ads
ރައީސް ސޯލިހު
ރައީސްގެ އަމާޒު، ބޮޑުތިލަދުންމަތީގެ ފަތުރުވެރިކަން ފުޅާ ކުރުން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތިލަދުންމަތީގެ ހަތަރު ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، ހުރިހާ ގޮތަކުންވެސް ތަފާތު ދަތުރު ފުޅެކެވެ.

ތަފާތީ ހަމައެކަނި އެމަނިކުފާނު ދައްކަވަމުން ގެންދަވާ ވާހަކަފުޅެއް ނޫނެވެ. ތަފާތަކީ، އެމަނިކުފާނު ބޮޑުތިލަދުންމައްޗަށް ދެއްވަމުން ގެންދަވާ އަހައްމިއްޔަތު ކަމެވެ. 24 އަހަރު ވަންދެން ރަށެއްގެ ރައްޔިތުން އެކި ސަރުކާރުތަކުގެ ކިބައިން ކުރި އާދޭހަށް ނިމުމެއް ގެންނުވާ، ރައްޔިތުންނަށް އުފަލުގައި ރޭގަނޑުގެ ހަމަނިދި ނިދާލުމުގެ ފުރުސަތު ފަހިކޮށްދެއްވީ، އެއްވެސް ރައްޔިތެއް އަދި ރަށެއް ބާކީ ނުކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުގެ ދަށުންނެވެ. 

މެނިފެސްޓޯގައި ކަޅު އަކުރުން ލިޔެވިފައި ނެތް ކަމަކު، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމަނިކުފާނުގެ ވެރިކަމުގައި ކޮށްދެއްވަމުން ގެންދަވަނީ، ރަށުގެ އާބާދީ އަށް ބެލުމެއް ނެތި އެވެ. ފިކުރަށް ބެލުމެއް ނެތި އެވެ. ހަމަހަމަ ކަމާއި އިންސާފާއި އެކު އެވެ. 

ކަން މިހެން ހުރި އިރު، މިއަދު ރައީސް ސޯލިހު އުތީމުގައި އަލަށް ހުޅުވުނު އިންޖީނުގެ ހުޅުއްވުމުގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ވަނީ އުއްމީދީ އެތައް ކަމެއްގެ ވާހަކަ ދައްކަވާފަ އެވެ. ދެއްކެވީ، ފެނާއި ނަރުދަމާގެ މަސައްކަތްތަކުގެ ވާހަކައެއް ނޫނެވެ. މަގުގައި ބައްތި ތަކެއް ޖަހައިދޭނެ ކަމުގެ ވާހަކައެއް ނޫނެވެ. ރަށުގައި ފެން ތާންގިއެއް ބަހައްޓައި ދެއްވާނެ ކަމުގެ ވާހަކައެއް ނޫނެވެ. 

އެމަނިކުފާނު ދެއްކެވީ، އުއްމީދީ ވާހަކަފުޅުތަކެއްގެ ވާހަކަ އެވެ. އިގްތިސާދީ ގޮތުން ބޮޑުތިލަދުންމައްޗަށް ބޮޑު ބަދަލެއް ގެނެސްދެއްވާނެ ކަމުގެ އުއްމީދީ ވާހަކަފުޅު ތަކެވެ. 

ރައީސް ސޯލިހު އަބަދުވެސް ދައްކަވާ އެއް ވާހަކަފުޅު އޮވެ އެވެ. 

”އަޅުގަނޑުމެން ވީ ވައުދަކީ އެއީ، ތަފާތުނުކޮށް ހަމަހަމަ ކަމާއިއެކީގައި އިންސާފުން އެންމެނަށް ކަންތައްތައް ކޮށްދިނުން، އިރާދަކުރެއްވިޔާ އެ ބޮޑު ވައުދު އަޅުގަނޑުމެން އެގޮތަށް ފުއްދަމުންގެންދާނަން،“ ރައީސް ސޯލިހު ތަކުރާރުކޮށް ވިދާޅުވެ އެވެ.

އެމަނިކުފާނު މިއަދު އުތީމުގައި ހުންނަވައިގެން ވިދާޅުވީ އުއްމީދުން ފުރިގެންވާ ވާހަކަފުޅެކެވެ. ހަމަ ޔަގީނުންވެސް އެ ވާހަކަފުޅުގެ ސަބަބުން މުޅި ބޮޑުތިލަދުންމަތީގެ ރައްޔިތުން މިއަދު އެމަނިކުފާނަށް ހިތުގެ އެންމެ ފުންމިނުން ހިފެހެއްޓުމެއް ނެތި ޝުކުރު އަދާ ކުރެއެވެ. 

ބޮޑުތިލަދުންމައްޗަށް އެމަނިކުފާނު ގެންނަވާ ބޮޑު ބަދަލުގެ ހުލާސާއެއް މިއަދު އެމަނިކުފާނު ހިއްސާ ކުރެއްވި އެވެ. ރައީސް ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ނިމުމުން ބޮޑުތިލަދުންމަތީގައި ޓޫރިޒަމް ފުޅާވެގެންދާނެ ކަމަށާއި ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ހަތަރު ފަސް އަހަރުގެ ތެރޭގައި އެ ސަރަހައްދުގައި 8،000 އެނދު ތަރައްގީ ކުރުން ކަމަށެވެ.

މިއާއި އެކު ޔަގީންވެގެންދާ އެއް ކަމަކީ، އެމަނިކުފާނު ރައްޔިތުންނާއި ދޭތެރޭ ވިސްނަވާވަރެވެ. އަމިއްލަ ފަސްގަނޑުގައި ތިބެގެން ރާއްޖޭގެ އެންމެ ބޮޑު ސިނާއަތުގެ ތެރޭ މަސައްކަތް ކޮށް ރަނގަޅު އާމްދަނީއެއް ހޯދޭނެ ކަމުގެ އުއްމީދެވެ. މިކަމަށް އެމަނިކުފާނުގެ ދުރުވިސްނުންފުޅު ގެންގުޅުއްވާ ވަރެވެ. 

ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ދަށުން، ބޮޑުތިލަދުންމަތީގެ 41 ރަށް ގުޅުވާލެވިފައި ވާއިރު، ހަނިމާދޫ އެއާޕޯޓް ތަރައްގީ ކޮށް ނިމުމުން ބޮޑުތިލަދުންމަތީގެ ކޮންމެ ރަށަކަށް އިގްތިސާދީ "ބޫމެއް" އަންނާނެ ކަމަށް އެމަނިކުފާނު ދެއްވާ ޔަގީންކަމެވެ. 

"މީގެ ދެ އަހަރު ކުރިން ކޮވިޑާއި ކުރިމަތިވި. ޕްލޭނާއި އެއްގޮތަށް ކަންކަން ނުދިޔަ އެއްސަބަބު އެއީ. ކޮންމެ މަޝްރޫއަކަށް ބޭނުންވާ އެއްޗެއް އެތެރެ ކުރަން ޖެހެނީ ބޭރުން އަދި އެ ތަކެތި ރަށްތަކަށް ފޮނުވުމަށް ވެސް ދަތިތަކާއި ކުރިމަތިވި. އެހެންނަމަވެސް އެ މަސައްކަތް ހުއްޓާނުލައި ފެނަކަ އާއު އެމްޓީސީސީއާއި އެސްޓީއޯއާއި ކުރީ ބުރަ މަސައްކަތެއް." ރައީސް ވިދާޅުވި އެވެ.

މިއަދު އެމަނިކުފާނު އެ މަސައްކަތް ކުރައްވަމުން ގެންދަވަނީ، ހަމަ ހަގީގަތުގައިވެސް ކުލައަކަށް ބެލުމެއް ނެތި އެވެ. އެ މަންޒަރު އެމަނިކުފާނުގެ މި ދަތުރުފުޅުން ހެއްކަކަށް ފުދެ އެވެ. ކައުންސިލް ތަކުން ދެއްވާ އެއްބާރުލުމާއި، ރަށުގެ ރައްޔިތުންގެ ވާހަކަތަކުން ޔަގީންވެދެ އެވެ. 

މިއަދު ބޮޑުތިލަދުންމަތީގެ ރައްޔުތުން ގޮވަމުން ދަނީ، މީގެ ކުރީގެ ސަރުކާރުތަކުން ބޮޑުތިލަދުންމަތި ބާކީކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނުވައި، ބޮޑުތިލަދުންމައްޗަށް ރައީސް ސޯލިހުގެ ސަރުކާރުން އަޅާލާ ވާހަކަ އެވެ. އުފަލާއި ހިތްހަމަޖެހުމާއި އެކު އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް