ads
ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް --- ގާފު ފޮޓޯ: އަހްމަދު ނަދީމް (ނަޑޭ)
ތިނަދޫ ހޮސްޕިޓަލު ތެރޭ އެކަނި އޮވެ އަންހެނަކު ވިހައިފި
ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އޮތް މާބަނޑު އަންހެނަކު އެކަނި އޮވެ ވިހެއި މައްސަލައެއް ފެންމަތި ވެއްޖެ އެވެ.
Advertisement

މި އަންހެން މީހާ އަކީ، ވިހަން ބަނޑުގައި ރިއްސުމާއި، ގުޅިގެން ރޭގެ ވަގުތެއްގައި އެ ހޮސްޕިޓަލަށް ގެންދިޔަ އަންހެނެކެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ، ރޭ 22:00 ހާއިރު ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. 

މި ކަމާއި ގުޅުގެން "ސީއެންމް" އަށް މައުލޫމާތު ދިން އަންހެން މީހާގެ އާއިލާ މީހަކު ބުނީ، އަންހެން މީހާ ވިހަން ބަނޑުގައި ރިއްސައިގަތުމުން ހޮސްޕިޓަލަށް ގެންދިޔަ ފަހުން ފުރަތަމަ އަންހެން މީހާ ބެލި ޑޮކްޓަރުންނާއި، ނަރުހުންގެ ޑިއުޓީ ބަދަލުވި ކަމަށެވެ. އަދި އޭގެ ފަހުން އަންހެން މީހާ އަށް ހޮސްޕިޓަލުން މާ ބޮޑު ސަމާލުކަމެއް ދީފައި ނުވާ ކަމަށް ވަނީ ބުނެފަ އެވެ. 

"ޑިއުޓީ ބަދަލުވި ފަހުން ވަރަށް ފަރުވާ ކުޑަކޮށް ހޮސްޕިޓަލުން ކަންކަން ކުރީ. ގައިނީ ވޯޑުގައި އިނީ އެންމެ ނަރުހެއް. އިރު އިރުކޮޅާ ބަނޑުގައި ރިއްސާގަތީމަ އެވާހަކަ ނަރުސް ކުއްޖާ ކައިރީ ބުނަން. ނަރުސް ކުއްޖާ ބުނޭ އެ އޯކޭ ވާނޭ ގައިނީ ވޯޑުގައި އޮތީމައޭ އާއިލާގެ އެހީތެރިކަން ލިބޭނީ. ތިއޭޓަރަށް ވެއްދީމަ އެކަންޏޭ އޮންނަން ޖެހޭނީ. އެކަމު އޭރު އުޅޭނީ ވިހަން ބަނޑުގައި ރިއްސާ ވަރުން ކެތް ނުވެގެން. އާއިލާ އަށް ކޮންކަމެއްތޯ ކޮށްދެވޭނީ ވިހަން ރިއްސާގަތީމަ،" އާއިލާ ފަރާތުން މައުލޫމާތު ދިން މީހާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ، އެހެން ރިހުން އަރައިގަނެގެން އޮއްވާ އެންމެ ފަހުން ވޯޑަށް އަންހެން މީހާ ވިހެއީ ކަމަށާއި، ވިހެއީ އެއްވެސް ސިއްހީ ހިދުމަތްތެރިއެއްގެ އެހީތެރިކަން ނުލިބި އެކަނި ކަމަށެވެ. އަދި މިއީ ހޮސްޕިޓަލުގެ ފަރުވާ ކުޑަކަމުން ދިމާވި ކަމެއް ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ. 

"ވިހެއި ކުއްޖާގެ ހާލު ރަނގަޅު. އެކަމު މިއީ އެއްނޫން ދޯ ކަންކަން ކުރަންވާނެ ގޮތަކީ. ހޮސްޕިޓަލަށް މިގެންނަނީ ކަމެއް ވެގެން. އެކަނި އޮވެ ހާލުގައި އަދި ރިހުމުގައި ވިހަން ޖެހުން ބަލައި ނުގަނެވޭނެ." އޭނާ ބުންޏެވެ.

މިކަމާއި ގުޅިގެން ސީއެންއެމް އާއި ވާހަކަ ދައްކަމުން، ހޮސްޕިޓަލުގެ ކަސްޓަމާ ރިލޭޝަންސް އޮފިސަރު ސާލިމް އަލީ ވިދާޅުވީ، އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމަށާއި، އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. އަދި އެކަން ފަހުން ހިއްސާ ކުރައްވާނެ ކަމަށްވެސް ސާލިމް ވިދާޅުވި އެވެ. 

ތިނަދޫ ހޮސްޕިޓަލުގެ ވޯޑެއްގައި އެކަނި އޮވެ އަންހެނެއް ވިހާފައި ވާއިރު، މީގެ ކުރިންވެސް އެ ހޮސްޕިޓަލުގެ ހޭނައްތާ ޑޮކްޓަރު ޗުއްޓީ އަށް ދާން ޖެހުމުން ކުރީބައިގައި ސިޒޭރިއަން ހަދަން ޖެހުނު މައްސަލައެއް ވެސް ވަނީ ކުރިން ފެންމަތިވެފަ އެވެ. 

18%
ކަމުގޮސްފި
47%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް