ads
ރައީސް އޮފީސް-- ފޮޓޯ: ސީއެންއެމް
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވައިފި
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަނެއް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އުފައްދަވައިފި އެވެ.

ރައީސް ސޯލިހު އެ ކޮމިޝަން އުފައްދަވާފައި ވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ. 

ރައީސް އޮފީހުން ބުނީ އެފަދަ ކޮމިޝަނެއް އުފެއްދުމުގެ މަގްސަދަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް، ކަށަވަރުކޮށްދިނުމާއި، އަވަސް، ނިޒާމީ އަދި ހަރުދަނާ މަސައްކަތްތަކެއް ކުރުން ކަމަށެވެ. 

އެ ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތަކީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ މައްސަލަތަކުގައި، ދައުލަތުގެ އިދާރާތަކާއި ދައުލަތުގެ ފަރާތުން އެކަމާއި މަތިކޮށްފައިވާ އެންމެހައި ފަރާތްތަކުން ޢަމަލުކޮށްފައިވާ ގޮތާއި މިހާރުގެ ހާލަތު ދެނެގަތުމެވެ.

އަދި، ކުޑަކުދީންނަށް ދިމާވާ އަނިޔާގެ މައްސަލަތަކުގެ ބާވަތާއި، އެކަންކަން މެދުވެރިވެފައިވާ ތަނާއި ވަގުތުތަކާއި ހާލަތާއި، އެކަމުގައި ޝާމިލުވާ މީހުންގެ އުމުރާއި، އިޤްޠިޞާދީ ހާލަތާއި، އިޖުތިމާޢީ ހާލަތާއި، ކުށްކުރާން ނުވަތަ އަނިޔާލިބެން މެދުވެރިވާ ސަބަބުތައް ހޯދުމާއި، އަނިޔާލިބުނު ކުދިންގެ މިހާރު ހާލަތާއިބެހޭ މަޢުލޫމާތު އެއްކޮށް، ދައުލަތުގެ އިދާރާތަކުން މިބާވަތުގެ މައްސަލަތަކުގައި ޒިންމާ އަދާކޮށްފައިވާ ގޮތާއި މިންވަރު ދެނެގަތުން ވެސް ކޮމިޝަނުގެ ޒިންމާތަކުގެ ތެރޭގައި ހިމެނެ އެވެ.

ރައީސް އޮފީހުން ބުނީ އެ ކޮމިޝަނުގެ މަގްސަދަކީ ކުޑަކުދީންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޒިންމާ މަތިކޮށްފައިވާ ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކުރުމާއި، ރޭވުންތެރިކަމާއެކު ވަކި ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރެވޭނެ ގޮތްތައް ކަށަވަރު ކުރުން ކަމަށެވެ. 

އޭގެ އިތުރުން ކުދީންނަށް އަޅައިނުލާ ފަރާތްތަކާއި އެ ކުދީންނާމެދު އިހުމާލުވާ ފަރާތްތަކާއި، އެ ކުދީންނަށް އިހާނެތިކޮށް ހިތާ ފަރާތްތަކާއި، އެ ކުދީންނަށް ގޯނާކުރާ ފަރާތްތަކާއި، އެ ކުދީންގެ ކިބައިން ނާޖާއިޒު ފައިދާ ހޯދާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާއި، ކުޑަކުދީންގެ ޙައްޤުތަކަށް އުނިކަން ލިބޭފަދަ ޢަމަލުތައް ކުރާ ފަރާތްތަކާމެދު ކުށް ކަނޑައަޅާ ކުޑަކުދީންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، އެހެނިހެން ޤަވާޢިދުތަކުގެ ދަށުން ޖިނާއީ ދައުވާކުރުން ނުވަތަ އިދާރީ ފިޔަވަޅު އެޅުމަށް ބޭނުންވާ މަޢުލޫމާތު ހޯދާ ދިރާސާއެއް ހިންގުން ވެސް ކޮމިޝަނުން ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނެ އެވެ. 

ފަސް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ މި ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރައްވާފައިވާ ބޭފުޅުންނަކީ:

ޑޮކްޓަރ ޢާފިޔާ ޢަލީ (ވާރުގެ، ސ. ހުޅުދޫ)،
ޑޮކްޓަރ ޢަބްދުލްމަލިކް (މއ. ކޮށީގެ)،
އަލްއުސްތާޛު ޢަބްދުﷲ ރާބިޢު (ގަލްގާސްގެ، ކ. ދިއްފުށި)،
އަލްއުސްތާޛާ މާޒިޔާ ޢަބްދުއްސައްތާރު (ގ. ސާޔާ)؛ އަދި،
މިސްޓަރ ނިކޮލަސް ރިޗަރޑް ކައުދަރީ (އޮސްޓްރޭލިއާ) އެވެ.

އެ ކޮމިޝަނުގެ ރައީސްގެ ގޮތުގައި އައްޔަނުކޮށްފައި ވަނީ އާފިޔާ އަލީ އެވެ. އޭގެ އިތުރުން ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ ނިކޮލަސް ރިޗަރޑް ކައުދަރީއަކީ އިންސާނީ ޙައްޤުތަކާއި ޝަރުޢީ ދާއިރާގެ މާހިރެކެވެ. 

އޮސްޓްރޭލިއާގެ ޕަބްލިކް ޕްރޮސެކިއުޝަންސް ފޮރ ނިއު ސައުތް ވޭލްސްގެ ޑިރެކްޓަރުކަން 1994-2011 ވަނަ އަހަރާއި ހަމަށް ފުރުއްވާފައިވާ ކައުދަރީއަކީ ހިއުމަން ރައިޓްސް އިންސްޓިޓިއުޓްގެ އެއް ކޯ-ޗެއަރއެވެ. އަދި، އިންޓަރނޭޝަނަލް ބާރ އެސޯސިއޭޝަންގެ މެންބަރެއްގެ އިތުރުން އޭނާއަކީ އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސެކިއުޓަރސްގެ ރައީސްގެ މަޤާމު ފުރުއްވާފައިވާ، އަދި މިހާރު އޮސްޓްރޭލިއާގެ ލޯ ކައުންސިލުގެ އިންސާނީ ޙައްޤުތަކާއިބެހޭ މުޝީރެވެ.

މި ކޮމިޝަނުން ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ދިރާސާކޮށް، ދިރާސާގެ ހޯދުންތަކުން ވަޒަންކުރެވޭ ކަންކަމާއިމެދު ކަމާއިބެހޭ މުއައްސަސާތަކުން އަޅާންޖެހޭ ފިޔަވަޅުތައް ބަޔާންކޮށް، ތައުޞިޔާތައް ހިމެނޭ ތަފުސީލީ ރިޕޯޓެއް ތައްޔާރުކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާނެ އެވެ. 

މިފަދަ ކޮމިޝަނެއް އެކުލަވާލާފައި ވާއިރު، މިދިޔަ އަހަރުގެ ނޮވެމްބަރު 20 ގައި ތަސްދީގު ކުރި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް މިއަދު ވަނީ އަމަލު ކުރަން ފަށާފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް