ފިނޭގައި މިކަމަށްޓަކައި މިއަދު ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ފިނޭގެ އާ އިންޖީނުގެ އާއި، އިންޖީނުގޭގެ އޮފީސް ހުޅުވައި، ފިނޭގެ ފެނާއި ނަރުދަމާގެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އެވެ.
ސަރުކާރުން ފިނޭގެ އިންޖީނުގެ އެޅުމަށް ހަވާލުކުރީ، 2019 ވަނަ އަހަރުގެ ތެރޭ، އެލްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. އެކުންފުނިން މި މަސައްކަތުގެ އަމަލީ މަސައްކަތް ފެށީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
ޕްލޭނިން މިނިސްޓްރީން ސާސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ފިނޭ ފެނާއި ނަރުދާމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއަކީ، ދައުލަތުގެ ބަޖެޓުން 21،335،698.08 މިލިއަން ރުފިޔާ އަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ފިނޭ މިއަދު އިންސާނުން ދިރިއުޅެން އެކަށީގެންވާ ތަނަކަށް ބަދަލުވެފައި ވާކަމަށާއި، ފެނާއި ނަރުދަމާގެ މަސައްކަތް މިއަދު އިފްތިތާހުވެގެން ދިއުމުން ރައްޔިތުންނަށް ހަމަޖެހިލައިގެން ދިރިއުޅެވޭނެ ކަމަށެވެ. މީގެ އިތުރުން ރައީސް ވަނީ، ރަށުގެ ރައްޔިތުންނަށް ސާފު ބޯފެނާއި، ތައުލީމު ހާސިލް ކުރުމުގެ ފަހި ފުރުސަތު ހުޅުވިފައި އޮންނަން ޖެހޭ ކަމަށާއި، އެއީ އަސާސީ ހައްގެއް ކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފިނޭގައިވެސް އިގްތިސާދީ ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށާއި، އެގޮތުން ލޯކަލް ޓޫރިޒަމް އާއި އެހެނިހެން އިގްތިސާދީ ގޮތުން ފައިދާވާނެ ކަންކަން ކުރެވޭނެ ކަމަށެވެ. އަދި އެކަމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ފިނޭއަށް އިތުރު ތަރައްގީއެއް ދެން އަންނަނީ، ފިނޭގެ ބަނދަރު އިތުރަށް ތަރައްގީ ކުރެވިގެން ކަމަށާއި، ފިނޭގެ ބަނދަރު ތަރައްގީ ކުރުމަކީ، ސަރުކާރުން އިސްކަން ދީގެން ކުރާނެ ކަމެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ރައީސްގެ ވާހަކަފުޅުގައި ފެނަކައިން ކުރަމުން ގެންދާ މަސައްކަތް ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، ސަަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުގެ މުހިއްމު އެއް ބައިވެރިޔަކީ، ފެނަކަ ކަމަށާއި، މިކަމާއި ގުޅިގެން ފެނަކައިގެން އެމްޑީ އަހުމަދު ސައީދު އާއި ފެނަކަ ކޯޕަރޭޝަންގެ އެންމެހާ މުވައްޒަފުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.
ފިނޭގައި އަލަށް އިމާރާތް ކުރި އިންޖީނުގެ ހުޅުވައި ދެއްވާ، ރައީސް ސޯލިހު ވަނީ، އާ އިންޖީނުގެ ބައްލަވާލައްވާފަ އެވެ.