޓުގައި ދައުލަތުން ކުރި އިސްތިއުނާފުގައި ފާހަގަކޮށްފައިވަނީ، މީގެ ކުރިން ފަޒްލޫންގެ ބަންދުގެ އަމުރު ނެރެމުން އައި ހެކީގެ ނިސްބަތަށާއި ސަބަބުތަކަށް ބަދަލު ނައިސް އޮތް ކަމެވެ.

އެކަމުގައި ގޮތް ނިންމުމަށް މިއަދު ހައިކޯޓުގައި އޮތް އަޑުއެހުމުގައި އެމައްސަލަ ބެެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ދައުލަތުގެ އެ ނުކުތާއަށް ވަނީ ތާއީދުކޮށްފައެވެ.

ހައިކޯޓުގެ އަމުރުގައި ބުނެފައިވަނީ، މީގެ ކުރިން ބަންދުގެ މުއްދަތު ޖަހަމުން އައިރު އޮތް ހާލަތާއި، އޭނާ ދޫކޮށްލަން ކުރި އަމުރު ނެރުނުއިރުގެ ހާލަތު ތަފާތުނުވާއިރު، ބަންދަށް ލުއިދިން ސަބަބު ކްރިމިނަލް ކޯޓުގެ ހުކުމުގައި ސާފުކޮށްދީފައި ނުވާކަމަށެވެ.

މައްސަލާގައި ތުހުމަތުކުރެވޭ މީހާއަށް ކުރެވޭ ތުހުމަތާއި އޭނާގެ ކުށުގެ ކުޑަބޮޑު މިނަށް ބަލައި ބަންދަށް ލުޔެއް ދެވޭނެކަން މިއަދުގެ ހުކުމުގައި ފާހަގަކުރިނަމަވެސް، އެފަދަ ލުއެެއް ދޭނަމަ، ލުއި ދޭ ސަބަބު ހުކުމުގައި ފާހަގަވެފައި އޮންނަަންވާނެ ކަމަށް ހައިކޯޓުން ބުންޏެވެ.

އެ ސަބަބު އެހެން އޮތުމުން ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ދައުލަތުގެ ފަރާތުން، ފަޒްލޫންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް  ހުށަހަޅައިފިނަމަ، އެކަމަށް ގޮތެއް ނިންމަން ޖެހޭނެކަމަށް ނިންމައި މިއަދު ހައިކޯޓުން ހުކުމް ކޮށްފައި ވެއެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް