
އޭޝިއަން ކަޕް ކޮލިފައިންގައި ދިވެހި ޓީމުން ކުޅުން ފަހު މެޗު ކުޅުނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި 18 ވަނަ ދުވަހު ކުޅުނު މެޗަށް ފަހު ޓީމު އެނބުރި މާލެ އައުމަށް 20 ވަނަ ދުވަހު، ފުރަން އެއަޕޯޓަށް ދިޔަނަމަވެސް ޓިކެޓްގެ ކަންތައް ހަމަ ޖެހިފައި ނެތުމުން ދިވެހި ޓީމުގެ ގިނަ ކުޅުންތެރިންނާ އޮފިޝަލުންނަށް ފުރޭ ގޮތެއް ނުވިއެވެ. އެކަންވަނީ ޓީމުގެ މެންބަރަކާ ހަވާލާދީ ކަން ހިނގައިދިޔަ ގޮތް އެނގޭ މީހަކު މި ނޫހާ ހިއްސާކޮށްފައެވެ.
ޓިކެޓް ކަންތައް ހަމަ ނުޖެހި އޮތީ ކީއްވެގެން ކަމެއް ސާފެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މާލެއަށް ފުރުނީ 4 އޮފިޝަލަކާ 6 ކުޅުންތެރިންނަށެވެ. މިކަމާ ގުޅޭ ގޮތުން އެފްއޭއެމްގެ ބަހެއް ނުލިބެއެވެ. ޓީމުގެ ކޯޗު ޝާކިއްޓޭވެސް ހުރީ މާލެ ނާދެވި ސައުދީގައި ތިބި މެންބަރުންގެ ތެރޭގައި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
ޓިކެޓް ކަންތައް ހަމަ ނުޖެހިގެން ގައުމީ ޓީމުގެ ގިނަ މެންބަރުންނަށް މުބާރާތަށް ފަހު އެނބުރި މާލެ ނާދެވިވާއިރު، ފައިސާ ނުދައްކާތީ ގައުމީ އެއަލައިން މޯލްޑިވިއަނުންވަނީ އެފްއޭއެމަށް ޓިކެޓް ވިއްކުން ހުއްޓާލާފައެވެ. އަދި އެހެންވެސް ބައެއް ފަރާތްތަކަށް ފައިސާ ނުދީގެން އެފްއޭއެމްގެ މައްސަލަތައް ޝަރީއަތުގައިވެސް އެބަހިނގައެވެ.