ކަޅުވަކަރު މިސްކިތް އަލުން ރޭވުމުގެ މަސައްކަތް ކުރަމުންދާ ސަރަހައްދުގައި މިކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ކަޅުވަކަރު މިސްކިތުގެ ވަޅު ބަހައްޓަވައިދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.
މިރަސްމިއްޔާތުގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި އެމިނިސްޓްރީގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ފައްޓަވައިދެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.
ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމުގެ މަސައްކަތް ކުރަނީ ޗާންދަނީ މަގު ދިރާގު ހެޑް އޮފީސް ކުރިން ހުރި ބިމުގަ އެވެ.
ކަޅުވަކަރު މިސްކިތަކީ ލަކުޑީގެ ރީތި މަސައްކަތްތަކާއި، ގަލުވަޑާމުގެ ކަވި މަސައްކަތްތަކާ އެކު ދިވެހިންގެ އަތްތެރިމަސައްކަތް ވަރަށް ރީތިކޮށް ދައްކުވައިދެ މިސްކިތެކެވެ.
ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓިއިރު މިސްކިތުގެ ހިރިގަލުގެ ބްލޮކްތަކަށް ކޮންމެވެސް ވަރަކަށް ގެއްލުންތަކެއް ލިބިފައިވާތީ އެފަދަ ބްލޮކްތައް ހެރިޓޭޖް މިނިސްޓްރީން ވަނީ ބޭނުންކުރެވޭ ގޮތަށް ހަދާފަ އެވެ.
ކަޅުވަކަރު މިސްކިތުގެ ހިރިގަލުގެ ބަޔަކީ ހިރިގަލުގެ ބްލޮކްތަކަކުން ރާވާލާ ގޮތަށް ހަދާފައިވާ ބަޔަކަށް ވާތީ ހިރިގަލުގެ ބައިގެ މަސައްކަތްތައް ނިމުމާ އެކު މިސްކިތުގެ ހައިބަތު މިހާރުވެސް ވަނީ ފެންނަން ފަށާފަ އެވެ.
ކަޅުވަކަރު މިސްކިތް އަލުން ރޭވުމަށް ކުރަންޖެހޭ މަސައްކަތުގެ މައިގަނޑު މަސައްކަތްތައް ނިމިފައިވީ ނަމަވެސް މިސްކިތް ހުރި ސަރަހައްދު އާންމުންނަށް ހުޅުވާލާނެ ވަކި ދުވަހެއް ހެރިޓޭޖު މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ކަޅުވަކަރު މިސްކިތް އަލުން ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ބޭނުންކުރަން ނިންމާފައިވީ ނަމަވެސް މިމިސްކިތުގައި ނަމާދު ކުރެވޭނެ ކަމަށްވެސް ހެރިޓޭޖް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ކަޅުވަކަރު މިސްކިތް ބިނާކުރައްވަން ފެއްޓެވީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ދެވަނަ)ގެ ރަސްކަމުގައެވެ. ޣިޔާސުއްދީން ރަދުންގެ ގަނޑުވަރު ކުރިން ހުރި ބިމުގައި އެ ގަނޑުވަރު ރޫޅާލުމަށްފަހު ކަޅުވަކަރު މިސްކިތް ބިނާކުރަން ފެށީ ޝަމްސުއްދީން ރަދުން ނަދުރުފުޅެއް ވިދާޅުވެފައިވާތީ ކަމަށް ތާރީހީ ލިޔުންތަކުގައިވެ އެވެ.
މި މިސްކިތް ބިނާކޮށް ނިމި ބޭނުންކުރަން ފަށާފައިވަނީ ޝަމްސުއްދީން ރަދުންގެ ދެބެއިންގެ ދެދަރި ކޮއްކޯފުޅު އައްސުލްޠާން ހަސަން ނޫރައްދީން އިސްކަންދަރު ކައްތިރި ބަވަނަ މަހާރަދުންގެ ރަސްކަމުގެ 10 ވަނަ އަހަރުގެ ތެރޭގަ އެވެ. ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި ކަޅުވަކަރު މިސްކިތް ބިނާކުރަން ފެށި ތާރީޚުން ފެށިގެން މިސްކިތުގެ މަސައްކަތް ނިންމާ ބޭނުންކުރަން ފެށި ތާރީޚަށް ތިން ރަސްކަލެއްގެ ރަސްކަން ހިނގާފައިވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ސަލްޓަން ޕާކް ތަރައްގީކުރުމަށް އެތަނުގައި އޭރު ހުރި ކަޅުވަކަރު މިސްކިިތް ނަގާފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ. އަދި އެ މިސްކިތް ހުރި ތަނުގައި ވަނީ ވިންޓާ ޕާކެއް ހަދާފަ އެވެ. ކަޅުވަކަރު މިސްކިތަކީ ރާއްޖެގެ ތާރީހާއި ސަގާފަތާ ގުޅިފައިވާ ތަނަކަށްވުމުން 200 އަހަރުވީ އެ މިސްކިތް އަލުން ރޭވުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ވައުދުތަކުގެ ތެރޭގައި ވެސް ހިމެނޭ ވައުދެކެވެ.