އިންޑޮނޭޝިއާގެ އިރުމަތީ ޖާވާގެ މަލަންގް ސިޓީގައި ކުޅުނު މެޗުގައި އަރޭމާ އެފްސީ 3-2 އިން ބަލިވުމުން އަރޭމާ އެފްސީ އާއި ވާދަވެރި ޕެރްސެބަޔާ ސުރަބާޔާގެ ސަޕޯޓަރުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގިއެވެ.
އީސްޓް ޖާވާގެ ފުލުހުންގެ ވެރިޔާ ނިކޯ އަފިންތާ ވިދާޅުވީ، ބަލިވި ޓީމުގެ ސަޕޯޓަރުން ވަނީ ދަނޑަށް އަރައި ހަމަނުޖެހުން ހިންގާފައި ކަމަށެވެ. އެހެންކަމުން ފުލުހުން ކަރުނަ ގޭސް ޖަހާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެންމެ ފުރަތަމަ ވެސް ސަޕޯޓަރުން ކޯޅުންގަނޑެއް ހިންގީ ކަމަށާއި އަދި އެމީހުން އޮފިސަރުންނަށް ހަމަލާދޭން ފެށިކަމަށާއި ކާރުތަކަށް ގެއްލުންދީފައި ވާކަމަށެވެ.
މަރުވި މީހުންގެ ތެރޭގައި ދެ ފުލުހަކު ވެސް ހިމެނޭ ކަމަށާއި 180 މީހުން ވެސް ޒަހަމްވެފައިވާ ކަމަށް ފުލުހުންގެ ވެރިޔާ ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގައި ޝެއާކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ސަޕޯޓަރުން، ރަތް އަދި ނޫ ކުލައިގެ ހެދުން އަޅައިގެން، ދަނޑު މައްޗަށް ވަދެގަނެ، އިންޑޮނޭޝިއާގެ ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތައް ހިނގާމަންޒަރު ފެނެއެވެ.
އަނިޔާވި މީހުންނަށް ލިބުނު އަނިޔާގެ ސީރިއަސްކަން އަދި ސާފެއް ނުވެ އެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި އޮކްސިޖަން ނުލިބުމާއި ނޭވާ ކުރުވުމުގެ މައްސަލަ ތަހައްމަލު ކުރަމުންދާ ގިނަ ބަޔަކު ވަނީ ކައިރީގައި ހުރި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައެވެ.
އެގައުމުގެ ސްޕޯޓްސް އެންޑް ޔޫތު މިނިސްޓަރު ޒައިނުދީން އަމާލީ ވިދާޅުވީ މި ހިތާމަވެރި ހާދިސާގެ ފުރިހަމަ ތަހުގީގެއް ކުރުމަށް ޒިންމާވާ ފަރާތްތައް ކަނޑައެޅުމަށް އެދިފައިވާނެ ކަމަށެވެ.
ހާދިސާ ހިނގި ދަނޑަކީ 42500 މީހުންގެ ޖާގައިގެ ދަނޑެކެވެ.