މާމެންދޫގައި ދެކުދިންނާމެދު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ސަބަބުން އެ ދެކުދިންނަށް ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަށް ލިބި، އެ އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އޭގެތެރެއިން 17 އަހަރުގެ އަދުއްޔު މަރުވި މައްސަލާގައި 18 އަހަރުން މަތީގެ ތިން މީހަކާއި 18 އަހަރުން ދަށުގެ ކުއްޖަކަށް ދައުވާ ކުރަން ފޮނުވިއެވެ.
ދައުވާ ކުރާ 18 އަހަރުން ދަށުގެ ކުއްޖާއަށް ދައުލަތުން ވަނީ ދެ ދައުވާއެއް ކޮށްފައެވެ. އެއީ
- ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ
- މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.
އެކުޑަކުއްޖާގެ މައްޗަށް އުފުލި ދެ ދައުވާ ވެސް ސާބިތުވާކަމަށް މިމަހުގެ 15 ވަނަ ދުވަހު ޖުވެނައިލް ކޯޓުން ވަނީ ކަނޑައަޅަފައެވެ.
އެގޮތުން އެ މައްސަލާގަައި އަދަބުކަނޑައެޅުމުގެ ކުރިން ވާރިސުގެ ބަސް ހޯދުން އޮންނާނެ އެވެ.
ޖުވެނައިލް ކޯޓުން އިއްޔެ ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ، އުދައްޔުގެ އެއްވެސް ވާރިސަކު ހުރިނަމަ އެފަރާތެއްގެ ނަމާއި އެޑްރެހާއި، އައިޑީކާޑު އަދި އުފަންތާރީހާއި ގުޅޭނެ ފޯނު ނަމްބަރު، ހަތް ދުވަހުގެ ތެރޭގައި އެކޯޓަށް ލިއުމަކުން އަންގަވައި ދެއްވުން އެދޭ ކަމަށެވެ.
- އަހްމަދު ޝަމީމްއާއި،
- ޝަރަފު ރަޝީދާއި،
- މުހައްމަދު މާޒިންގެ މައްޗަށް
މި ތިން މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުގައި މި މީހުންގެ އަޑުއެހުންތައް ކުރިއަށްދާއިރު، މި ތިން މީހުންގެ ބައި އޮތީ ހެކިބަސް ނެގުމުގެ މަރުހަލާގައެވެ.
އެރޭ ކަން ހިނގިގޮތާއި އުދައްޔުއަށް ދިން ހަމަލާ
އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ބުނިގޮތުން، އެރޭ އެންމެ ފުރަތަމަ އެރަށު އުތުރުފަރާތު ހަޓު ކައިރީގައި އުދައްޔު ހުއްޓައި މިމައްސަލާގައި ދައުލަތުން ތުހުމަތުކޮށް ދައުވާ އުފުލާފައިވާ މީހުންގެ ތެރެއިން ޝަމީމް އާއި، ދެން ތުހުމަތުކުރެވޭ 18 އަހަރު ނުފުރޭ ކުޑަކުއްޖާ ގޮސް ހަޑިހުތުރު އެއްޗެތި ކިޔައި ހަމަނުޖެހުން ހިންގާފައިވާ ކަމަށާއި، އޭގެފަހުން އެރަށު ގެސްޓްހައުސްއެއް ކައިރިން އުދައްޔު ދަނިކޮށް ވެސް ޝަމީމް، އާއި ކުޑަކުއްޖާގެ އިތުރުން ދެން ތުހުމަތުކުރާ މާޒިން އުދައްޔުއާއި ދިމާކޮށް އިންޒާރުދީ ހެދި ކަމަށެވެ.
އުދުއްޔު އަށް އެތައް އަނިޔާތަކެެއް ދީ މާރާމާރީ ހިންގީ އޭގެފަހުން ކަމަށް ދައުލަތުން ބުންޏެވެ. އެގޮތުން އެރޭ އުދައްޔުއަށް ގަލުންނާއި، ލަޓިބުރި، އަދި ކީސްފަދަ ތަކެތިންވެސް ބޮޑެތި އަނިޔާތަކެއް ދިން ކަމަށާއި، އަދުއްޔުގެ ބުރަކަށްޓަށް ވަޅި ހެރީ އެމައްސަލާގަައި ދައުލަތުން މީހަކު މަރާލިކަމުގެ ދައުވާ އުފުލާފައިވާ ކުޑަކުއްޖާ ކަމަށެވެ.