މި ޕްރޮގްރާމަކީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ވޯލްޑްބޭންކްއާ ގުޅިގެން ހިންގަމުންދާ "ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މި ޕްރޮގްރާމުގައި ބައިވެރިވުމުމަށް ޝަރުތުހަމަވާނީ 2022 ވަނަ އަހަރުގެ ފުރަތަމަ ގަ މަސް ދުވަހު އަމިއްލަ މަސައްކަތް ކުރަމުން އައިސްފައިވާ ފަރާތްތަކަށް ކަމަށާއި، އަދި އެޕްލިކޭޝަން ހުށަހެޅުމާ ހަމައަށް، ފާއިތުވެދިޔަ ހަތަރު ހަފްތާގައި ފުލްޓައިމް ވަޒީފާއެއްގައި ނޫޅޭ ފަރާތްތަކާއި، ވަޒީފައިގައި އުޅޭ ފަރާތްތެއްނަމަ ހަފްތާއަކު 20 ގަޑިއިރަށްވުރެ ގިނަ ވަގުތު ވަޒީފާ އަދާ ކުރަމުން ދާ ފަރާތަކަށް ނުވާނަމަ ކަމަށެވެ.
އަދު މި ޕްރޮގްރާމްގެ އެހީއަށް ޝަރުތު ހަމަވުމުގައި ތަމްރީން ޕްރޮގްރާމް އެއް ނިންމުމަށް ހަމަޖެހިފައި ވާކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން މިނިވަން ކޮންޓްރެކްޓަރުންނާއި، ފްރީ ލާންސަރުން، ގޭގައި އަމިއްލަ ވިޔަފާރި ހިންގާ ފަރާތްތަކަށް މިނިސްޓްރީން ކަނޑައަޅާފައިވާ ދާއިރާތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
އެހީދެވޭ ދާއިރާތައް:
- ކާބޯތަކެތި އުފެއްދުން
- އަތްތެރި މަސައްކަތް
- ބިއުޓީ އަދި މޭކަޕް ކުރުން
- ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ
- ފެހުން އަދި ޓެކްސްޓައިލްސް ގެ މަސައްކަތް
- އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
- ކްރިއޭޓިވް އާރޓްސް އަދި މިއުޒިކް
- ކުޅިވަރު އަދި ފިޓްނަސް
މި އެހީގެ ސްކީމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށައަޅަންޖެހޭނީ، ޖޮބް ސެންޓާ ޕޯޓަލް މެދުވެރިކޮށް ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ފިޔަވަހީގައި 500 ފުރުސަތު ހުޅުވާލެވިފައި ވާއިރު، މި ފުރުސަތުތަކުގެ ތެރެއިން 40 އިންސައްތަ އަކީ އަންހެނުންނަށް ހާއްސަކުރެވިފައިވާ ފުރުސަތުތަކެވެ.