ads
އެޑިއުކޭޝަން މިނިސްޓަރު
އާންމު ސިޓީ: ސަލާން ޖެހުމުގެ ލަދުވެތިކަމުން އަޅުގަނޑުމެން ސަލާމަތްކޮށްދީ
ސްކޫލްތަކުގެ މެނޭޖްމަންޓާއި ޕީޓީއޭއިން ޓީޗަރުންގެ ދުވަސް ފާހަގަކުރަން ދުރާލައި ތައްޔާރުވާން ފަށަ އެވެ.
Advertisement

އަޅުގަނޑު މަސައްކަތް ކުރާ ސްކޫލްގައި ހުސްވި އަހަރުގެ ޓީޗަރުންގެ ދުވަހުގެ އިހްތިފާލުތައް އެއް މަސްދުވަހަށް ދަންމާލި އެވެ. ކޮންމެ ދުވަހަކު ޓީޗަރުންނަށް ހާއްސަ ސަޕްރައިޒެއް ދިނެވެ. މީގެ ކުރީގެ އަހަރުތަކުގައި މާލޭގެ އަގުބޮޑު ހޮޓާތަކުންނާއި ރިސޯޓުތަކުގައި ޑިނަ ނައިޓް ބާއްވައިދިނެވެ. 

ކުދިންގެ ފަރާތުން އަގުބޮޑު ސެންޓާއި ހެދުމާއި މަލާއި ޗޮކްލެޓް ލިބުނެވެ. ހަދިޔާ ދެވޭނެ ފަދައެއް ނެތް ބައެއް މީހުންގެ ދަރިން ކަރުއެލުވާލައިގެން ތިބޭ މަންޒަރު ވެސް އަޅުގަނޑުމެންނަށް ފެނިފައިވެ އެވެ. 

ކޮންމެއަކަސް މިހާރުގެ ޓްރެންޑަކީ އެހެން ސްކޫލްތަކުގައި ކުރާ ކަންކަން ބަލައި އެއަށްވުރެ ފުރިހަމައަށް ޓީޗަރުންގެ ދުވަސް ފާހަގަ ކުރެވޭތޯ ބެލުމެވެ. 

ޕީޓީއޭގައި ނަގާކިޔަންތިބޭ މުއްސަނދިންނާއި މެނޭޖްމަންޓުން މިކަންކަން ރާވާއިރު ވިސްނާލަންޖެހޭ ކަމަކީ މިކަމުގެ ތަކުލީފު އެންމެ ބޮޑަށް އުފުލަން ޖެހެނީ ތަނަވަސްކަން ނެތް މައިންބަފައިންކަމެވެ. ފުދުންތެރިކަން ނެތް މައިންބަފައިންނަށް މަޖުބޫރުވަނީ ޖަމާއަތުން ބޭރުނުވާން، ނުވަތަ ދަރިފުޅު ލޭބަލްވިޔަ ނުދޭން ދަރަންޏަށް ފައިސާ ނަގައިގެން ވިޔަސް މިކަމުގައި ބައިވެރިވާށެވެ.

މިކަމުގައި ޓީޗަރުން އުފުލަންޖެހޭ ތަކުލީފު ވަކި ކުޑައެއް ނޫނެވެ. މަސް ދުވަސް ވަންދެން ކަލަ ކޯޑް ހަމަޖައްސާފައި ވުމުން ހެދުން ފަހަން އެތައް ހަރަދެއް ކުރަންޖެހެ އެވެ. ސްކޫލްގައި ނުލާހިކު ބުރަކޮށް އުޅެފައި ސެޝަން ނިމުމުން އަރާމުކޮށްލަން ނުވަތަ ޢާއިލާއަށް ދޭންޖެހޭ ވަގުތު ޓީޗަރުންގެ ދުވަސް ފާހަގަކުރަން ރާވާފައިވާ ކުޅިވަރުތަކާއި މުބާރާތްތަކުގައި ބައިވެރިވުމަށް ހޭދަކުރަން ޖެހެ އެވެ. 

ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް މިހޭދަކުރާ ފައިސާ އާއި ހަކަތަ އާއި ވަގުތަކީ ޓީޗަރުން އެދިގެން ހޭދަކުރާ އެއްޗެއް ނޫނެވެ. ޓީޗަރުން ބޭނުންވާ ކަންކަމެއް ވެސް ނޫނެވެ. 

ޓީޗަރުންގެ އަގުވަޒަން ކުރުމުގެ ގޮތުން ސްކޫލްގެ މެނޭޖްމަންޓުގެ ފަރާތުން އަޅުގަނޑުމެން އެދެނީ ސްކޫލްގެ ކަންކަމުގައި އަޅުގަނޑުމެންގެ ލަފާއަހާލައި އަޅުގަނޑުމެންނަކީ ވެސް ބަސްވިކޭ ބަޔަކަށް ހެދުމެވެ. ސްކޫލަކީ މަސައްކަތް ކުރަން ހިތްފަސޭހަ އުފާވެރި މާހއުލަކަށް ހަދާދިނުމެވެ. 

ކިޔަވައިދިނުމަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށްދީ، ކޮންމެ ކަމަކަށް ބެލެނިވެރިންނަށް ސަލާން ޖެހުމުގެ ލަދުވެތިކަމުން އަޅުގަނޑުމެން ސަލާމަތްކޮށްދިނުމެވެ. ޓީޗަރުންގެ ޖިސްމަނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދީ ހަފްތާ ބަންދުތަކުގައި ސްކޫލްގައި ބޮޑު ތަޅު އަޅުވާދިނުމެވެ.

94%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް